Close

މަނަދޫގައި ސިޓީ ހޮޓާ ހެދުމަށް ސްޓޯން ހޮޓަލްސްއާ އެކު ސޮއިކޮށްފި

މަނަދޫގައި ސިޓީ ހޮޓަލެއް އެޅުމަށް ސްޓޯން ހޮޓަލްސްއާ އެކު ސޮއިކުރުމަށް އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތު: މަދުވެގެން 50 އެނދުގެ ސިޓީ ހޮޓަލެއް ގާއިމްކުރާނެ

މި އަތޮޅު މަނަދޫގައި މަދުވެގެން 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ކުންފުންޏަކާ އެކު ޓޫރިޒަމް މިނިސްޓްރީއިން ސޮއިކޮށްފި އެވެ.

އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ރަށުގައި މަދުވެގެން 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ސްޓޯން ހޮޓެލްސްއާ އެވެ. އެ ކުންފުންޏަކީ މާލޭގައި ފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ހިންގާ ވެލިގާ ހާޑްވެއާގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފާތިމަތު ނިލްފާ އެވެ. އަދި ސްޓޯން ހޮޓަލްސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދެވެ.

ސިޓީ ހޮޓާ ހެދުމުގެ އެއްބަސްވުމުގައި ސްޓޯން ހޮޓަލްސްގެ ފަރާތުން ސޮއިކުރަނީ: 2 އަހަރާއި 6 މަސް ތެރޭ ހޮޓާ ނިންމަން ޖެހޭ

ސިޓީ ހޮޓާ އެޅުމުގެ އެއްބަސްވުމުގެ ދަށުން 132،000 އަކަފޫޓުގެ ބިމެއް މަނަދޫއިން ސުޓޯން ހޮޓަލްސްއާ ހަވާޅުކުރާނެ އެވެ. އެ ބިން އެ ކުންފުންޏަށް ދީފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިއްޔެ ސޮއި ކުރި އެއްބަސްވުމުގެ ދަށުން މަސައްކަތް ފަށާތާ 30 މަސް ނުވަތަ ދެ އަހަރާއި ހަ މަސް ތެރޭ ހޮޓާ އެޅުމުގެ މަސައްކަތް ނިންމަން ޖެހެ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ސިޓީ ހޮޓާ ހެދުމުގެ އެއްބަސްވުމުގައި ސްޓޯން ހޮޓަލްސްގެ ފަރާތުން ސޮއިކުރަނީ: 2 އަހަރާއި 6 މަސް ތެރޭ ހޮޓާ ނިންމަން ޖެހޭ

މެންބަރު ހާރޫން ވިދާޅުވީ މަނަދޫގައި ސިޓީ ހޮޓަލެއް އެޅުމުގެ މަޝްރޫއަކީ 2010 ވަނަ އަހަރުން ފެށިގެން މަނަދޫ ރައްޔަތުން ކުރަމުން އަންނަ އުންމީދެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މަނަދޫއަށް ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ޒުވާނުންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރުމަށް ފުރުސަތު ހުޅުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަނަދޫގައި ސިޓީ ހޮޓަލެއް ހެދުމުގެ މަޝްރޫއު ބިޑަށް ލާފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އަދި އެ ބިޑަށް ކުރިމަތިލީ ދެ ފަރާތަކުންނެވެ. އެ ބިޑުން ހޮވުނު ސްޓޯން ހޮޓަލްސްއަށް އެ މަސައްކަތް ހަވާލު ނުކުރެވި ލަސްވީ ސިޓީ ހޮޓާ އެޅުމަށް ކަނޑައެޅި ބިމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top