Close

ފޮއްދޫއަށް އަންނަ މަސްތެރޭ އެމްބިއުލާންސް ފޮނުވޭނެ: ހެލްތް މިނިސްޓަރު

ހެނބަދޫއަށް ފޯރުކޮށްދިން އެމްބިއުލާންސް

އެމްބިއުލާންސެއް ނެތުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ދަތިތައް ކުރިމަތިވެފައިވާ މިއަތޮޅު ފޮއްދޫއަށް އަންނަ މަހު އެމްބިއުލާންސް ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ފޮއްދޫއަށް އެމްބިއުލާންސް ލިބުން ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްބިއުލާންސް ލިބޭނޭ ތާރީހެއް ހޯދުމަށް އެ ރަށަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ހެލްތް މިނިސްޓަރު އަހުމަދު ނަސީމްއާ ލިޔުމުން ކުރި ސުވާލާ ގުޅިގެން މިނިސްޓަރު ނަސީމް މި މަހުގެ 17 ދުވަހު މަޖިލީހަށް ފޮނުއްވި ޖަވާބުގައި ވިދާޅުވީ 96 ރަށަކަށް އެމްބިއުލާންސް ގެނައުމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން 20 އެމްބިއުލާންސެއް މިހާރު ރާއްޖެ ގެނެސް އެ ރަށްތަކަށް ފޮނުވާފައިވާ ކަމަށެވެ.

ބާކީ އޮތް 76 އެމްބިއުލާންސުގެ ތެރެއިން 20 އެމްބިއުލާންސް މި މަހުގެ ނިޔަލަށް ލިބޭނޭ ކަމަށް ވެސް މިނިސްޓަރު ނަސީމްގެ ޖަވާބުގައި ވިދާޅުވެފަ އެވެ. އަދި އެ 20 އެމްބިއުލޭންސް ފޮނުވާ ރަށްތަކުގެ ތެރޭގައި ފޮއްދޫ ހިމެނޭ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ވަނީ ޖަވާބުގައި ދެއްވައިފަ އެވެ.

"މި 20 އެމްބިއުލާންސް ޑިސްޓުރިބިއުޓް ކުރަން ކަނޑައަޅާފައިވާ ލިސްޓުގައި ނ. ފޮއްދޫ ހިމެނިފައިވާ ވާހަކަވެސް ދަންނަވަމެވެ. އެހެންކަމުން ނ. ފޮއްދޫއަށް ޑިސެމްބަރު 2021 (އަންނަ މަހު)ގެ ނިޔަލަށް އެމްބިއުލާންސް ފޯރުކޮށްދެވޭނޭ ކަމަށް ލަފާކުރެވެ އެވެ،" މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެ އެވެ.

މިފަހަރު އެމްބިއުލާންސް ފޮނުވި ރަށްތަކުގެ ތެރޭގައި މި އަތޮޅު ހެނބަދޫ އާއި ވެރިރަށް މަނަދޫ ހިމެނެ އެވެ. މިއަތޮޅު ކުޑަފަރީގެ އެމްބިއުލާންސް ހަލާކުވެ މިފަހުން މީހުން އުފުލަން ޖެހުނީ ރަށު ޕިކަޕެއްގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top