Close

ފޮއްދޫ އާދަޔާ ހިލާފަށް ގިރަނީ، އެހީއަށް އެދެފި

ފޮއްދޫ ވަރަށް ބޮޑަށް ގިރާ ރުއްގަސްތައް ވެއްޓިފައި: މިއީ މިހާ ބޮޑަށް އެ ރަށް ގިރާލި ފުރަތަމަ ފަހަރު ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ | ފޮއްދޫ ކައުންސިލް

މި އަތޮޅުގެ ލޯކަލް ޓޫރިޒަމްގެ މައި ހަބް ފޮއްދޫގެ ހުޅަނގު ފަރާތް އާދަޔާ ހިލާފަށް ގިރާލާ އެ ރަށުން ބޮޑު ބައެއް ގެއްލެމުން ދާތީ ރަށުގެ ކައުންސިލާއި އާންމުން ވަރަށް ބޮޑަށް ކަންބޮޑުވެ އެ މައްސަލަ އަވަހަށް ހައްލުކޮށްދޭން ސަރުކާރުގައި އެދެފި އެވެ.

ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ މިއަދު ނޫނު ޑެއިލީއަށް ވިދާޅުވީ މީގެ މަހެއްހާ ދުވަސްކުރިން ފެށިގެން އެ ރަށުން ގިރަމުން އަންނަނީ ރަށުގެ ހުޅަނގު ފަރާތް ކަމަށާއި މިފަހަރު ގިރަމުން އަންނަނީ އާދަޔާ ހިލާފަށް ބޮޑަށް ކަމަށެވެ. މީގެ ކުރިން ވެސް ހުޅަނގު މޫސުމުގައި ބައެއް ފަހަރު ރަށުގެ ހުޅަނގު ފަރާތް ކުޑަކޮށް ގިރާލާކަން ފާހަގަ ކުރައްވާ މުހައްމަދު ވިދާޅުވި ގޮތުގައި މިފަހަރު ގިރާލިލެއް ބޮޑުކަމުން އެ ސަރަހައްދު ހޭޅި ފަށުގައި ހުރި ރުއްގަސްތައް ވެސް ގިރާލާއިގެން ވަނީ މޫދަށް ވެއްޓިފަ އެވެ.

"ގާތްގަނޑަކަށް 1500 ފޫޓް ގިރާލައިގެން ގޮސްފި. މިއީ މީގެ ކުރިން ދުވަހަކުވެސް މި ރަށް ގިރާލި ވަރެއް ނޫން. ވަރަށް ބޮޑަށް ކަންބޮޑުވެފައި ތިބީ ރަށުގެ ރައްޔިތުން. ސަބަބަކީ އެހާ ބޮޑު ބައެއް ގެއްލިގެން ދާތީ،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް އެދި ފޮޓޯތަކާ އެކު އެންވަޔަރުމަންޓު މިނިސްޓްރީއަށް މިހާރު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ރަށް ގިރާފައިވާ ފޮޓޯތަކާ އެކު އެ ކަންބޮޑުވުން އާންމު ރައްޔިތަކު ޓުވިޓާގައި ފާޅުކޮށް މިނިސްޓްރީން އެހީވުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އެކަމާ ގުޅިގެން މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް)ގެ ޒައީމް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ފޮއްދޫ އެހާ ބޮޑަށް ގިރަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ފޮއްދޫ ވަރަށް ބޮޑަށް ގިރާ ރުއްގަސްތައް ވެއްޓިފައި: މިއީ މިހާ ބޮޑަށް އެ ރަށް ގިރާލި ފުރަތަމަ ފަހަރު ކަމަށް ކައުންސިލުން ބުނޭ -- ފޮޓޯ | ފޮއްދޫ ކައުންސިލް

"މިކަމަށް އަވަސް ހައްލެއް ހޯދުން ވަރަށް މުހިންމު،" ވެރިކަމުގައި ހުންނެވި އިރު ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކަށް ބޭރު ދުނިޔޭގައި ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ.

ހިމާޔަތް ކުރި ފަޅިއަށް ވެސް ރައްކަލެއް ނެތް

މީގެ ކުރިން ފޮއްދޫގެ ޖެޓީ ފަރާތް ނުވަތަ އިރުމަތި ފަރާތް ވެސް ގިރަމުން އަންނާތީ 2020 ވަނަ އަހަރު އެ ސަރަހައްދުގައި ބަސްތާ ޖަހާ ވަނީ ހިމާޔަތްކޮށްފަ އެވެ.

ކައުންސިލްގެ ރައީސް މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި އެ ފަރާތް ވެސް ހަދާފައި ހުރީ ރަނގަޅަކަށް ނޫނެވެ. އެތަނުގައި ބަސްތާތައް ޖަހާފައި ހުރި ގޮތުން އެ ފަރާތް ވެސް ގިރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި ރަށަށް ވެސް ރާޅުގެ އަސަރުވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ފޮއްދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ބަސްތާ ޖަހާފައި -- ފޮޓޯ | އެމްޓީސީސީ

"މަސައްކަތް ކޮށްފައި ހުރި ގޮތުން އެ ފަރާތަށް ވެސް ހައްލެއް ނުލިބޭ،" މުހައްމަދު ވިދާޅުވި އެވެ.

ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އޭރު ކުރި މަސައްކަތގައި 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ވަނީ އަތުރާފަ އެވެ. އަދި 5000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކޮށްފައިވެ އެވެ.

އެ މަސައްކަތަށް 6.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ފޮޓޯއިން --

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top