Close

ކުޑަފަރީގެ 3 ކުދިން ރާޅާ އެޅުމުގެ ގައުމީ މުބާރާތުގައި ވާދަކުރަނީ

ކުޑަފަރީން މާލެ އައި ތިން ރާޅާ އެޅުންތެރިން އެ ރަށުން ފުރުމުގެ ކުރިން އެ ކުދިންގެ ބެލެނިވެރިންނާ އެކު: މި ޒުވާނުންނަށް ރާޅާ އެޅުމުގެ މުބާރާތަށް އާދެވުމަކީ ކާމިޔާބެއް ކަމަށް އެ ރަށު ކައުންސިލުން ބުނޭ -- ފޮޓޯ | ކުޑަފަރީ ކައުންސިލް

މިއަދު ފަށާ ރާޅާއެޅުމުގެ ގައުމީ މުބާރާތް "ސީސުޕޯޓްސް ރަންނަމާރި ޗެލެންޖް"ގައި މި އަތޮޅުގެ ކުޑަފަރީގެ ތިން ކުއްޖަކު ވާދަކުރަން މާލެ އަތުވެއްޖެ އެވެ.

މި މަހުގެ 30ގެ ނިޔަލަށް ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދާ ރާޅާ އެޅުމުގެ މުބާރާތުގައި ކުޑަފަރީން އައި ތިން ކުދިން ވެސް ބައިވެރިވާނީ 18 އަހަރުން ދަށުގެ ޖޫނިއާ ބޯއީސްގެ ހީޓުގަ އެވެ. ރަންނަމާރީ ޗެލެންޖުގައި ވާދަކުރާ ކުޑަފަރީ ކުދިންނަކީ:

1. ޔޫސުފް ރަހާއު - 13އ.

2. ރިފާޝް އަހުމަދު - 16އ.

3. އަލޫފް ގާލިބު - 13އ.

އެ ހުރިހާ ކުދިންނަކީ ވެސް ކުޑަފަރީ ސުކޫލްގެ ދަރިވަރުންނެވެ. އެ ކުދިން މާލެ އައުމާއި ހުރުމާއި ކެއުމުގެ ހަރަދުތައް އަދި އެ ކުދިންގެ ރާޅާއެޅުމުގައި ބޭނުން ކުރާ ކިޓް ސުޕޮންސާކޮށްފައި ވަނީ މި އަތޮޅުގައި ރިސޯޓު އޮޕަރޭޓް ކުރާ ސޮނޭވާ ކުންފުނީގެ ސީއެސްއާރު ޕުރޮގްރާމް "ސޮނޭވާ ނަމޫނާ" އިންނެވެ.

އެ ކުދިންނާ ހަވާލުވެގެން ކުޑަފަރީ ކައުންސިލްގެ މެންބަރަކު ވަނީ މާލެ އައިސްފަ އެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު މިއަދު ނޫނު ޑެއިލީއަށް ވިދާޅުވީ ކުޑަފަރީގައި ރާޅާއެޅުމުގެ ހުނަރު ހުރި ވަރަށް ގިނަ ކުދިން އެބަ ތިބި ކަމަށެވެ. އަދި މިފަހަރު ސީދާ ކުޑަފަރީން ތިން ކުއްޖަކު މާލެ ގޮސް ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ރަށަށް ލިބޭ ވަރަށް ބޮޑު ފަހުރަކާއި އުފަލެއް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

"އަސްލު ވަރަށް އުފާވޭ ރަށުގެ ކުދިންތަކަކަށް ދެވުނީމާ. އެ ކުދިންނަށް ގައުމީ މުބާރާތުގައި ބައިވެރިވެވޭތީ. ކުއްޖަކަށް ވަނައެއް ނުލިބުނަސް އެ ކުދިންނަށް އެ ހިސާބަށް ދެވުމަކީ ވެސް ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ދެކެނީ. މިހާރު ކެރިއާއެއް ގޮތަށް ވެސް އެބަ ހުރި އެތްލީޓެއް ގޮތަށް ރާޅާ އެޅުމުން ކުރިއަށް ދެވެން. އެ ކުދިންނަށް ބޭނުންވަނީ ފުރުސަތު،" ޝަމީމް ވިދާޅުވި އެވެ.

އެގޮތުން މި ފަހަރުގެ ގައުމީ މުބާރާތުގައި ވެސް ކުޑަފަރީއަށް ނިސްބަތްވާ ހަ މީހަކު އެކި ހީޓްތަކުގައި ވާދަކުރާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން މާސްޓާސް ހީޓުގައި ވާދަކުރާ، ރާޅާއެޅުންތެރިޔާ އަޒްލީން ނަސީރަކީ ވެސް ކުޑަފަރީއަށް ނިސްބަތްވާ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top