ކުޑަފަރީގެ ޒުވާނުންނާ ގުޅޭ ހަތަރު މަޝްރޫއެއް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ޔަގީންކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެ ރަށުގެ ކައުންސިލާ ބައްދަލު ކުރައްވާ ދެއްވައިފި އެވެ.
ޔޫތް މިނިސްޓަރު މަހުލޫފު ކުޑަފަރީ ކައުންސިލާ ބައްދަލު ކުރެއްވީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު މި އަތޮޅުގައި މި ފަހުން ހުޅުވި ސިޔާމް ވޯލްޑު ރިސޯޓުގަ އެވެ.
ސިޔާމް ވޯލްޑުގެ ވެރިޔާ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުވެސް ބައިވެރިވެލެއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ކުޑަފަރީ ކައުންސިލުން ބުނީ މިނިސްޓަރު މަހުލޫފާ އެކު ބޭއްވި ބައްދަލުވުމުގެ ބޭނުމަކީ ރަށުގައި ހުރި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާގެ ކަންކަން ކުރިއެރުވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޔަގީންކަން ދެއްވި ކަންތައްތަކުގެ ގޮތުގައި ކައުންސިލުން ފާހަގަ ކުރީ:
1. ބޮޑު ދަނޑުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތުން މިހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ރަށަށް ދާނެކަމަށް. އަދި އެ މުއްދަތަށް މަސައްކަތް ނުފެށިއްޖެނަމަ، ކޮންޓްރެކްޓް ބާތިލުކޮށް އައު ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ފަށާނެ ކަމަށް
2. މިވަގުތު ބޭނުންކުރަމުން ގެންދާ ކުޑަ ދަނޑުގެ މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ކައުންސިލުން ބަލައި މިނިސްޓްރީއަށް ހުށަހެޅުމުން މިއަހަރު އެމަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސައިދެއްވާނެކަމަށް
3. ވޮލީ ކޯޓުގެ ޕްރޮޖެކްޓް ޕްރޮޕޯސަލްއެއް ޖަމިއްޔާއެއް މެދުވެރިކޮށް ފޮނުއްވުމަށް، އެއިރުން ކޮމިއުނިޓީ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމަށް އެހީތެރިކަން ފޯރުކޮއްދެއްވާނެ ކަން
4. ބޮޑު ދަނޑުގެ ލައިޓް ޖެހުމުގެ ކަންކަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް
އެ ބައްދަލުވުން އިންތިޒާމުކުރުމުގައި މެންބަރު ސިޔާމްއަށް ކޮއްދެއްވި މަސައްކަތަށް ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.