Close

ހޮޅުދޫ އަބްދުﷲ: ގެއްލިގެން އެދިޔައީ ނޫނުގެ ދަރިއެއް

ވެލިދޫ ހަސަން ކަލޭގެ (ދާލު ހަސަން ކޮއިގެ) އަބްދުﷲ ހަސަން މަޝްހޫރު ނަމުން ނަމަ ހޮޅުދޫ އަބްދުﷲ މިއަދު އަވަހާރަވެއްޖެ އެވެ. އޭނާގެ ރީތި އަޑުން ދިވެހިންގެ ތެރެއަށް އެތައް ގައުމީ ލަވަތަކަކާއި މަދަހަ ތަކެއް ދޫކުރެއްވި ގައުމީ ހިދުމަތްތެރިޔާ ހޮޅުދޫ އަބްދުﷲ ދިވެހިން ބަލައިގަންނަނީ "ގައުމީ އަޑު"ގެ ގޮތުގަ އެވެ.

ހޮޅުދޫ އަބްދުﷲގެ ނަމުން އޭނާއަށް މުހާތަބު ކުރެވެނީ އޭނާގެ މަންމައަކީ މި އަތޮޅު ހޮޅުދޫ މީހަކަށް ވާތީ އެވެ.

ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ހާސިލްކުރައްވާފައިވާ ހޮޅުދޫ އަބްދުﷲ އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ. އޭނާ އަވަހާރަވީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ބަލި އެނދުގައި އާލާސްކަންފުޅާ އޮންނެވުމަށް ފަހު އެވެ.

ލަވަ ވިދާޅުވުމުގެ އިތުރަށް އަބްދުﷲ ވަނީ އެޓޯލްސް މިނިސްޓްރީގައި ވަޒީފާ އަދާކުރައްވާ އަތޮޅުތަކުގެ އެކި ރަށްރަށަށް ހިދުމަތް ކުރައްވައިފަ އެވެ. އެގޮތުން އެކި އަތޮޅުތަކުގައި އަތޮޅުވެރިއެއްގެ ނައިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. މީގެ އިތުރުން ތައުލީމު ކުރިއަރުވާ މަރުކަޒުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކުރައްވާ ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އުފައްދަވައި ގެނެސްދެއްވި އެވެ.

ހޮޅުދޫ އަބްދުﷲގެ ހަނދާންތަކުން ތަންކޮޅެއް

ހޮޅުދޫ އަބްދުﷲގެ ހަނދާން އާ ކުރައްވަމުން ވެލިދޫގެ ކުރީގެ އިސް މުދައްރިއްސެއް ކަމަށްވާ އަދި ވެލިދޫގެ ތާރީހުވެސް އެނގިވަޑައިގަންނަވާ އާދަމް އިބްރާހިމް (އާދަމް މުދައްރިސް) ވިދާޅުވި ގޮތުގައި ހޮޅުދޫ އަބްދުﷲގެ ބައްޕަ ވެލިދޫ ހަސަން ކަލޭގެ އަކީ ވެސް މާލޫދޫ ހަރުގެތައް ހައްދަވައިގެން ވަރަށް ރީތިކޮށް މާލޫދު ވިދާޅުވި ބޭފުޅެކެވެ. އޭރު މާލޫދު ކިޔާ މީހުންގެ ތެރެއިން އެންމެ ރީތި އަޑުގެ ވެރިޔަކީ ހަސަން ކަލޭގެ ކަމަށް މީހުން ބުނާ ކަމަށް އާދަމް މުދައްރިސް ވިދާޅުވި އެވެ.

އާދަމް މުދައްރިސް ވިދާޅުވީ އަހަރުމެންގެ މި ފަނާވެ ދުނިޔެއާ ހޮޅުދޫ އަބްދުﷲ ވަކިވެ ދިޔަ ނަމަވެސް އޭނާގެ އަޑާއި ހިދުމަތް އަހަރުމެންގެ ތެރޭ ތާ އަބަދަށް ދެމި ހުންނާނެ ކަމަށެވެ. އޭނާ ކިޔައި ދެއްވި މަދަހަތަކާއި ލަވަތައް ހަނދާނުން ނުފުހެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަސް ކިޔުއްވާ ގޮތާ އެ ކިޔުއްވާ ރާގާ. އެއީ އޭގެ ދެވަނައެއް ނެތް ފަންނާނެއް،" އާދަމް މުދައްރިސް ވިދާޅުވި އެވެ.

އަބްދުﷲ ހަސަން (ކ) އޭރުގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ނައިފަރު ދޮހޮއްކޮ (ވ) އަދި ހޯރަފުށީ ފަރީދާއާ އެކު.

ހޮޅުދޫ އަބްދުﷲއާ ތިމާގެ އަދި މިހާރު ވެލިދޫ އިންޖީނު ގޭގެ މެނޭޖަރު ވެލިދޫ އަތަމާގޭ އަހުމަދު ހުސެއިން އަބްދުﷲގެ ހަނދާންތައް އާ ކުރައްވަމުން ވިދާޅުވީ އެންމެ ކުޑައިރު އެގެއަށް ދާއިރުވެސް އަބްދުﷲބެ އަބަދުވެސް ހުންނަވާނީ ވަރަށް ނަލަ ހެދި ސްމާޓްކޮށް ކަމަށެވެ. އެގޮތުން ކުޑައިރު އަބްދުﷲބެ އާ ދިމާވާ ކޮންމެ ފަހަރަކުވެސް ލަވައެއް ނުވަތަ މަދަހައިން ތަންކޮޅެއް ކިޔާލަ ދޭނޭ ކަމަށް ވެސް އަހުމަދު ހުސެއިން ވިދާޅުވި އެވެ.

އަހުމަދު ހުސެއިން ކުޑައިރު ކިޔަވަން ހުންނެވީ ހޮޅުދޫ އަބްދުﷲގެ ބޭބެގެ ގެ ރޮބިންސުގަ އެވެ.

"ވިކުޓުރީ ސްޕޯޓްސް ކުލަބަށް ތަށި ލިބިގެން އެއް ފަހަރު އަޅުގަނޑު ލައްވާ ލަވައެއް ކިޔުއްވަން ވެސް އުޅުނު ހަނދާނެއް ހުރޭ. މިޔުޒިކާ ނުލާ ވަރަށް ރީތިކޮށް ލަވަ ކިޔުއްވާނެ. އަނެއްކާ އަޑަށް ވަރަށް ބަލައިގެން އުޅުއްވާނީ،" އަހުމަދު ހުސެއިން ވިދާޅުވި އެވެ.

ހޮޅުދޫ އަބްދުﷲ ޒުވާނުން އިރު: އޭނާ މިއަދު އަވަހާރަވީ 83 އަހަރުގައި

މީގެ އިތުރުން ގުރުއާނާއި މާލޫދޫވެސް ވަރަށް ރީއްޗަށް އަބްދުﷲބެ ކިޔުއްވި ކަމަށް އަހުމަދު ހުސެއިން ވިދާޅުވި އެވެ.

ހޮޅުދޫ އަބްދުﷲ ވިދާޅުވެފައިވާ ފާހަގަ ކޮށްލެވޭ ލަވަތަކުގެ ތެރޭގައި:

ގަސް ރުކުން މަލަފެވޭ ރީތިވީ

މިއީ ހޮޅުދޫ އަބްދުﷲ ވިދާޅުވި ލަވަތަކުގެ ތެރެއިން އެ ލަވައެއް ދިވެހި ޒުވާނުންގެ މެދުގައި އަދިވެސް މަޝްހޫރު އެއްލަވަ އެވެ. އަނބިކަނބަލުން މާގަސްދޮށުގޭ އައިޝަތު އަނީސް އިނގިރޭސި ރާގަކަށް ހެއްދެވި "ގަސް ރުކުން މަލަ ފެވޭ" މި ލަވަ ހޮޅުދޫ އަބްދުﷲ ރެކޯޑް ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އަޑަށް ހަދިޔާކުރެއްވި އެވެ. ރާއްޖޭގެ ރީތިކަން ބުނެދޭ އެލަވައިގެ އެތައް ރިމޭކު ތަކެއް ހަދާފައިވާ އިރު ގައުމީ އެތައް ހަފްލާތަކާއި މުނާސަބަތުތަކުގައި މި ލަވަ މިހާރުވެސް ބޭނުން ކުރެ އެވެ. މިހާރު މިލަވަ މަޝްހޫރީ އޯވަޒަންގެ ނަމުންނެވެ.

ގައުމަށް އައި މިނިވަން ނޫރާނީ

މިއީ 1948 ވަނަ އަހަރުގެ ދާހިލީ މިނިވަންކަމުގެ އެގްރިމެންޓުގައި ރާއްޖެ އާއި އިނގިރޭސި ވިލާތުން ސޮއިކުރުމާ ގުޅިގެން ހޮޅުދޫ އަބްދުﷲ ވިދާޅުވި ގައުމީ ލަވައެކެވެ. އެ ލަވަ އަޑުއިވޭ އިރު މިހާރުވެސް މިނިވަންކަމުގެ ތަފާތު ރޫހެއް އާލާވެ އެވެ. ގައިން ހީބިހި ނަގައިގެން ދާ ކަހަލަ އިހްސާސްތަކެއް ކުރެވެ އެވެ. މި ލަވައިގެ ޅެމުގެ މާނަ ވަރަށް ފުނެވެ. މިނިވަންކަމުގެ އެތައް ވާހަކައެއް ބުނެދެ އެވެ؛ "ދިވެހިންގެމި ޢީބާތްތެރި ބިމުގައި ދިވެހިންގެ މުބާރިކް ފެހި ދަނޑުގައި...ދިވެހިންގެ މުރާލިކަން ރުވަމުން ދިޔަ ގަސްތައް ފޯދިދަނީ" މިއީ މި ލަވައިން ފާހަގަ ކޮށްލެވޭ ކަނޑިއެކެވެ.

ވަތަން އެދޭ ގޮތަށް

މިއީ ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ "ވަތަންގެ ދަރީންނަށް ގޮވައިލުމެއް" މި ސުރުހީގެ ދަށުން، ހެއްދެވި ޅެމެކެވެ. ހޮޅުދޫ އަބްދުﷲގެ އަޑުން މި ޅެން ދިވެހިންގެ ތެރޭގައި ލަވައެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި އިރު މިއީ ގައުމުދެކެ ލޯބިވުމަށް ކުރައްވާފައިވާ ހާއްސަ އިލްތިމާސެއް އަދި ވަސިއްޔަތެއްގެ ގޮތުގައި އަމީން ހެއްދެވި ޅެމެކެވެ. މި ހާއްސަ ލަވަޔަކީ އިންޑިޔާގައި ވަރަށް މަޝްހޫރުވި 1948 ގައި ނުކުތް ފިލްމެއް ކަމަށްވާ "ޝަހީދު" ގައި ހިމެނޭ "ވަތަންކެ ރާހްމޭ ވަތަންކެ ނޯޖަވާން ޝަހީދުހޯ" މިލަވައިން އިންސުޕެއާ ވެގެން އަމީން ދީދީ ހެއްދެވި ޅެމެކެވެ. މި ލަވަ ދިވެހި ޒުވާނުންގެ މެދުގައި މަޝްހޫރުވީ އެމްޑީޕީން 2008ގެ ރިޔާސީ ކެމްޕޭންގެ ތީމް ލަވައަކަށް މި ލަވަ ބޭނުން ކުރުމުންނެވެ.

ވަޑައިގަންނަވާށޭ، ކިލާހަށް އަސާސީ

ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ލިޔަން ކިޔަން އިނގޭ މީހުންނަށް ހެއްދެވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 1980ގެ ކުރީކޮޅު ފެއްޓެވީ "އަސާސީ ތައުލީމު ޕްރޮގްރާމް"ގެ އަޑަކަށް ވީ އަބްދުﷲ ހަސަން އެވެ. އެ ގައުމީ ކެމްޕޭނުގެ ތީމް ލަވައެއްގެ ގޮތުގައި ބޭނުން ކުރި މި ލަވަ މުޅި ރާއްޖޭގެ އެންމެންހެން އަދިވެސް ހަނދާން ހުރެ އެވެ. މި ލަވަ ނޭނގޭ ދިވެއްސަކު ހުންނާނެހެން ހިއެއް ނުވެ އެވެ. މިހާރުވެސް ދިވެހިރާއްޖޭގެ އަޑުގެ އެކި ޕްރޮގުރާމްތަކުގައި މި ލަވަ ބޭނުން ކުރެ އެވެ.

މީގެ އިތުރުން މި ޕްރޮގުރާމު ޕްރޮމޯޓް ކުރެއްވުމަށް އޭނާ ކިޔުއްވި އެހެން ލަވަތަކަކީ؛"އިސްލާހުވާން އެދޭ ނަމަ ފުރުސަތު ނަގާނުލާ"، "ދޮންބޭ ތެދުވޭ" އަދި "ކިހާ އުފާ ލިބޭކަމެއްތޯ ކިޔަން ދަސްވުމަކީ" ފަދަ ލަވަތަކެވެ.

ހޮޅުދޫ އަބްދުﷲ ހަމައެކަނި ވިދާޅުވީ ގައުމީ ލަވަ އެކަންޏެއް ނޫނެވެ. ވަރަށް މާނަ ފުން ލޯބީގެ ލަވަތައް ވެސް ވިދާޅުވި އެވެ. އެގޮތުން ވިދާޅުވި ބައެއް ލަވަތަކަކީ:

އަސްރު ދިޔައީ ގެއްލިގެން

މިއީ ބަގީޗާގޭ މަރިޔަމް ސައީދު ހެއްދެވި ވަރަށް ތަފާތު އެތައް ޝުއޫރުތަކެއްގެ ވާހަކަ ހިމެނޭ ޅެމެކެވެ. ހޮޅުދޫ އަބްދުﷲގެ އަޑުން ދިވެހިންނަށް ލަވައެއްގެ ގޮތުގައި އިވިގެން ދިޔަ އަސްރު ދިޔައީ ގެއްލިގެން ވީ ދިވެހިރާއްޖޭގެ އަޑުގެ ރިކުއެސްޓް ޕްރޮގްރާމްތަކުގައި 80ގެ އަހަރުތަކުގައި ގިނަ ބައެއްގެ އެއް ވަނަ ހޮވުމަށެވެ. އެ ލަވައިގައި ކިޔައި ދެނީ އިންތިހާ ދަރަޖައިގެ ލޯތްބެއްގެ ވާހަކަ އާއި އެ ލޯބި ގެއްލުމުން ލިބުނު މާޔޫސްކަމުގެ ވާހަކަ އެވެ.

މީގެ އިތުރުން ބުއްދިގޭ ސީދީގެ ތުއްތު ސިއްތި އާއި އޭނާގެ ފިރިކަލުން މއ. ވައިމަތީގޭ ހާލިދު ހަސަން ދީދީ އަވަހާރަވުމުގެ ހިތާމައިގައި އިބްރާހިމް ޝިހާބު ހެއްދެވި "ގުދުރަތުގެ ރަހުމަތް" މި ޅެމަށް ވެސް ލަވަ ވިދާޅުވެފައިވެ އެވެ. ހޮޅުދޫ އަބްދުﷲ ވަނީ ހިލޭ ސާބަހަށް ވެސް ދިވެހިރާއްޖޭގެ އަޑަށް ސީރަތުގެ މަދަހަތަކާއި އެހެން ވެސް މަދަހަތައް ކިޔުއްވައި ދެއްވައިފަ އެވެ. މިހާރުވެސް ހުކުރު ދުވަހު ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ހޮޅުދޫ އަބްދުﷲގެ މަދަހަތައް ގެނެސްދެ އެވެ.

ހޮޅުދޫ އަބްދުﷲ އަހަރުމެންނާ ވަކިވެ ދިޔަ ނަމަވެސް އޭނާގެ އަޑު އަހަރުމެންގެ ހިތްތަކުން ފޮހެވިގެން ދިޔުމެއް ނުވެ އެވެ. އެ އަޑު އަހަރުމެންގެ ތެރޭ ދިރިދިރި ހުންނާނެ އެވެ.

ހޮޅުދޫ އަބްދުﷲގެ ޖަނާޒާ އޮތީ މިރޭ މަގުރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top