Close

މާޒިޔާ އާއި ކައުންސިލް ގުޅިގެން ކެނދިކުޅުދޫގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކޮށްފި

މަޝްހޫރު އަދި ދިވެހި ލީގުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބް، މާޒިޔާ ސްޕޯޓްސް ކްލަބާއި ކެނދިކުޅުދޫ ކައުންސިލް ގުޅިގެން އެ ރަށުގައި ފުޓްބޯޅަ އެކަޑަމީއެއް ގާއިމްކޮށްފި އެވެ.

"މާޒިޔާ ފުޓްބޯލް އެކަޑަމީ-ކެނދިކުޅުދޫ" ގެ ނަމުގައި ގާއިމްކުރި މި އެކަޑަމީގައި ޓްރޭންވާން ޝައުގުވެރިވާ ކުދިންނަށް މިހާރު ވަނީ އެ އެކަޑަމީގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފަ އެވެ. އެގޮތުން އެކަޑަމީއަށް ވަނުމަށް އެދި ފޯމު ލުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 އެވެ. އަދި ފޯމާ އެކު ފޮޓޯ ހުށަހެޅުން ކޮންމެހެން ލާޒިމެއް ނޫނެވެ. 

ކެނދިކުޅުދޫ ކައުންސިލް މެމްބަރު މުހައްމަދު ޝާހިދު މިއަދު ނޫނޫ ޑެއިލީއަށް ވިދާޅުވީ އެ އެކަޑަމީގައި ބައިވެރިވާ ކުދިންނަށް ޖާޒީ ކިޓާއި ކުޅިވަރު އާލަތްތައް ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެ އެކަޑަމީގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މަހު ފީގެ ގޮތުގައި 150ރ. އަށް ވުރެ ބޮޑުނުވާނެ އަދަދެއް ނަގަން ވިސްނަމުން އަންނަ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ. 

"މިގޮތަށް ފީއެއް ނަގަންޖެހެނީ ރަށުން ވެސް ޓްރޭނަރުން ނެގުމަށް ވިސްނާފައި ވާތީ އެ ބޭފުޅުންނަށް ވެސް އެއްޗެއް ދިނުމުގެ ގޮތުން. މީގެ އިތުރުން މާލެއިން ވެސް ޓްރޭނަރުން އައިސް ކުދިން ތަމްރީނުކުރުމުގައި އެހީތެރިވެ ދެއްވާނެ،" ކެނދިކުޅުދޫ ކައުންސިލުގެ ފަރާތުން ކުޅިވަރުގެ ކަންކަމާ ހަވާލުވެ ހުންނަވާ މެމްބަރު ޝާހިދު ވިދާޅުވި އެވެ. 

މި އެކަޑަމީ އަށް ކުދިން ނެގުމަށް ނިންމާފައި ވަނީ ތިން އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. އެއީ: 

  • 6 އަހަރާއި 9 އަހަރާ ދެމެދު
  • 9 އަހަރާއި 11 އަހަރާ ދެމެދު
  • 11 އަހަރާއި 14 އަހަރާ ދެމެދު

ކެނދިކުޅުދޫ ކައުންސިލުން ބުނީ މިއީ އަލަށްް އުފެދޭ ކުދިންގެ ކުޅިވަރުގެ ހުނަރު އިތުރު ކުރުމަށް ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި މި އެކަޑަމީގައި ދެ ޖިންސްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top