Close

ކޮވިޑް ފެނިގެން ވެލިދޫ އާއި ކުޑަފަރީ މޮނިޓަރިންއަށް ލައިފި

މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި މި އަތޮޅު ހެނބަދޫގައި ކޮވިޑް ފެތުރުމާ ގުޅިގެން ސާމްޕަލް ނެގުމުގައި ފަސްޓް ރެސްޕޮންސް ޓީމްތަކުން ހަރަކާތްތެރިވަނީ: މިވަގުތު މި އަތޮޅުގައި ހަތަރު ރަށުގައި ކޮވިޑް އެބަ އޮތް -- ފޮޓޯ | ހެނބަދޫ އިންސައިޑް

ކޮވިޑުގެ ކޭސްތަކެއް ފެނިގެން މި އަތޮޅު ވެލިދޫ އާއި ކުޑަފަރީ މޮނިޓަރިންއަށް ލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމު ކުރި މޮނިޓަރިންއަށް ލީ ރަށްތަކުގެ ލިސްޓުގައިވާ ގޮތުގައި މިއަދު އަލަށް މޮނިޓަރިންއަށް ލީ ރަށްތަކުގެ ތެރޭގައި ވެލިދޫ އާއި ކުޑަފަރީ ހިމެނެ އެވެ. ރަށެއް މޮނިޓަރިންއަށް ލަނީ އާންމު މުޖުތަމައުން ކޮވިޑުގެ ކޭސްތަކެއް ފެންނަން ފެށުމުންނެވެ. އެފަދަ ރަށްތަކުން ހުއްދަ ނެތި ރަށުން ބޭރުވުމާއި މީހުން ރަށަށް އެރުން މަނާވާނެ އެވެ.

މިއީ ވެލިދޫ މޮނިޓަރިންއަށް ލީ ތިން ވަނަ ފަހަރެވެ.

މިއަތޮޅުގައި ދެން މޮނިޓަރިންގައި ހުރި ރަށްތަކަކީ:

  • ހޮޅުދޫ؛ މޮނިޓަރިންއަށް ލީ އޮކްޓޯބަރު 20ގައި
  • ކެނދިކުޅުދޫ؛ މޮނިޓަރިންއަށް ލީ އޮކްޓޯބަރު 21ގައި
  • މިލަދޫ؛ މޮނިޓަރިންއަށް ލީ އޮކްޓޯބަރު 28ގައި

އެހެން ކަމުން މި އަތޮޅުގައި ޖުމްލަ ފަސް ރަށެއް މިހާރު ވަނީ މޮނިޓަރިންއަށް ލާފަ އެވެ. މިފަހުން މި އަތޮޅު މަނަދޫ ވަނީ މޮނިޓަރިންއަށް ލުމަށް ފަހު މޮނިޓަރިންއިން ނަގައި ރަށް ހުޅުވާލައިފަ އެވެ.

މޮނިޓަރިންގައި ހުރި ރަށްތަކުން އެންމެ ގިނަ ކޭސް މިހާތަނަށް ފެނިފައި ވަނީ ހޮޅޫދޫއިންނެވެ. އެ ރަށުގައި ބަލި ޖެހިފައިވާ 41 މީހަކު އެބަ ތިއްބެވެ. އަދި އިއްޔެ ވެސް އެ ރަށުން 14 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ކެނދިކުޅުދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ރަށުގެ ތެރެއިން މިހާރު ބަލި ފެންނަމުން ނުދެ އެވެ. އަދި މިލަދޫން ކައުންސިލުން ބުނެފައި ވަނީ ރަށުގައި ބަލި ޖެހިފައި ތިބީ 13 މީހަކު ކަމަށެވެ.

ކޮވިޑުގައި އެއްވެސް ސީރިއަސް ކޭސްއެއް މި އަތޮޅުގެ ރަށަކުން ރިޕޯޓްކޮށްފައެއް ނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top