ކޮވިޑް ފެތުރުމާ ގުޅިގެން މޮނީޓަރިންއަށް ލާފައިވާ މި އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫގެ މޮނިޓަރިން ދެ ހަފްތާއެއްހާ ދުވަސް ފަހުން އުވާލާ ރަށް ހުޅުވައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދު ރަހުމާސް ސޮބީހު މިއަދު ނޫނު ޑެއިލީއަށް ވިދާޅުވީ ރަށުގެ މޮނިޓަރިން އުވާލީ އިއްޔެގެ މެންދުރު 2:34ގައި ކަމަށެވެ. އެ ރަށް މޮނިޓަރިންއިން ނެގީ ރަށު ތެރޭގައި ބަލި ނޫޅޭކަން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޔަގީން ކުރުމަށް ފަހު ކަމަށް ވެސް ސޮބީހު ވިދާޅުވި އެވެ. އަދި މިހާރު ހަމައެކަނި ޕޮޒިޓިވް ވަނީ ކަރަންޓީނު ކޮށްފައި ތިބި ގޭގެއިން މީހުން ކަމަށް ވެސް ސޮބީހު ވިދާޅުވި އެވެ. ރަށު ތެރެއިން ނަގާ ރެންޑޮމް ސާމްޕަލްތައް ޕޮޒިޓިވް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މޮނިޓަރިން އުވާލިއިރު 40 ކޭސް އެބަތިބި އެކްޓިވް. އެކަމަކު އެ ހުރިހާ ކޭސްވެސް އެ ތިބީ ކަރަންޓީނު ކޮށްފައި ހުރި ތަންތަނުން. ކޭސްތައް އެ ހުރީ އައިސޮލޭޓްކޮށްފައި ރަށު ތެރެއިން ނުފެނޭ ކޭސްތަކެއް. އެ ކަން ޔަގީންކޮށްފައި އުވާލީ މޮނިޓަރިން،" ސޮބީހު ވިދާޅުވި އެވެ.
އެ ރަށް މޮނިޓަރިންއަށް ލީ މި މަހުގެ ދެވަނަ ދުވަހު އެވެ. އެހެން ކަމުން މަނަދޫ މޮނިޓަރިންގައި އޮންނަތާ މިހާރު 10 ދުވަސް ވަނީ ވެފަ އެވެ.
ސޮބީހު ވިދާޅުވީ މޮނިޓަރިން އުވާލި ނަމަވެސް ބޭރަށް ނިކުންނަ އިރު އާއި އާންމު ތަންތަނަށް ދާއިރު އެންމެން ވެސް އުޅެން ޖެހޭނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ތިން ވަނަ ފަހަރަށް ރަށް މޮނިޓަރިންއަށް ނުލުމަށްޓަކައި އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރުމަށް ވެސް ސޮބީހު އިލްތިމާސްކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ހުރިހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުއްވާށޭ. އޭރުން އަޅުގަނޑުމެންނަށް ރައްކާތެރިކަން އޮތީ،" ސޮބީހު ވިދާޅުވި އެވެ.