Close

ބަޖެޓުން ހޮޅުދޫ ދާއިރާގެ މައްސަލަތަކަށް ހައްލު ލިބޭނެ: މެންބަރު ޔޫނުސް

ހޮޅުދޫ ދާއިރާ މެންބަރު ޔޫސުން އަލީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ބަޖެޓާ މެދު ހިތްހަމަޖެހާކަން ފާޅު ކުރެއްވި -- ފޮޓޯ | ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ހޮޅުދޫ ދާއިރާގެ ރަށްތަކަށް (މިލަދޫ، މަގޫދޫ، ހޮޅުދޫ) އަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދޭނޭ ބަޖެޓެއް ކަމަށް ވިދާޅުވެ 2022 ވަނަ އަހަރުގެ ބަޖެޓާ މެދު ހިތްހަމަ ޖެހޭކަން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ފާޅު ކުރައްވައިފި އެވެ.

މަޖިލީހުގައި މިހާރު ކުރިއަށް ދާ 2022 ވަނަ އަހަރުގެ ބަޖެޓު ބަހުސްގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން މެންބަރު ޔޫނުސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހޮޅުދޫ ދާއިރާގެ ތިން ރަށުގެ ތަރައްގީއަށް ގިނަ މަ މަޝްރޫއުތަކެއް ހިމަނާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުތައް އެގޮތަށް ތަންފީޒުވެ އޭގެ ފައިދާ ރައްޔިތުންނަށް ލިބެން ފެށުމުން އެއީ އޭނާގެ ދާއިރާގެ މައްސަލަތަކަށް ލިބޭނޭ ހައްލަކަށް ވާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

"މި ބަޖެޓުގައި ހުރި ގިނަ ކަންކަން ތަންފީޒުވުމުން މި ވަގުތު ހޮޅުދޫ ދާއިރާގެ ތިން ރަށަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" މެންބަރު ޔޫނުސް ވިދާޅުވި އެވެ.

ހޮޅުދޫ ދާއިރާގެ ތިން ރަށަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތަކަކީ:

މިލަދޫ: އެ ރަށަށް އަންނަ އަހަރަށް ބަޖެޓްކޮށްފައި ވަނީ 9.1 މިލިއަން ރުފިޔާގެ މަޝްރޫ އެވެ. އެއީ ޖުމްލަ ހަތް މަޝްރޫ އެކެވެ. އެ ރަށުގައި އަލަށް ފަށަން ބަޖެޓްކޮށްފައިވާ މަޝްރޫއުތަކަކީ:

 • މިލަދޫ ކައުންސިލް އޮފީސް އިމާރާތް
 • ހައިސްޕީޑް ފެރީ ނެޓްވޯކަށް ގިމަތަ ހެދުން

ހޮޅުދޫ: އެ ރަށުގައި ހިންގަން ބަޖެޓްކޮށްފައި ވަނީ 6.7 މިލިއަން ރުފިޔާގެ މަޝްރޫ އެވެ. އެގޮތުން އަންނަ އަހަރަށް އެ ރަށުގައި 12 މަޝްރޫއެއް ހިންގަން ބަޖެޓްކޮށްފައިވެ އެވެ. އަލަށް ފަށަން ބަޖެޓްކޮށްފައި ވަނީ ހަ މަޝްރޫއެކެވެ. އެ މަޝްރޫއުތަކަކީ:

 • ފުޓްބޯޅަ ދަނޑުގެ ލައިޓިން ސިސްޓަމް ހަރުކުރުން
 • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
 • މޭނާ ސްކޫލްގައި ތިން ބުރީގެ އިމާރާތެއް ހެދުން
 • ހައިސްޕީޑް ފެރީ ނެޓްވޯކަށް ގިމަތަ ހެދުން
 • ފަނާވާ ކުނި ބަޔޯ ޓްރީޓްކުރަން ސިސްޓަމެއް ބެހެއްޓުން
 • ޕޮލިސް ސްޓޭޝަނެއް ހެދުން

މަގޫދޫ: އެ ރަށަށް ބަޖެޓްކޮށްފައި ވަނީ 9.9 މިލިއަން ރުފިޔާ އެވެ. އެއީ އަށް މަޝްރޫއެއް ހިންގުމަށް ފައިސާ އެވެ. އެގޮތުން އަލަށް ހިންގާނެ މަޝްރޫއުތަކަކީ:

 • ސްކޫލްގެ ދެ ކުލާސްރޫމާއި ސްޓާފްރޫމް ހެދުން
 • ކުނިކޮށި އަޕްގުރޭޑިން
 • ހައިސްޕީޑް ފެރީއަށް ގިމަތަ ހެދުން

މުޅި ބަޖެޓުން ފަސް ކަމެއް މެންބަރު ފާހަގަކުރެއްވި

ބަޖެޓު ބަހުސްގައި ޔޫނުސް އިތުރަށް ވިދާޅުވީ ކޮވިޑާ އެކު މުޅި ދުނިޔެ ހުއްޓި ރާއްޖެއަށް ވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް ތަރައްގީގެ މަސައްކަތްތައް ހުއްޓާ ނުލާ ސަރުކާރުން ކުރިއަށް ގެންދިޔަ ގެންދިޔުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އެގޮތުން ބަޖެޓުން މެންބަރު ޔޫނުސްއަށް ފާހަގަ ކުރެއްވޭ ފަސް ކަމެއް ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ ރައްޔިތުންގެ ސިއްހީ ކަންކަން ކުރިއެރުވުމަށް ބަޖެޓުގައި 4.6 ބިލިއަން ރުފިޔާ ހިމަނާފައި ވުމަކީ ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީކުރަން ދޭ އަހަންމިއްޔަތު ފާހަގަވާ ކަމެއް ކަމަށެވެ. އެގޮތުން ހޮސްޕިޓަލްތަކުގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން އެތަންތަނުގެ އިންފްރާސްޓުރަކްޗާ ރަނގަޅުކޮށް ޒަމާނީ ސާމާނު ގަތުމަށް ހިމަނާފައިވާ ކަން މެންބަރު ޔޫނުސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަސް ޓާޝަރީ ހޮސްޕިޓަލް ހެދުމާއި ކެންސަރަށް ހާއްސަ ހޮސްޕިޓަލް ހެދުން އަދި 65 ސިއްހީ މަރުކަޒު އަޕްގުރޭޑް ކުރަން ހިމެނިފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ.

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތް ނުހުއްޓާ ކުރިއަށް ގެންދިޔުމަށް ފައިސާ ހިމަނާފައި ވާތީ އެއީ ކޮވިޑުގެ ބަލީގެ ވޭން ތަހައްމަލް ކުރާ އެތައް ބަޔަކަށް އޮތް ހެޔޮ ހަބަރެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ހަގު އުމުރު ފުރާ ކުދިންނަށް ވެކްސިން ހޯދުމާއި ވެކްސިން ޖަހާނެ މަގު ފަހިކުރަން ބަޖެޓުގައި ފައިސާ ހިމަނާފައި ވުމާއި އަދި ކޮވިޑް ފެސިލިޓީތަކުގެ ހިދުމަތް މެދުނުކެނޑި ގެންދެވޭނެ އިންތިޒާމް ބަޖެޓުގެ ތެރެއިން ހަމަޖެހިފާ ވާތީ އެކަން ވެސް މެންބަރު ފާހަގަ ކުރެއްވި އެވެ.

އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާސަންދައަށް 731 މިލިއަން ރުފިޔާ ހިމަނާފައި ވުމާއި އެކަނިވެރި މައިންނާއި އެހެން ވެސް އެހީ ބޭނުންވާ ފަރާތްތަކަށް 365 މިލިއަން ހިމަނާފައިވުމަކީ އެތައް ބަޔަކަށް ލިބޭނޭ އުފަލަކަށް ވާނެ ކަމަށް ވެސް ޔޫނުސް ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ބަޖެޓުގައި ހުރި ކަންކަމަށް އަލިއަޅުއްވާ ލައްވާ ޔޫނުސް ވިދާޅުވީ ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ނުވަތަ މުޅި ބަޖެޓުގެ %11 ހާއްސަކޮށްފައި ވުމަކީ ތައުލީމީ ޖީލެއް އުފައްދަން ސަރުކާރުން ދޭ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އެގޮތުން ފަށާ އަދި މެދު މަދަރުސީ ތައުލީމަށް 3.1 ބިލިއަން އަދި މަތީ ތައުލީމަށް 949.2 މިލިއަން ރުފިޔާ ހިމަނާފައިވާކަން މެންބަރު ޔޫސުން ފާހަގަ ކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު ދައުލަތަށް ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ދޭން ލާޒިމްކޮށްފައި ވާތީ 1.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެ ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް މަގުކޮށިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމަކަށް ބަލާއިރު މި ބަޖެޓުން ނުހަނު ގިނަ ފައިދާ މުޅި ރާއްޖެއަށް ކުރާނެ،" މެންބަރު ޔޫނުސް ވިދާޅުވި އެވެ.

މިހާތަނަށް ބަޖެޓު ބަހުސްގައި ވަނީ ޔޫނުސްގެ އިތުރަށް މި އަތޮޅަށް ނިސްބަތްވާ ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އަދި ކެނދިކުޅުދޫ ދާއިރާ މެންބަރު އަހުމަދު އީސާ ވާހަކަ ދައްކަވައިފަ އެވެ.

އިތުރަށް ކިޔާލަން - 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top