ކޮވިޑް ފެތުރި މި އަތޮޅުގެ ހަތަރު ރަށެއް ފުރަބަންދުގައި އޮތް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން މިއަދު ނެރެފައިވާ މޮނީޓަރިންގައިވާ ރަށްތަކުގެ ލިސްޓުގައިވާ ގޮތުގައި ކޮވިޑް ފެނިގެން މި އަތޮޅުން މޮނީޓަރިންއަށް ލާފައި ވަނީ ހޮޅުދޫ، ކެނދިކުޅުދޫ، މިލަދޫ އަދި މަނަދޫ އެވެ.
އެންމެ ގިނަ ކޭސް ހޮޅުދޫގައި
މިދިޔަ މަހުގެ 20 ވަނަ ދުވަހު މޮނީޓަރިންއަށް ލީ ހޮޅުދޫން އިއްޔެވެސް އަލަށް ތިން މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ރަށުން ބަލި ފެންނަން ފެށިފަހުން މިހާތަނަށް 57 މީހަކު ޕޮޒިޓިވްވެފައިވާ އިރު 35 މީހަކު މިވަގުތުވެސް ބަލި ޖެހިފައި އެބަ ތިއްބެވެ. އަދި މިހާތަނަށް 22 މީހަކު އެ ރަށުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.
އެ ރަށުގައި 17 ގެއެއް މޮނީޓަރިންގައި އެބަ ހުއްޓެވެ.
ކެނދިކުޅުދޫގައި ކޭސްތައް މަދު، ބޭނުމީ ލޮކްޑައުން އުވާލަން
އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް މިއަދު ނޫނު ޑެއިލީއަށް ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެ ރަށް މޮނީޓަރިންއަށް ލީ ފަހުން ބަލި ފެނިގެން މިހާތަނަށް އެ ރަށުގެ 20 ގެއެއް މޮނީޓަރިންއަށް ލާފައި ހުރި ކަމަށެވެ. އަދި ހަމައެކަނި ޕޮޒިޓިވް ވަނީ މޮނީޓަރިންގައި ހުރި ގެތަކުން ނަގާ ސާމްޕަލްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެފަދަ ގެތަކުން ނަގާ %70 ޕޮޒިޓިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެ ދުވަހުން ނަތީޖާ މި ލިބެނީ. ގާތްގަނޑަކަށް ނުވަ މީހުން ނަގައިގެން ހަތަރު ވަރަކަށް މީހުން ޕޮޒިޓިވްމި ވަނީ،" ރައޫފް ވިދާޅުވި އެވެ.

ރެންޑޮމް ސާމްޕަލް ނެގުމަށް އާންމުންގެ އެއްބާރުލުން ނުލިބޭކަން ފާހަގަ ކުރައްވާ ރައޫފް ވިދާޅުވީ ރަށް މޮނީޓަރިންގައި އޮތުމަކީ އެ ރަށުގެ ގިނަ ރައްޔިތުންނަށް ދަތިވެ ކަންބޮޑުވާ ކަމެއް ކަމަށެވެ. ރަށުގައި އެހާ ބޮޑަށް ބަލި ނެތުމުން ގިނަ ބަޔަކު ބޭނުން ވަނީ މޮނިޓަރިން އުވާލަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ރައްޔިތުންނަށް މިއީ ދެން ބިރުވެރި ބައްޔަކަށް މިހާރު ނުވޭ. މި ލޮކްޑައުންކުރުން މިއީ މާ ބޮޑު ބައްޔަކަށް ވަނީ. މީގެ ކުރިން ވެސް ލޮކްޑައުންކޮށްގެން ރަށުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުން ހިންދެމި ނުލެވި އުޅެނިކޮށް އަނެއްކާ މިކަން މިވީ. އެހެންވެ ރައްޔިތުން އެދެނީ މޮނީޓަރިންއިން ނަގަން،" ރައޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ހަތް ވަރަކަށް ދުވަސް ތެރޭ ރަށް މޮނިޓަރިންއިން ނެގޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
މިލަދޫން އާ ކޭސްތަކެއް ނުފެންނަތާ ދެ ދުވަސް
މިދިޔަ މަހުގެ 28 ވަނަ ދުވަހު މޮނިޓަރިންއަށްލީ މިލަދޫގެ ރައީސް އަބްދުލް މަޖީދު މުހައްމަދު މިއަދު ވިދާޅުވީ ރަށުގައި ބަލި ޖެހިފައި ތިބީ 13 މީހަކު ކަމަށެވެ. އެގޮތުން އިއްޔެ އާއި މިއަދު އެއްވެސް އިތުރު އާ ކޭސްއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަލީގައި އެއްވެސް މީހަކު ސީރިއަސްވެފައި ނުވާ ކަމަށާއި ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ބަލާފައި މޮނީޓަރިންއިން ރަށް ނެގޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ރަށުގެ އާންމުންގެ ތެރެއިން %90 މީހުން ވެކްސިން ފުރިހަމަކޮށްފައި ތިބުމުން ބަލީގެ ނުރައްކާ ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ އާންމު ހާލަތު ހަމަ ވަރަށް ރަނގަޅު މޮނީޓަރިންގައި އޮތަސް،" އަބްދުލްމަޖީދު ވިދާޅުވި އެވެ.
މަނަދޫން 10 މީހަކަށް ބަލި ޖެހުނު، 3 މީހުން މާލެ
މިދިޔަ އަންގާރަ ދުވަހު މޮނީޓަރިންއަށް ލީ މަނަދޫގެ ރައީސް އަބްދު ރަހުމާން ސޮބީހު ނޫނު ޑެއިލީއަށް ވިދާޅުވީ ބަލި ފެނިގެން މޮނިޓަރިންއަށް ލާފައި އޮތީ އެ ރަށުގެ ފަސް ގެއެއް ކަމަށެވެ. މުޅި ރަށުން ޖުމްލަ 10 މީހަކަށް ބަލި ޖެހުނު ނަމަވެސް މިވަގުތު ރަށުގައި ތިބީ ހަތް މީހަކު ކަމަށް އޭނާ ވިދާޅުވި އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖަކާއި އޭނާގެ މަންމަ އާއި ބައްޕަ މިހާރު މާލެ ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަށުގައި ވެސް އެއްވެސް ސީރިއަސް ކޭސްއެއް ނެތެވެ.
ސަބީހު ވިދާޅުވީ މޮނިޓަރިންގައި އޮތް ނަމަވެސް ރަށުގެ އާންމު ހާލަތު ރަނގަޅު ކަމަށާއި އާންމުންގެ ފަރާތުން ވެސް އެއްބާރުލުން ލިބޭ ކަމަށެވެ. އަދި އާންމުންގެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަލި މިރަށުން ފެނުނަސް އަޅުގަނޑުމެން އެހާ ހިފަހައްޓައިގެނެއް ނޫން މިހިރީ ފިޔަވަޅު އަޅާފައި. އެހެންވެ އާންމުންނަށް ވެސް ދަތިވެގެނެއް ނުއެއް އުޅޭ،" ސަބީހު ވިދާޅުވި އެވެ.
އެ ރަށް މޮނީޓަރިންއިން ނަގަން އަދި ދުވަސްކޮޅެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.