މަނަދޫގައި ޕްރީ ސްކޫލް ޓީޗަރުން ތަމްރީން ކުރުމަށް ތިން ސުކޮލަޝިޕްގެ ފުރުސަތު މަނަދޫ ކައުންސިލިން އިއުލާންކޮށްފި އެވެ.
އެ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މަނަދޫ ކައުންސިލާއި އެވިޑް ކޮލެޖު ގުޅިގެން ޕްރީސްކޫލު ހިންގުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން އެވިޑުން ހިންގާ "ބެޗްލާސް ޑިގްރީ އިން އާލީ ޗައިލްޑް ހުޑް އެޑިއުކޭޝަން" ކޯހުގައި ހިލޭ ކިޔެވުމުގެ ތިން ސުކޮލަޝިޕް ފުރުސަތު ދިނުމަށް އެ ކޮލެޖުން ނިންމާފައިވާ ކަމަށެވެ. ހަމައެކަނި މަނަދޫ ރަށްވެހިންނަށް ހުޅުވާލާ އެ ސުކޮލަޝިޕްތަކުގައި ކިޔަވާ ފަރާތްތަކުން ކޯސް ނިންމުމަށް ފަހު ތިން އަހަރު ވަންދެން މަނަދޫ ޕްރީސްކޫލްގައި ކިޔަވައި ދިނުމަށް ޝަރުތު ކުރާނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
އެ ސުކޮލަޝިޕަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ. އަދި އެ ސުކޮލަޝިޕްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ކަމަށް ބަޔާޏް ކުރާ ސިޓީއަކާ އެކު އައިޑީ ކާޑު ކޮޕީ އަދި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.
އެ ކޯހުގެ ޝަރުތުތަކަކީ:
- މަތީ ސާނަވީ އިމްތިހާނުގެ ތިން މާއްދާއިން އެންމެ ދަށުން އީ ފާސްހޯދާފައިވުން
- ކޯހާ ގުޅޭ ދާއިރާއަކުން ލެވަލް 4ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން
- ލެވަލް 4ގެ ސެޓްފިކެޓެއް ހާސިލްކުރުމާ އެކު ޔުނިވަސިޓީ ޕްރިޕަރޭޓަރީ ޕްރޮގުރާމް ފުރިހަމަކޮށްފައިވުން