Close

މާފަރު އެއާޕޯޓުން ބޯފެން ފޮދެއް ވެސް ނުލިބޭ، ހިދުމަތް ވަރަށް ދަށް: އެމްޕީ ހާރޫން

މާފަރު އެއާޕޯޓް: މިއީ ރާއްޖޭގެ ޓޫރިޒަމްގައި މިހާރު މުހިންމު އެއާޕޯޓެއް -- ފޮޓޯ | އަވަސް

މި އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ތަރައްގީއެއް ނައިސް ގިނަ ދުވަސްތަކެއްވެ އެ އެއާޕޯޓުގެ ފެންވަރު ވަރަށް ދަށްވެފައިވާ ކަމަށް ވިދާޅުވެ އެ ރަށް ނިސްބަތްވާ މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް މިދިޔަ ހޯމަ ދުވަހު ބޭއްވި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި މެންބަރު ހާރޫން ވިދާޅުވީ މާފަރު އެއާޕޯޓަށް ދެ އަހަރު ވެގެން ދިޔައިރު އެތަނުގެ ހިދުމަތަށް އެއްވެސް ތަރައްގީއެއް އައިސްފައި ނެތް ކަމަށެވެ. އެގޮތުން އެއީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް ބޯފެން ފޮދެއް ވެސް އެ އެއާޕޯޓުން ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Manadhoo MP Haaroon
މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން -- ފޮޓޯ | މަޖިލިސް

"މިއީ އެ އެއާޕޯޓް ބޭނުން ކުރާ ފަރާތްތަކާއި ރައްޔިތުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އޮތް ކަމެއް. މިނިސްޓްރީގެ މެންޑޭޓުގައި މިކަން ވެސް އެބަ އޮވޭ،" ހާރޫން ވިދާޅުވި އެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރާ މާފަރު އެއާޕޯޓަކީ މި އަތޮޅަށް އަންނަ ގިނަ ޓޫރިސްޓުން ބޭނުން ކުރާ އެއާޕޯޓެކެވެ. މީގެ އިތުރުން މި އަތޮޅުގައި ހުުރި މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ މުއްސަނދި ޓޫރިސްޓުން އެ މީހުންގެ ޖެޓްތައް ޕާކް ކުރުން ފަދަ ކަންކަމަށް ވެސް މި އެއާޕޯޓް ބޭނުން ކުރެ އެވެ.

Maafaru Airport
މާފަރު އެއާޕޯޓުގެ އެރައިވަލް ޓާމިނަލް

މިދިޔަ ކޮވިޑު ތެރޭގައި އެންމެ ޓުރެފިކް ރަނގަޅު އެއްް އެއާޕޯޓަކީ ވެސް މާފަރު އެއާޕޯޓެވެ.

ހާރޫންގެ އެ ކަންބޮޑުވުމާ ގުޅިގެން މިނިސްޓަރުގެ އަރިހުގައި ކޮމިޓީގައި އިންނެވި ޓްރާންސްޕޯޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓުގެ ބޯފެން ހުންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ. އަދި އެފަދަ ޝަކުވާތަކެއް ހުރި ނަމަ އެކަން ބައްލަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާންވޭ އަޅުގަނޑު ފެން ބުއިން އެ އެއާޕޯޓުން. ތިކަހަލަ ޝަކުވާތަކެއް އަދި ފާހަގައެއް ނުވޭ،" ޒުހައިރު ވިދާޅުވި އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ޓުރާސްޕޯޓް މިނިސްޓަރު ނަހުލާ އާއި ސްޓޭޓް މިނިސްޓަރު ޒުހައިރު (ވ): ޒުހައިރު ވިދާޅުވީ މާފަރު އެއާޕޯޓުގެ ޝަކުވާއެއް ނެތް ކަމަށް -- ފޮޓޯ | މަޖިލިސް

އަބޫދާބީ ފަންޑް ފޯ ޑެވެލޮޕްމެންޓްގެ އެހީއާއިއެކު ތަރައްގީކުރި މާފަރު އެއާޕޯޓުގައި މިވަގުތު 2،200 މީޓަރުގެ ރަންވޭއެއް އޮންނައިރު، އެ އެއާޕޯޓަށް އެއާބަސް އޭ-320 އަދި ބޮއިންގް 737 މަރުކާގެ ފްލައިޓްތަކަށް ޖެއްސެ އެވެ.

ބޯއިންގް 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމަށް އަބޫދާބީ ފަންޑުން ފައިސާ ދޭން ނިންމައި، އެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރާތާ ދެ އަހަރު ވެއްޖެ އެވެ. އެކަމަކު އެކި ސަބަބުތަކާ ހުރެ އެ މަޝްރޫއެއް ފެށޭ ގޮތް ވަނީ ނުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top