Close

ނޫނުގެ ފަޅު ރަށްތަކާ ގުޅިގެން ކައުންސިލުން އިންތިގާލީ އޮފީހަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ނޫނު ރައީސް ބަޝީދު

މި އަތޮޅުގެ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބޭ ގޮތަށް އަތޮޅުގެ ފަޅުރަށްތައް އެކި ފަރާތްތަކަށް ދީފައިވާ މައްސަލައިގައި ބަދަލު ހޯދަން މި އަތޮޅު ކައުންސިލުން އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ނިންމައި އެ މައްސަލަ އެ އޮފީހުން ބަލަން ފަަށައިފި އެވެ.

މި އަތޮޅުގެ ފަޅުތަކާއި ރަށްތަކާއި ގިރިތައް މާޒީގައި ވިއްކާފައި ވަނީ ރައްޔިތުންނަށް ނޭނގި ކަމަށާއި އެ ގެއްލިފައިވާ ބިމުގެ ބަދަލުގައި ރައްޔިތުންނަށް ހައްގު ލިބިދީފައި ނުވާތީ އިޖުތިމާއީ އިންސާފު ހޯދުމަށް އަތޮޅު ކައުންސިލްގެ ޖަލްސާއަކުން ފާސްކުރުމަށް ފަހު އިންތިގާލީ އޮފީހަށް މައްސަލަ ލާފައި ވަނީ މިދިޔަ ސެޕްޓެމްބަރު 13 ވަނަ ދުވަހު އެވެ.

މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އިންތިގާލީ އޮފީހުން ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އެ މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ބެލޭނެ މައްސަލައެއް ކަމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި މައްސަލަ ބަލަމުން އަންނަ އިރު އިތުރު މައުލޫމާތު ހޯދުމަށް ގުޅާނެކަމަށް ވެސް ބުނެފައިވެ އެވެ.

ނޫނު ރައީސް މުހައްމަދު ބަޝީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އިންތިގާލީ އޮފީހަށް މައްސަލަ ހުށަހަޅަން ނިންމި އެންމެ ބޮޑު ބޭނުމަކީ މި އަތޮޅުން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް އަދި ގިރިތައް ފަދަ ތަންތަނަކީ ކޮބައި ކަމާއި އެ ތަންތަނުން ދައުލަތަށް ލިބޭ މަންފާ ދެނެގަތުން ކަމަށެވެ. އަދި އިންތިގާލީ އޮފީހުން މައްސަލަ ބަލާއިރު ގާނޫނާއި ގަވާއިދާ ހިލާފަށް ތަނެއް ދޫކޮށްފައިވާކަން ފާހަގަވެއްޖެ ނަމަ އެކަމަށް ބަދަލު ހޯދަން ދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އަތޮޅު ކައުންސިލް ފާސްކޮށްފައިވާ އަތޮޅުގެ ބިން ބޭނުން ކުރާނެ ގޮތުގެ ޕްލޭންގައިވާ ގޮތުގައި ނ. އަތޮޅުގެ ބިމުގެ ސައިޒަކީ 1،700 ހެކްޓަރެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ ދެބައިކުޅަ އެއްބައި ސަރަހައްދުގަ އެވެ،

އަތޮޅުގެ ބިމުގެ ބޮޑު ބައެއް ވަނީ ރިޒޯޓު ހެދުމަށާއި ސިނާއީ އެކި ކަންކަމަށް ދިގު މުއްދަތަށް ކުއްޔަށް ދީފަ އެވެ. ރިޒޯޓު ހަދަން ދޫކޮށް އެއްވެސް މަސައްކަތެއް ނުކުރާ 12 ރަށެއް އެބަ އޮތެވެ. މިހާރު އޮޕަރޭޓު ކުރަނީ ހަތް ރިސޯޓެވެ. އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހަ ރަށެއް ދޫކޮށްފައިވެ އެވެ.

އަތޮޅުގެ ބިން ބޭނުން ކުރާ ގޮތުގެ ޕްލޭނަށް މައުލޫމާތު ދިން އަތޮޅުގެ ރައްޔިތުން ފާހަގަކުރި ކަންބޮޑުވުންތަކަކީ:

  • ރަށްރަށް މަދު ބަޔަކަށް އެކަނި މަންފާވާ ގޮތަށް ދޫކޮށްފައިވާކަން
  • މުއްސަނދިންނާއި ފަގީރުންނާ ދެމެދު އޮންނަ ފަރަގު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާކަން
  • އެ ރަށްރަށުން ލިބޭ މަންފާއިން ރައްޔިތުން މަހުރޫމު ކުރެވިފައިވާކަން

 

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top