Close

މާފަރު ސިއްހީ މަރުކަޒު ބޮލަށް ވެއްޓެނިކޮށް ސޮނޭވާގެ އެހީ

މާފަރު ސިއްހީ މަރުކަޒު މާރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް: މި މަސައްކަތް ކޮށްދެނީ ސޮނޭވާ ޖާނީ ރިސޯޓުން

މާފަރު ސިއްހީ މަރުކަޒުގެ މަރާމާތަށް އެދި ތަނުގެ ވެރިން އާދޭސް ކުރާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ. ކަމާ ގުޅުންހުރި ފަރާތްތަކަށް އެކި ފަހަރު މަތިން ސިޓީބިޓީ ފޮނުވައިފި އެވެ. މަަަސައްކަތް ފެށުމުގެ ކޮޅުމަތި ދެ ފަހަރެެއްގެ މަތިން ފެނުނު ނަމަވެސް އަމަލީ މަސައްކަތެއް ކުރެވޭނެ ކޮޅެއް ނުފެނި އިމާރާތުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ ގޯސްވަމުންނެނެވެ. އެކި ދިމަދިމާލުން ބޮލަށް ސީލިންގެ ބައިބައި ވެއްޓެނީ އެވެ.

މިއީ މާފަރުގެ ސިއްހީ ނިޒާމު ވެއްޓުނު ދަށް ހާލަތެވެ.

މަރާމާތް ލަސްވެގެންދާތާ ދެ އަހަރު

މީގެ ދެ އަހަރުކުރިން 2019 ވަނަ އަހަރުގެ ޖުލައި 09 ވަނަ ދުވަހު އައި ކޮޅިގަނޑެއްގައި ސިއްހީ މަރުކަޒުގެ ފުރާޅުގެ ޓިނުގަނޑެއް ނައްޓާލާ ފުރާޅު ހަލާކުވާން ފެށި އެވެ. އަދި އޭގެ ތިން ދުވަސްފަހުން އައި ގަދަވަޔާ އެކު ފުރާޅުން ގިނަ އަދަދެއްގެ ޓިނު ވަޔާ އުކަލާ ސިއްހީ މަރުކަޒުގެ ލޭބާ ރޫމް ނުވަތަ ވިއްސާ ކޮޓަރީގެ ސީލިން އެ ވިއްސާރާގައި އެއްކޮށް ހަލާކުވި އެވެ. 

މާފަރު ސިއްހީ މަރުކަޒުގެ މެނޭޖަރު ސައިފުﷲ އަހުމަދު ވިދާޅުވި ގޮތުގައި ފުރާޅުން ފެން ލީކުވުމުގެ ސަބަބުން ކަރަންޓުގެ މައްސަލަތައް ވެސް ކުރިމަތިވަމުން އާދެ އެވެ. އަދި ދުރާލާ ތަނުގެ ހާލަތާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި ފަރާތްތަކާ މައުލޫމާތު ހިއްސާކޮށްފައިވާނެކަން ވެސް ސައިފުﷲ ފާހަގަ ކުރެއްވި އެވެ.

މާފަރު ސިއްހީ މަރުކަޒު ބާވެ ހަލާކުވެފައި: އެތަނުގެ ފުރާޅުން ވާރޭ ވެހި ވާރޭ ހިޔާނުވޭ
މާފަރު ސިއްހީ މަރުކަޒު ބާވެ ހަލާކުވެފައި: އެތަނުގެ ފުރާޅުން ވާރޭ ވެހި ވާރޭ ހިޔާނުވޭ

"މިހާރު ވެސް ލޭބަ ރޫމްގެ ސީލިންގު އެއް ނުހުންނާނެ. އޭރު ޓީނުތައް އުކާލުމުން އަޅުގަނޑުމެން އަމިއްލަ ހަރަދުގައި އަމިއްލަ އަށް މަރާމާތުކުރީ. މައްސަލަ ދިމާވުމާ އެކު އަތޮޅު ހޮސްޕިޓަލް އަދި މިނިސްޓްރީގެ ސަމާލުކަމަށް ވެސް އެކި ފަހަރުމަތިން އެކަން ގެނެސްފައިވާނެ،" ސައިފުﷲ ވިދާޅުވި އެވެ.

އެކިފަހަރު މަތިން ކުރެވުނު މަސައްކަތުން ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ތިން ފަހަރު އިއުލާންކޮށްފައިވެ އެވެ. ފުރަތަމަ ފަހަރު އިއުލާން ބާތިލް ކޮށްފައި ވަނީ އެންމެ ފަރާތަކުން ކުރިމަތިލުމުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ދެ ވަނަ ފަހަރަށް އިއުލާންކޮށް ބަޔަކާ ބިޑު ހަވާލުކުރި ނަމަވެސް އެ ފަރާތުުން ވަނީ އެ މަސައްކަތުގެ އަގު ކުޑަވެ، އެންމެ ފަހުން މަސައްކަތް ދޫކޮށްލާފަ އެވެ. ނަމަވެސް އަލުން އިއުލާންކޮށް މިހާރު އެ މަސައްކަތް ބަޔަކާ ހަވާލު ކުރުމަށް ނިންމާފައިވީ ނަމަވެސް ކުރިން މަސައްކަތް ނެގި ފަރާތަށް ވުރެ 200،000ރ. ބޮޑުކަމުން މިނިސްޓްރީން ބަޖެޓް ހަމަނުޖެހި ލަސްތަކެއްވަމުން އަންނަ ކަމަށް ނޫނު ޑެއިލީ އަށް އެނގިފައިވެ އެވެ.

އިމާރާތް ބާވެ ހިދުމަތް ހޯދަން ރައްޔިތުން ބިރުގަނޭ

"ބަލިމީހުން ބަލާ ކޮޓަރި ސީލިންގު އޭރު އޮތީ ކަޅުއަރާފައި. ދެންމެ ދެންމެ ބޮލަށް ވެއްޓޭ ހާލަތުގައި. އަޅުގަނޑުމެން ބޭނުމެއް ނޫން ޑޮކްޓަރަށް ދައްކަން ގޮސް އިންދާ ސީލިންގ ބޮލަށް ވެއްޓިގެން ކަމެއް ދިމާވެގެން އެތަނުން ނުކުންނާނަކަށް،" މާފަރު ސީއްހީ މަރުކަޒުގެ ބަލިމީހުންންގެ ކޮޓަރީގެ ހާލަތާ ބެހޭ ގޮތުން އެރަށު މީހަކު ބުންޏެވެ.

ހޮސްޕިޓަލް މެނޭޖަރ ސައިފުﷲ ވިދާޅުވީ ބަލި މީހުންގެ އިތުރުން ޑޮކްޓަރު ވެސް އެ ރޫމްގައި ބަލި މީހުން ބެލުމަށް ޖެހިލުންވާ ކަމަށެވެ. އަދި ވިއްސާރަވުމުން ސީލިންގުން ފެންލީކްވަމުން ގޮސް މިހާރު އެކޮޓަރީގެ ސީލިންގު ވެއްޓުމުން މިހާރު ބަލި މީހުން ބަލަމުން އަންނަނީ އޮފީސް އިމާރާތުގެ ތެރޭގައި ކަމަށް ސައިފުﷲ ފާހަގަ ކުރެއްވެވި އެވެ.

މާފަރު ސިއްހީ މަރުކަޒު ބާވެ ހަލާކުވެފައި: އެތަނުގެ ފުރާޅުން ވާރޭ ވެހި ވާރޭ ހިޔާނުވޭ

"އަތޮޅު ހޮސްޕިޓަލުންދިނީ ޒިންމާދާރުކަން ކުޑަ ޖަވާބެއް"

އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ތަރުތީބުކުރާއިރު ސިއްހީ މަރުކަޒުގެކަންކަން ޒިންމާ ކޮށްފައި ވަނީ އަތޮޅު ހޮސްޕިޓަލާ އެވެ. މިކަމާ ގުޅިގެން ނޫނު އަތޮޅު ހޮސްޕިޓަލްގެ ސަމާލުކަމަށް މަރާމާތުގެ މައްސަލަ ގެނެސްފައިވާނެ ކަމަށް ސައިފުﷲ ވިދާޅުވި އެވެ. 

ބަލިމީހުން ބަލާ ކޮޓަރީގެ ސީލިންގު ވެއްޓި އިދާރީބައިގައި ބަލި މީހުން ބަލަން ފަށަން ޖެހުމުން އެ ޝަކުވާ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އިސްމާއިލް ޝަފީގާ ގުޅައި ދެންނެވި ކަމަށް ސައިފުﷲ ވިދާޅުވި އެވެ.

"އިސްމާއިލް އަޅުގަނޑަށް ގުޅާފައި ބުނީ މާފަރުން މަނަދޫ އަށްދާނެ ބޯޓެއް ހޯދުމަށް. އަޅުގަނޑުމެންނަށް ދީފައި އިންނަ ޕެޓީ ކޭޝްއަކުން އެކަމެއް ނުވާނެ. އޭނާ ވިދާޅުވި އެހެންވީޔަ މާލެ ދަތުރުކުރާ ބޯޓްދާއިރެއް ބަލާށޭ. މަރާމާތު ކުރުމަށް ބޭނުންވާ ޓީނާ އިސްކުރު ފޮނުވައިދޭނަމޭ. އަޅުގަނޑުދެންނެވިން ހަމައެކަނި ތަކެތި ފޮނުވައިގެން މަރާމާތު ނުކުރެވޭނެ ކަމަށް. ޖަވާބުގައި އިސްމާލް ވިދާޅުވީ ތަނުގައި ތިބި ދެ ޑްރައިވަރުންނާއި މަސައްކަތު މީހާ ލައިގެން މަރާމާތު ކުރުމަށް. ނޫނީ ރައްޔިތުން ލައްވާ މަރާމާތު ކުރާށޭ. އިތުރަށްދޭނެ ފައިސާއެއް ނެތޭ،" އަތޮޅު ހޮސްޕިޓަލްގެ މަނޭޖަރު ދެއްވި ޖަވާބު ތަފްސީލު ކޮށްދެއްވަމުން ސައިފުﷲ ވިދާޅުވި އެވެ.

ސައިފުﷲ ވިދާޅުވީ "ރައްޔިތުން ނެރެގެން އެކަންކުރާނެ" ގޮތެއް ނުވިސްނޭ ކަމަށެވެ. އަދި ތަނުގެ ޑްރައިވަރުން މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންކުރެވިދާނެ ކަމަށާއި މަސައްކަތް އިނގޭ ތަޖުރިބާކާރަކު ނުގެނެސް އެ މަސައްކަތްކުރާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. މީގެ އިތުރުން އިދާރީ ބައިގައި ބަލިމީހުން ބެލުމުކީ ހައްލު ނޫން ކަމަށާއި އިދާރީ ބައިގައި ވެސް ޖަގައިގެ ދަތިކަން އޮތް ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

މާފަރު ސިއްހީ މަރުކަޒު މާރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް: މި މަސައްކަތް ކޮށްދެނީ ސޮނޭވާ ޖާނީ ރިސޯޓުން
މާފަރު ސިއްހީ މަރުކަޒު މާރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް: މި މަސައްކަތް ކޮށްދެނީ ސޮނޭވާ ޖާނީ ރިސޯޓުން
މާފަރު ސިއްހީ މަރުކަޒު މާރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް: މި މަސައްކަތް ކޮށްދެނީ ސޮނޭވާ ޖާނީ ރިސޯޓުން
މާފަރު ސިއްހީ މަރުކަޒު މާރާމާތުގެ މަސައްކަތް ފަށައިގެން ކުރިއަށް: މި މަސައްކަތް ކޮށްދެނީ ސޮނޭވާ ޖާނީ ރިސޯޓުން

އާދޭހަށް އިޖާބަދީ ސޮނޭވާ ޖާނީގެ ދީލަތި އެހީ

ސައިފުﷲ ވިދާޅުވީ ސިއްހީ މަރުކަޒު ހުރި ހާލަތުގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުވުމާ އެކު މި އަތޮޅުގައި ހިންގާ ސޮނޭވާ ޖާނީ ރިސޯޓުން ވަނީ ކައުންސިލަށް ގުޅައި އެހީތެރިކަން ފޯރުކޮށްދޭން އެދިފަ އެވެ. އެ ރިސޯޓުން އެއްބަސްވި ގޮތަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ރިސޯޓުގެ މަސައްކަތު މީހުންނާއި މަރާމާތަށް ބޭނުން ތަކެތި މިހާރު ރަށަށް ގެނެސް މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަސައްކަތުގައި ސިއްހީ މަރުކަޒުގެ މުވައްޒަފުން ވެސް ބައިވެރިވެ އެވެ.

"ކުރިއަށް އޮތް އަށް ދުވަސް ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ. ސޮނޭވާއިން އެހީނުވި ނަމަ މި މަރާމާތު އަދިވެސް ނުވީ،" ސައިފުﷲ ވިދާޅުވި އެވެ. 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top