މި އަތޮޅު މަނަދޫއިން ދަނޑުވެރިކަމަށް 23 ބިމެއް ދޫކުރަން އިއުލާންކޮށްފި އެވެ.
މި ދިޔަ އާދިއްތަ ދުވަހު މަނަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ 23 ބިން ދޫކުރަން ހަމަޖެހިފައިވަނީ ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވާ އެ ރަށުގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެ ބިންތައް ދޫކުރާނީ ވަގުތީ ދަނޑުވެރިކަން ކުރުމަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ބިންތައް ދޫކުރާނީ އެއްވެސް އަގަކާ ނުލާ ހިލޭކަން ފާހަގަ ކުރަމުން ކައުންސިލުން ބުނީ އެ ބިންތައް ލިބޭ ފަރާތްތަކުން ބިމުގެ ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލުން ހުއްދަ ކޮށްފައިވާ ބާވަތްތައް ނޫން ތަކެތި އެތަނުގައި ނީންދަން ޝަރުތު ކުރާނެ ކަމަށެވެ.
އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށް ކައުންސިލަށް ސިޓީ ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިންނެވެ.
މަނަދޫ ކައުންސިލުން ބުނީ އެއް ބިމަކަށް ފަރާތްތަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި ނަމަ ބިން ލިބޭ ފަރާތް ކަނޑައަޅާނީ ގުރުލައިގެން ކަމަށެވެ.
މި އަތޮޅުގެ ވެރިކަން ކުރާ ރަށް މަނަދޫއަކީ 116.92 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި 2،000 އެއްހާ މީހުން ދިރިއުޅެ އެވެ.