މި އަތޮޅުގެ ވެރިރަށް މަނަދޫގައި ރައްކާތެރި ނެރެއް ގާއިމް ކުރުމުގެ މަސައްކަތް އެތައް އަހަރެއްގެ އިންތިޒާރަކަށް ފަހު ފެށިއްޖެ އެވެ.
މަނަދޫގެ މިހާރުއޮތް ނެރަކީ ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާ، އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ނެރެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މަނަދޫގައި ރައްކާތެރި ނެރެއް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުން ކުރާ ބަނދަރުގެ ނެރު ބަދަލުކުރުމާއި ބަނދަރު އިތުރަށް ފުންކުރުމާއި ކީވޯލް އިތުރުކުރުން އަދި ރޭމްޕްގެ މަސައްކަތް ކުރާނެ އެވެ.

މަޝްރޫއުގެ ތަފްސީލް:
- ބަނދަރުން 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުން
- 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
- 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- ކޮންކްރީޓް ބްރިޖެއް އެޅުން
- ރޭމްޕެއް ހެދުން
- ނެރުބައްތި ހަރުކުރުން
އެ މަޝްރޫއަށް 29.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
މަޝްރޫއު ފެށުމާ ގުޅިގެން މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫނު (ބުގޭ) ވިދާޅުވީ މި ޕްރޮޖެކްޓުގެ ސަބަބުން މަނަދޫ ބަނދަރު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ރައްކާތެރިކަމާއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.