Close

ޓައިމްގެ މަގުބޫލު މަންޒިލްތަކުގެ ލިސްޓަށް އަތޮޅުގެ ވެލާ ރިސޯޓް

ވެލާ ރިސޯޓް

އެމެރިކާގެ ޓައިމް މެގަޒިނުން ހޮވާ މިއަހަރުގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ލިސްޓް "ޓައިމް ހަންރެޑް" ލިސްޓުގައި މި އަތޮޅުގެ ވެލާ ޕްރައިވެޓް އައިލެންޑް ހިމެނިއްޖެ އެވެ.

ޓައިމް މެގަޒިން އިން ހޮވި އެންމެ މަގުބޫލު 100 މަންޒިލްގެ ތެރޭގައި 53 ވަނަ އަށް ހިމަނާފައި ވަނީ ރާއްޖެ އެވެ. ރާއްޖެއިން އެންމެ ދަތުރުކުރަން ރަނގަޅު މަންޒިލްތަކުގެ ތެރޭގައި ހިމަނާފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑުގެ އިތުރުން މިފަހުން ހުޅުވި ފަރި އައިލެންޑްސް އެވެ.

މި އަތޮޅު ފުށިވެލަވަރުގައި ތަރައްގީކޮށް 2013 ވަނަ އަހަރު ހުޅުވި ފަސްތަރީގެ ވެލާ ޕްރައިވެޓް އައިލެންޑަކީ ޗެކް ރިޕަބްލިކުގެ ބިލިއަނަރެއް ކަމަށްވާ ޖިރީ ސުމެޖިކް ތަރައްގީކޮށް ހުޅުވި ރިސޯޓެކެވެ. އެ ރިސޯޓަކީ ގޮލްފު ކޯސްއަކާ އެކު އެންމެ މަތީ ފެންވަރުގެ 67 ކޮޓަރި ހިމެނޭ ރިސޯޓެކެވެ. އެ ރިސޯޓުގެ ޖުމްލަ އެނދުގެ އަދަދަކީ 134 އެވެ. އެ ރިސޯޓަށް މީގެ ކުރިން ވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ އެވޯޑުތަކެއް ވެސް ލިބިފަ އެވެ.

އެ ރިސޯޓުގައި 100 އެއްހާ މުވައްޒަފުން އުޅޭ އިރު މިއަތޮޅުގެ ގިނަ މުވައްޒަފުންނަށް ވެސް އެ ރިސޯޓުން ވަނީ ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި އެންމެ ގިނައިން މުވައްޒަފުން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ ތެރޭގައި ވެސް އެ ރިސޯޓް ހިމެނެ އެވެ.

ދުނިޔޭގެ ތަފާތު ތަންތަނާއި މީހުން ހިމެނޭ ގޮތުން ޓައިމްއިން ކޮންމެ އަހަރަކު އެކުލަވާލަ ޓައިމް ސަތޭކަ ލިސްޓުގައި "ވޯލްޑް ގްރޭޓެސްޓް ޕްލޭސަސް"ގެ މިއަހަރުގެ ލިސްޓު ހާއްސަކޮށްފައި ވަނީ ކޮވިޑް-19އާ ގުޅިގެން ދުނިޔެ އަށް ދިމާވެފައިވާ ދަތި ހާލުގައި ވެސް ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ހިތްގައިމު މަންޒިލްތަކަށެވެ.

މި ލިސްޓަށް ފަރާތްތައް ހޮވަނީ އެ މެގަޒިންގެ ކޮރެސްޕޮންޑެންޓުންނާއި ކޮންޓްރިބިއުޓަރުންގެ ނެޓްވޯކަކުންނެވެ.  މިއަހަރުގެ ލިސްޓުގައި ދުބާއީ، ސިންގަޕޫރު، ނިއުޔޯކް، ބެންކޮކް، އެތެންސް އަދި ޕެރިސް ފަދަ ތަންތަން ވެސް ހިމަނާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top