Close

މޭ ހައެއް ހަމަލާގެ އެއް މޭސްތިރިއަކީ މަނަދޫ އަލީ ހައިޝަމް

މީނާއަކީ ރައީސް ނަޝީދަށް ހަމަލާދިން ބޮން އުފައްދައި އެ ސައިކަލުގައި ހަރުކުރުމުގައި އަމަލީ ގޮތުން އުޅުމުގެ ތުހުމަތުވާ މީހެއް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ރޭވުމުގެ އެއް މޭސްތިރިއަކީ މި އަތޮޅު މަނަދުއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ހާމަކޮށްފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާާގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ރޭ އިސްކަންދަރު ކޮށީގައި ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް އަކީ އެ ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ ހަމަލާގައި ހައިޝަމްގެ ބައިވެރިވުން އޮތް މިންވަރު އިތުރަށް ހާމަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ އަލީ ހައިޝަމް އަކީ އެ ހަމަލާ ދިނުމަށް ބޭނުން ކުރި ބޮން ތައްޔާރުކޮށް އެ ބޮން ސައިކަލުގައި ހަރުކުރުމުގައި އުޅުނު މީހެއްކަން މިހާތަނަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

"މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަމަލާދިނުމަށް ރާވައި ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމް، އިސްހާގު އަލީ އަދި އަލީ ހައިޝަމް،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ހަމަލާގައި ބޭނުން ކުރި ބިމުގެ ބައިތަކުން ހައިޝަމްގެ ޑީއެންއޭވެސް ވަނީ ފުލުހުން ހޯދައިފަ އެވެ.

އަލީ ހައިޝަމްއާ އެކު ހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކުރި މީހުން --

ސީޕީ އަދި ވިދާޅުވީ އަލީ ހައިޝަމްއަށް ތުހުމަތުވާ ކަންކަމާ ގުޅިގެން އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެއީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ. ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ އަކީ ދައުވާ އުފުލަން ފޮނުވުމުގެ ކުރިން ކަންކަން ފުރިހަމަވެފައި ވޭތޯ ބެލުމަށް ފުލުހުންނާއި ޕީޖީއާ ދެމެދު މަޝްވަރާކޮށް ކަންކަން ކަށަވަރު ކުރުމުގެ މަރުހަލާ އެވެ.

އެނގިފައިވާ ގޮތުގައި އަލީ ހައިޝަމް އަކީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހުޅުމާލޭގައި ޓޫރިސްޓުންތަކަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލުމުގެ ހަމަލާ ރޭވުމުގައި އުޅުނު ކަމަށް ވެސް ތުހުމަތުވާ ފަރާތެކެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާގައި ބޭނުންކުރި ބޮން އުފެއްދުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށް ފުލުހުން ތުހުމަތު ކުރަނީ އަލީ ހައިޝަމްއަށެވެ.

މިދިޔަ މޭ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާދިނީ އެމަނިކުފާނުގެ ގެކޮޅު ގ. ކެނެރީގެއިން ނިކުމެ ވަޑައިގެން ކާރަށް އަރުއްވަނިކޮށް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

އެ ނުރައްކާތެރި ހަމަލާއާ ގުޅިގެން ހައިޝަމްއާ އެކު 10 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން ދައުވާ ކުރަން އަދި ފޮނުވީ އެންމެ ފުރަތަމަ ހައްޔަރު ކުރި ހަތަރު މީހުންގެ މައްޗަށެވެ. ދައުވާ ކުރަން ފޮނުވި ހަތަރު ފަރާތަކީ؛

  1. އަދުހަމް އަހުމަދު, 25، ވ. ތިނަދޫ, ލަކީ - ބޮން ގޮއްވާލި ފަރާތް.
  2. މުޖާޒު އަހުމަދު، 21، މއ. ފޭރުގެ - އަދުހަމް ފިލައިގެން އުޅުމަށް އެހީތެރިވެދިން ފަރާތެއް.
  3. ތަހުމީން އަހުމަދު، 32، ގއ. ކޮނޑޭ ފޮޅޭމާ - ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލުގެ ވެރިފަރާތް.
  4. އަހުމަދު ފާތިހު، 23، ލ. ގަން ދުންފިނިއުފާ - މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދިން މީހާ.

މީގެ ތެރެއިން އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފުވެފަ އެވެ.

ލ. ގަން/ދުންފިނިއުފާ އަހްމަދު ފާތިހު، ގއ. ކޮނޑޭ/ ފޮޅޭމާ/ ތަހުމީން އަހުމަދު، ވ. ތިނަދޫ/ ހިޔާ/ އަދުހަމް އަހުމަދު ރަޝީދު، މއ. ފޭރުގޭ/ މުޖާޒް އަހުމަދު (ކ-ވ). 

ދެން އެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމާއި އެކި ގޮތްގޮތުން އެ ހަމަލާއަށް އެހީތެރިވެދިނުމުގެ ތުހުމަތުވާ މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ ހަމަލާއާ ގުޅިގެން އަދިވެސް ތަހުގީގު ހިންގާ ފަރާތްތަކަކީ؛

  1. އަލީ ހައިޝަމް, ނޫރީގެ, ނ. މަނަދޫ - ހަމަލާގެ މޭސްތިރިއެއް/ ބޮން އުފައްދައި ހަރުކުރުމުގައި އުޅުނު.
  2. އިސްހާގު އަލީ, މ. ކުދެހިގެ - ހަމަލާގެ މޭސްތިރިއެއް.
  3. ފަހުމީ އަލީ, ހުދުރުވާގެ, ގއ. ވިލިގިލި.
  4. މުހައްމަދު ނާޒިމް, އަސަރީގެ, އއ. މާޅޮސް.
  5. އަބްދުﷲ އަލިމަނިކު, ބަހާރުގޭ, ހއ. މޮޅަދޫ - ހަރުކަށި ފިކުރު ފެތުރުމުގެ ބޮޑެއް/ ހެކި ނައްތާލަން އެހީވި.
  6. މުހައްމަދު ތަސްލީމް, އަލަނާސިގޭ, ހއ. ހޯރަފުށީ - ހަމަލާދިން ސެލްގެ އިސް މީހާ އަދި ރެކްރޫޓަރު.

މި ހަމަލާގައި ތުހުމަތުވާ އެންމެންނަކީ ވެސް ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމުގައި ގަބޫލުކޮށް ރައީސް މުހައްމަދު ނަޝީދަކީ ދީނުން ބޭރުވެފައިވާ ލޭ ހުއްދަ މީހެއް ކަމަށް އަމިއްލައަށް ކަނޑައަޅައިގެން އުޅުނު ބައެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި "ސެލް" އެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ އެ މީހުން ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ރޭވުން ރޭވީ 2019 ވަނަ އަހަރު ކަމަށާއި އެ ރޭވުން ތަންފީޒު ކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ކުރަމުން އައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ. އަދި ބުނެފައި ވަނީ އެ މީހުން ތިބީ ޖާނުން ފިދާވެގެން ވެސް ރައީސް ނަޝީދަށް ހަމަލާދިނުމަށް ތައްޔާރަށް ކަމަށެވެ. އަދި މީގެ ކުރިން ތިން ފަހަރެއްގެ މަތިން ރައީސް ނަޝީދަށް ހަމަލާދޭން އެ މީހުން ރޭވި ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top