Close

މަނަދޫގައި އޮތް އަވަށު ފޯރި

މަނަދޫ ހުޅަނގު އަވަށު ފިރިހެނުން 1981ގައި ދަނޑިޖަހަނީ

ޢަބްދުﷲ ސަޢީދު - މަނަދޫގައި އޮންނަ ދެ އަވަށް ކަމަށްވާ އިރުމަތީ އަވަށާއި ހުޅަނގު އަވަށާ ދެމެދު ބޮޑު ނުތަނަވަސް ކަމެއް އަޅުގަނޑުގެ އުމުރުން ނުވަވަރަށް އަހަރުގައި ހިނގިއެވެ. ކުރީގައި އެ ފޯރިއާއި ޖޯޝް މާ ގަދަކަމަށްވެއެވެ. އަޅުގަނޑު އެކަން ތަޖުރިބާކުރީ ބޮޑު ޢީދެއްގައެވެ. 

އެ ދުވަސްވަރަކީ ބައެއް ދެމަފިރިން ވެސް ދެ އަވަށަށް ކުޅިވަރުކުޅެ، އެ މީހެއްގެ އަވަށަށް ތަރުހީބުދީ އުޅުނު ދުވަސްވަރެކެވެ. ތަންކޮޅެއް ކުރިއަށް ބަލާލާއިރު އާދަންކޮބޭގެ ގެ (އަހިގަސްދޮށުގެ) އަކީ މަނަދޫ ސޯސަންމަގުން އެންމެ އިރުމަތީގައި ހުންނަ ގެއެވެ. އެކަމަކު އާދަންކޮބޭ އަކީ ހުޅަނގު އަވަށު މީހެކެވެ. އާދަންކޮބޭގެ އަންހެނުން ސަންފަ ދައިތައަކީ އިރުމަތީ އަވަށު މީހެކެވެ. ކެލާ ޙަސަންބެއަކީ ވެސް ހުޅަނގު އަވަށު މީހެކެވެ. ޙަސަންބެގެ އަންހެނުން ދަލޭކަ ދައިތައަކީ އިރުމަތީ އަވަށު މީހެކެވެ. ތަންކޮޅެއް ފަހަށް ބަލާލާއިރު އިދުރީހު މޫސަބޭ އަކީ ގެދޮރު ބިނާކޮށްގެން އިރުމަތީ އަވަށުގައި ދިރިއުޅުނު މީހެކެވެ. އެކަމަކު އަވަށު ކުޅިވަރުގައި އެއީ ހުޅަނގު އަވަށުގެ އެއް ތަނބެވެ. ހުޅަނގު އަވަށު އެހެން މީހަކު އެގެއަކު ނޫޅެއެވެ. މިގޮތަށް ކިޔޭނެ އެތައްއެތައް އާއިލާއެއް މަނަދޫގައި އޭރު އޮތެވެ. އެ ފޯރި އެހެން އޮތްއިރު އެންމެ ބޮޑަށް ފާޑީ މިހާރުގެ ސިޔާސީ ޕާޓީތަކަށް ބައެއް މީހުންގެ އޮންނަ ލޯތްބާއި ފޯރިއެވެ. އެހެން ނަމަވެސް މިހާރު ސިޔާސީ ފިކުރު ބައެއް މީހުން ބަދަލުކޮށްލާހާ ފަސޭހައިން އޭރަކު އަވަށު ލޯތްބެއް ބަދަލެއް ނުވެއެވެ.

އެކަމަކު އެވެސް ނުހިނގާ ކަމެއް ނޫނެވެ. މަނަދޫ ދޮންވެލި ޔޫސުފް އިބްރާހީމް (ޔޫސުމްބެ) އާއި މަނަދޫ ނޫރާނީވިލާ ޙުސައިން ޙަސަން (ހުސެންބެ) އަކީ އިރުމަތީ އަވަށުގައި ކުޅިވަރުގައި ނަގާކިޔަން އުޅުނު އިސް ދެ މީހުންނެވެ. ހުޅަނގު އަވަށުން މީހުންނާ އިނދެގެން ހުޅަނގު އަވަށުގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެއް ވީ އިރުވެސް އިރުމަތީ އަވަށް ނަގަހައްޓަން އުޅުނެވެ. އެކަމަކު ހުޅަނގު އަވަށުގެ ކުޅިވަރު ތަކުންނާއި އަވަށު މަސައްކަތްތަކުން ފަހުން ފެނުނެވެ. 

މަނަދޫ އިރުމަތީ އަވަށު އަންހެނުން 1981 ގައި ފަތިގަނޑު ޖެހުން

އަވަށު ފޯރިއާއި އަވަށު ވާދައަކީ އެއް ވިސްނުމަކުން ބަލާއިރު އާއިލާތަކާއި ރަށް ވެސް ބައިބައިކުރި ބޮޑު ފިތުނަ ގަނޑެކެވެ. އެކަމަކު އެއީ ލިޔެވިފައިނުވާ ހަމަތަކަކާއި އުސޫލުތަކެއްގެ މައްޗަށް ހިނގަމުންދިޔަ ވަރަށް ވަރުގަދަ އިޖުތިމާޢީ ރޫޙެކެވެ. ދެ އަވަށް ވަކިން ކުޅުނު ކުޅިވަރުތަކުގައި އޮންނަ ވާދަވެރިކަމުގައި އެކަންޏެއް ނޫނެވެ. ރަށުގެ ތޮށިލުމާއި ރަށުތެރެ ކުނިކަހައި ސާފުކޮށް ބެލެހެއްޓުގައި ވެސް އަވަށު ފޯރިއާ ޖެހުނީމާ ނުވާކަމެއް ނޯވެއެވެ. އިރުމަތީ އަވަށު ފިރިހެނުންގެ މިސްކިތް ބޮޑުކޮށް އިމާރާތް ކުރުމުގައި އަވަށުގެ ރޫޙު މުހިންމު ދައުރެއް އަދާކުރިއެވެ. އެ އަވަށުގައި ވައް ގެއެއްގެ ގޮތަށް ހެދި ރީތި ފިނިމައިޒާން ހެދުމުގައާއި އެ އަވަށުގައި ނަގާކިޔާ ބަޔަކު އިސްވެ އުފެއްދި "މަނަދޫ އެކުވެރި ކުލަބު" އުފެއްދުމުގައި ވެސް އަވަށުގެ ކުލަވަރު ޖެހިފައި ހުއްޓެވެ. ހަމައެހެންމެ، މަނަދޫ ރުއްމަގު ފިނިމައިޒާން ރާނާ ހިޔާކޮށް ހެދުމާއި އެންމެ ފަހުން ހެދި ސޯބު އުނދޯލި ހެދުމާއި "މަނަދޫ ވިލަރެސް ކުލަބު" ވުޖޫދަށް ގެނައުމުގައި ހުޅަނގު އަވަށުގެ ރޫޙާއި ޖޯޝް ފެނުނެވެ. މަނަދޫއަށް އެންމެ ފުރަތަމަ ކަރަންޓް ލީއިރު އަމިއްލަ ދެ ފަރާތަކުން އެކަން ކުރިޔަސް އަވަށުގެ ކުލަވަރު އެކަމުގައި ވެސް ހުރީ ޖެހިފައެވެ. ސަންލައިޓް އިންޖީނުގެއަކީ ހުޅަނގު އަވަށު އިންޖީނުގެއަކަށް ބެލެވި، ފޫޅުމާގޭގައި ހިންގި ރިހިއަލި އިންޖީނުގެއަކީ އިރުމަތީ އަވަށު އިންޖީނުގެއަކަށް ބެލެވުނެވެ. އެއް އިންޖީނު ގެއަކުން މާ ފަސޭހައިން ޚިދުމަތް ހޯދެން އޮއްވާ ވެސް ދިގުކޮށް ނަރު މަތިން ދަމައިގެންނާއި ފަހުން ކޭބަލް ވަޅުލައިގެން ވެސް އެ ގެއެއްގެ އަވަށު ފިކުރާ ގުޅޭގޮތަށް ކަރަންޓް ލިއެވެ. 

މަނަދޫގައި އޮތް އަވަށު ފޯރިއަކީ ތަރައްޤީއަށާއި ކުރިއެރުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށް ޤަބޫލުކޮށްގެން ދެ އަވަށުގެ ޒުވާނުންގެ ތެރެއިން ބަޔަކު ތެދުވެ "މަނަދޫ އެކުވެރިންގެ ގުޅުން" ކިޔާ ޖަމްޢިއްޔާއެއް އުފެއްދިއެވެ. އެ ޖަމްޢިއްޔާގެ ޅަފަތުގައި ވަރަށް ގިނަގުނަ އަގުހުރި މަސައްކަތްތަކެއް ވެސް ކުރިއެވެ. ދެ އަވަށުގެ ކުޅިވަރުގައި ނަގާކިޔާ މީހުންގެ ނުރުހުމާއި ނަފުރަތު ވެސް އޮތެވެ. 

އެއް އަހަރެއްގެ ބޮޑު ޢީދުގައި އެ ޖަމްޢިއްޔާއިން ހަވީރު ފުޓްބޯޅަ މެޗެއް ކުޅެން ރޭވިއެވެ. އެ މެޗް ކުޅުނަ ނުދިނުމަށް ބަޔަކު މީހުން ދުރާލައި ދަނޑަށް އެރިއެވެ. އެއީ ހަވީރު އަވަށް ތަކުން ސަޤާފީ ކުޅަވަރެއް ކަމުގައިވާ ދަނޑިޖެހުން ބާއްވާއިރު އެ ކުޅިވަރު ބަލަން މީހުން ނުދާނެ ކަމަށް ބެލިގެންނެވެ. އެފަހަރު ހުރަސްއެޅީ ބޮޑަށް ހުޅަނގު އަވަށުންނެވެ. އެހެން ޢީދެއްގައި މަނަދޫ އެކުވެރިންގެ ގުޅުމުން މަޝްހޫރު ލަވަ ކިޔުންތެރިޔާ ޢަލީ ރަމީޒު މަނަދޫއަށް ގެންގޮސް ޓިކެޓް ވިއްކައިގެ ބޮޑު ޝޯވ އެއް ބޭއްވިއެވެ. އެފަހަރު އިރުމަތީ އަވަށުން ކުއްލި ގޮތަކަށް މަޝްހޫރު ލަވަ ލިޔުންތެރިޔާ ނައިފަރު ދޮހޮއްކޮބޭ ގެންގޮސް ހިލޭ ޝޯވ ބޭއްވިއެވެ. 

މަނަދޫ އިރުމަތީ އަވަށު ފިރިހެނުން 1981 ގައި ކުރުފަލި ޖެހުން

މަނަދޫ އެކުވެރިންގެ ގުޅުމުގެ ހަރަކާތްތަކާ ދެކޮޅަށް އޮތް އަވަށު ރޫޙުގައި ދެ އަވަށުގެ ނަގާކިޔާ ފަރާތްތަކުން ދެ ޖަމްޢިއްޔާ އުފައްދައި ޤާނޫނީ ހައިސިއްޔަތު ފަހުން ހޯދީއެވެ. ބިން ހޯދައި ކުޅިވަރުގެތައް ބިނާކޮށް ސަޤާފީ ކުޅިވަރާއި ޒަމާނީ ކުޅިވަރުތައް ވެސް އާ ރޫޙެއްގައި ފަށައިގަތީއެވެ. މާލޭގައި ތިބެފައި ޢީދު ބަންދުގައި ރަށަށް ގޮސް ރެއެއް ދުވާލެއް ނުބަލައި ނުނިދާ ތިބެގެން ރަށު ލޯބީގައި ހިންގި މަނަދޫ އެކުވެރިންގެ ގުޅުމުން ހޯމް މިނިސްޓްރީއަށް އަހަރީ ރިޕޯޓް ގަވާއިދުން ނުފޮނުވާ އޮވެގެން ސަރުކާރުން އުވާލީއެވެ. 

ަމަނަދޫގައި ކުރީގައި އޮތް އަވަށު ފޯރީގެ ރަން ޒަމާނުގައި ސަރަހައްދީ ގޮތުން ދެ އަވަށް ވަކިރާ އިމެއްގެ ގޮތުގައި ބަލާ ގެތަކެއް ހުއްޓަސް އެ އިމާ ހިސާބުން އަވަށު ވާދައާއި ފިކުރު ބައިވެގެންނެއް ނުދެއެވެ. އެއް އަވަށުގެ މީހަކު އަނެއް އަވަށުން މީހަކާ އިދެގެން ކިތަންމެ ދުވަހަކު ދިރިއުޅުނަސް އަވަށަކަށް ބަދަލެއް ނާދެއެވެ. އޭރު ސޯސަންމަގުން ހުޅަނގު އަވަށާއި އިރުމަތީ އަވަށް ވަކިކުރާ އިމަކީ ހިޔަލީގެ އާއި ދޮންއަންނާރުގެ އެވެ. މިއީ އެއް އިންވެފައި ހުންނަ ދެ ގެއެކެވެ. ހިޔަލީގެ ހިމަނައިގެން ހުޅަނގަކީ މަނަދޫ ހުޅަނގު އަވަށެވެ. ދޮންއަންނާރުގެ ހިމަނައިގެން އިރުމައްޗަކީ އިރުމަތީ އަވަށެވެ. 

މަނަދޫ އެކުވެރި ކުލަބުގެ އަންހެނުން 2019ގައި ބޭއްވި ކުރުފަލި ޖެހުމުގެ ހަރަކާތް

އަޅުގަނޑުގެ މަންމަ ފަރާތު ކާފަ، އިބްރާހީމް ޙަސަނަކީ އިރުމަތީ އަވަށުގައި ކުޅިވަރުގެ މުރީދެކެވެ. ބޮޑު ޢީދެއްގައި ބޮޑުމަސް ދުއްވިރެއެކެވެ. އެއީ ކާފަކައިރި ވަރަށް ރޮއިގެން މަސް ނެރުނު ތަނަށް ގެންދިޔަ ރެއެކެއެވެ. އޭރު ބޮޑުމަސް ދުއްވާ ރޭރޭ ރަސްމީކޮށް މަސް ނެރެނީ ދެނަމާދު ދޭތެރޭގައެވެ. ދިގުމަގު ކުޅީގައި މަސް ނެރުމަށްފަހު ބޮޑުމަސް ބޭނުމުގެ ކުޅިވަރު ފަށަނީ ޢިޝާ ނަމާދުން ފައިބައިގެންނެވެ. 

ހަރުބީއާއެކު ދިގުމަގު ކުޅީގައި ބޮޑު މަސް ނެރެނީ ވަރަށް ޢިއްޒަތުގައެވެ. ނަށާ އަންހެން ކުދިންނާއި ދަނޑިޖަހާ ފިރިހެންވެރިންނެވެ. ބެރުވެރިންނާއި ތާރަވެރިންނެވެ. ތާޅަފިލިވެރިން ނުވަތަ ދުންމާރި ފުމޭ މީހުންނާއި ލަވަކިޔާ މީހުންނެވެ. މަސް ދުއްވުމުގައި ހަރަކާތްތެރިވާ ދިގުބެއާއި ބޮޑު ދޫންޏާއި ބޮޑު ބޯވަފަދަ ޝަޚުސިއްޔަތު ތަކެވެ. އެ ވަގުތަކީ އެއް އަވަށުން ހަދާ ބޮޑު މަހާއި އެ ކުޅިވަރުގައި އުޅޭ ޝަޚުސިއްޔަތު ތަކަށް އަނެއް އަވަށަކުން ފާޑުކިޔާ ވަގުތެވެ. އެއް ބަޔަކަށްވުރެ އަނެއްބައެއްގެ އުފެއްދުންތައް މޮޅުކަމަށް ކިޔާ އުޅޭ ވަގުތެވެ. 

މަނަދޫގައި ދިގުމަގު ކުޅި ހިނގަނީ ސޯސަންމަގާއި ރާގެ (މިހާރު ރައިމާގެ) އިރުން އޮންނަ ގޯޅިއާއި ރަށުގެ އެންމެ އުތުރު ފަރާތުގައި ބަދިގެތަކާއި ގެތަކާ ދެމެދުން އޮންނަ މަގާއި އަތޮޅުގޭގެ އިރުން އޮންނަ ބޮޑުގޯޅީގައި ވަށާ ހިނގޭ ގޮތަށެވެ.

އެރޭަ ވެސް އާދައިގެ މަތިން އިރުމަތީ އަވަށު މަސް ނެރުނީ ރަތްވިލާގެ ކުރިމަތިންނެވެ. އުތުރަށް ގޮސް ރާގޭ ކުރިމަތިން ގޮސް ފިނިފެންމާގެ ހުޅަނގުން އޮންނަ ބޮޑު ގޯޅިން ދެކުނަށް އެޅިތަނުން ކުއްލިއަކަށް އަޑުގަދަވެއްޖެއެވެ. ކަންވާރެއް ދަމާފައި ހުރިއްޔޭ ކިޔައެވެ. ގުއި ރޯނެކޭ ވެސް ގޮވައެވެ. އަޑުގަދަކޮށް ހަޅޭއްލަވާ ބައެއް މީހުން މާބޮޑަށް ރުޅިގަދަ ވެގެން ވެސް އުޅެއެވެ. އެ ހިސާބުން އެ އޮތީ ހަމަނުޖެހުން ފެށިފައެވެ. މައިގަނޑު ކަމަކަށް އޮންނަނީ ޒުވާބުކުރުމާއި ހަޅޭއްލެވުމެވެ. 

އެ ޢީދުގައި އެ ހަމަނުޖެހުން ހިނގީ ބޮޑުމަސް ނެރުނުއިރު އެއް ބަޔަކު އަނެއް ބަޔަކަށް ހުރަސް އަޅައިގެންނެވެ. ހުޅަނގު އަވަށު މީހުން ކިޔަނީ ފުރަތަމަ ހުރަސް އެޅީ އިރުމަތީ އަވަށުން ކަމަށެވެ. ރާގޭ ކައިރިން މަގުމަތީގައި ފަތްޖެހިއެނދު ހުރަސްކުރީއޭ ކިޔައެވެ. އިރުމަތީ އަވަށު މީހުން ކިޔަނީ ފުރަތަމަ ހުރަސްއެޅީ ހުޅަނގުމަތީ މީހުން ކަމަށެވެ. ފިނިފެންމާގެއާ ދިމާލުގައާއި ބޮޑު ގޯޅީގައި ކަންވާރާއި ރޯނު ދަމާފައި ހުރީއޭ ކިޔައެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުކޮށް ހަޅޭއްލަވައި އަޑުގަދަކޮށް އުޅުނެވެ. އެގޮތަށް އުފެދޭ ނުތަނަވަސް ކަމުގައި ޢީދުކުޅިވަރު ކުޅެނީ ސެކިޔުރިޓީ ވަރަށް ވަރުގަދަ ކޮށްގެންނެވެ. އެއް އަވަށުން އަނެއް އަވަށަށް ހަމަލާއެއް ދީފާނެތީއެވެ. އެ ވާދަވެރިކަން ހިލިގަތީމާ އެއް އަވަށު މީހުން އަނެއް އަވަށަށް ކުޅިބަލަން ގޮސް ހެދުމެއް ވެސް ނޯވެއެވެ


*އެޑިޓަރުގެ ނޯޓްމި ލިޔުމަކީ މި އަތޮޅު މަނަދުއަށް ނިސްބަތްވާ ސާޖަންޓު މޭޖާ އަބްދުﷲ ސައީދު އޭނާގެ ފޭސްބުކުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެކެވެމި ލިޔުން މި ނޫހުގައި މި ޝާއިއު ކުރީ އޭނާގެ އިޒުނައާ އެކު އެއްވެސް އުނި އިތުރުކަމެއް ނުގެނެހެވެމޭޖާ އަބްދުﷲ ސައީދަކީ ތާރީހު ދިރާސާ ކުރެއްވުމާއި ލިޔުންތެރިކަން އަދި އަދަބިއްޔާތަށް ވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެއޭނާގެ ފޭސްބުކުގައި މި އަތޮޅާ ގުޅޭ ޝައުގުވެރި ވާހަކަތައް ލިޔުއްވަމުން ގެންދަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top