Close

ރަންބިން ފިއެސްޓާ 21: ގޯޅި އެފްސީ އާއި ރާޅު ކަމަނަ ތަށި ދިފާއުކޮށްފި

ރަންބިން ފިއެސްޓާ 21ގެ ޗެމްޕިއަން ތަށި ގޯޅި އެފްސީއިން އުފުލައިލަނީ: މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ގޯޅި އެފްސީ -- ފޮޓޯ | ސީޑާ

މިއަތޮޅު ޅޮހީގައި ކުރިޔަށް ގެންދިޔަ "ރަންބިން ފިއެސްޓާ ފުޓްސެލް ޓޯނަމަންޓު 2021"ގެ ފިރިހެންބައިން ޗެމްޕިއަންކަން ގޯޅި އެފްސީ އަދި އަންހެންބައިގެ ޗެމްޕިއަންކަން ރާޅު ކަމަނަ ހޯދައިފި އެވެ. މިދިޔަ އަހަރުވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މި ދެޓީމެވެ.

އެ ރަށުގެ ޖަމްއިއްޔާއެއް ކަމަށްވާ ސީޑާއިން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި މިދިޔަ ބުދަ ދުވަހު ކުޅުނު ފައިނަލް މެޗުގައި ގޯޅި އެފްސީއިން ޗެމްޕިއަންކަން ދިފާއުކޮށް ތަށި އުފުލައިލީ ނެމެސިސް އެފްޓީއާ ވާދަކޮށް 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-3ގެ ނަތީޖާއަކުންނެވެ. އަދި ރާޅު ކަމަނަ ތަށި ދިފާއު ކުރީ ގޮމަ އެފްސީ އާ ވާދަކޮށް 2-1ގެ ނަތީޖާއަކުންނެވެ.

ރަންބިން ފިއެސްޓާގެ އަންހެން ޗެމްޕިއަން ރާޅު ކަމަނަ ތަށި އުފުލައިލަނީ -- ފޮޓޯ | ސީޑާ

މި މުބާރާތުގެ ފިރިހން ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ އަދި ރަނަރަފް ޓީމަށް 7،500 ރުފިޔާ ވަނީ ދީފަ އެވެ. އަދި އަންހެން ބައިގެ ޗެމްޕިއަން ޓީމަށް 7،500 ރުފިޔާ އަދި ރަނަރަޕް ޓީމަށް 3،500 ރުފިޔާ ވަނީ ދީފަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއާ ކަމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ނެމެސިސް އެފްޓީގެ ޖޯޒީ ނަމްބަރު 17 އަބްދުﷲ ރިމާހު އެވެ. އަންހެން އެންމެ މޮޅު ކުޅުންތެރިއަކީ ރާޅު ކަމަނަ ޓީމުގެ ޖޯޒީ ނަމްބަރު 26 ފާތިމަތު ޝުހާ އެވެ. މުބާރާތުގައި އަންހެން ބައިން އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ވެސް އޭނާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ވެސް ވަނީ 500 ރުފިޔާ ދީފަ އެވެ.

އެންމެ މޮޅު ފަސް ކުޅުންތެރިން - ފިރިހެން

  1. އަބްދުﷲ ރިމާހު، ނެމެސިސް އެފްޓީ، ޖ. 17
  2. މުހައްމަދު އިމާދު، ނެމެސިސް އެފްޓީ، ޖ. 31
  3. މުހައްމަދު ނިފާއު، ނެމެސިސް އެފްޓީ، ޖ. 8
  4. އަލީ އިބްރާހިމް ދީދީ، ގޯޅި އެފްސީ، ޖ. 7
  5. މުހައްމަދު އައިމަން، ގޯޅި އެފްސީ، ޖ. 22

އެންމެ މޮޅު ފަސް ކުޅުންތެރިން - އަންހެން

  1. ފާތިމަތު ޝަހާ، ރާޅު ކަމަނަ، ޖ. 1
  2. ފާތިމަތު ޝުހާ، ރާޅު ކަމަނަ، ޖ. 26
  3. މަރިޔަމް ނަޝްފާ، ޓީމް ސިސްޓާޒް، ޖ. 5
  4. އައިޝަތު އަރީން، ގޮމަ އެފްސީ، ޖ. 21
  5. އައިޝަތު އަޒީމާ، ގޮމަ އެފްސީ، ޖ. 11

މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައި ވަނީ ނެމެސިސްޓް އެފްސީގެ ޖޯޒީ ނަމްބަރު 31 މުހައްމަދު އިމާދު އެވެ. އަދި އަންހެން އެންމެ މޮޅު ކީޕަރަކީ ރާޅު ކަމަނަގެ ޖޯޒީ ނަމްބަރު އެކެއް ފާތިމަތު ޝަހާ އެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކީ ރާޅު ކަމަނަ އެވެ.

މި މުބާރާތުގައި މި އަހަރު ވަނީ ސީނިއާ ހަ ޓީމާއި ޖޫނިއާ ހަތް ޓީމު ވާދަކޮށްފަ އެވެ. ޖުމްލަ 195 ކުޅުންތެރިއަކު މި މުބާރާތުގައި ވަނީ ކުޅެފަ އެވެ.

މި މުބާރާތުގެ ސުޕޮންސަރަކީ ޅޮހީ ކައުންސިލެވެ. އަދި އެކި ގޮތްގޮތުން އެހީތެރިވެ ދިން ފަރާތްތައް ކަމަށްވާ ސޮނޭވާ ޖާނީ ރިސޯޓާއި އަދި އެހެނިހެން ސުޕޮންސަރުންނަށް ސީޑާ ޖަމްއިއްޔާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top