Close

މާފަރު ކައުންސިލުން މަހަކު އެއްފަހަރު ދުވަސްވީ މީހުންނަށް ޒިޔާރަތްކުރަނީ

މާފަރު ކައުންސިލުން ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުން: މި ހަރަކާތް މަހަކު އެއްފަހަރު ހިންގަން ވަނީ ނިންމާފައި -- ފޮޓޯ | މާފަރު ކައުންސިލް

މި އަތޮޅު މާފަރު ކައުންސިލުން ރަށުގައި ތިބި ދުވަސްވީ މީހުންނާއި ހާއްސަ އެހީތެރިކަމަށް ބޭނުންވާ މީހުންނަށް މަހަކު އެއް ފަހަރު ޒިޔާރަތްކޮށް އެ މީހުންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަދުނާން ވިދާޅުވީ މުސްކުޅި ބަލީގެ ސަބަބުން އެނދުމަތިވެފައިވާ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަހަކު އެއް ފަހަރު ޒިޔާރަތް ކުރުމުގެ ޕްރޮގްރާމެއް ކައުންސިލުން ފެށީ ރަށުގެ ސިއްހީ ކަންކަން ހަރުދަނާ ކުރުމަށް އެ ކައުންސިލުން އެކުލަވާލާފައިވާ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގެ ދަށުން މިވަގުތަށް ކުރަން ކަނޑައަލާފައިވާ މަސައްކަތަކަށް ވާތީ ކަމަށެވެ. ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމުގެ ދަށުން އެފަދަ އާއިލާތަކަށް ކައުންސިލާއި ސިއްހީ މަރުކަޒުގެ ޓީމެއް މަހަކު އެއްފަހަރު ޒިޔާރަތްކޮށް އެފަދަ ފަރާތްތަކުން ބޭނުންވާ ކަންކަން އޮޅުން ފިލުވައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން އެފަދަ ފަރާތްތަކަށް އެހީގެ ކަންކަން ހަމަޖައްސާނެ ކަމަށް ވެސް އަދުނާން ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު އެ ހަރަކާތް ފެށިއިރު އެފަދަ ކޮންމެ ފަރާތަކަށް ވަނީ މޭވާ ވަށިގަނޑެއް ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފަ އެވެ.

މާފަރު ކައުންސިލުން ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުން: މި ހަރަކާތް މަހަކު އެއްފަހަރު ހިންގަން ވަނީ ނިންމާފައި -- ފޮޓޯ | މާފަރު ކައުންސިލް

ރަށުގެ ސިއްހީ ކަންކަން ރަނގަޅު ކުރަން އެކްޝަން ޕްލޭންގައި ގިނަ ކަންކަން ހިމަނާފައިވާކަން ކައުންސިލް ރައީސް އަދުނާން ވިދާޅުވި އެވެ.

"ސިއްހީ ދާއިރާއިން މިވަގުތަށް ކުރުމަށް ދެން ދެނެގަނެވިފައި ހުރި ކަންތައްތަކަކީ އެންބިއުލާންސްގެ ހިދުމަތް ހިލޭ ލިބޭނެ ގޮތް ހެދުމާއި، ރަށުންނާއި އާސަންދައިން ނުލިބޭ ބޭސްތައް ބޭރުން ގެނެވޭނެގޮތުގެ އިންތިޒާމެއް ހަމަޖެއްސުން. އެކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" އަދުނާން ވިދާޅުވި އެވެ.

މި ހަރަކާތަށް ފުލުހުންނާއި، ފެނަކަ ކޯޕަރޭޝަން ފަދަ މުއައްސަސާތަކުގެ އެއްބާރުލުން ލިބެމުން ދާތީ އަދުނާން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މާފަރު ކައުންސިލުން ދުވަސްވީ މީހުންނަށް ޒިޔާރަތްކޮށް ހަދިޔާ ދިނުން: މި ހަރަކާތް މަހަކު އެއްފަހަރު ހިންގަން ވަނީ ނިންމާފައި -- ފޮޓޯ | މާފަރު ކައުންސިލް

އަދުނާން އަދި ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ރަށުގައި ތިބި ނުކުޅެދޭ ކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގެ ހާއްސަ ނިޒާމެއް ތައާރަފްކޮށް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. މި ހުރިހާ އިޖުތިމާއީ ކަމަކަށް ވެސް ރަށުގެ ރައްޔިތުންގެ އެއްބާރުލުން ލިބޭތީ އަދުނާން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މާފަރު ކައުންސިލުން ވަނީ، ކައުންސިލުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދާއިރާތައް ކަނޑައަޅައި ކޮންމެ ދާއިރާއެއް ކައުންސިލަރުންގެ މެދުގައި ބަހާލައި ކައުންސިލަރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ފަށައިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top