Close

ކޭއެންޖީގެ އީދު ހަދިޔާ: ވެލިދޫ ކޮންމެ ގެއަކަށް ފޮތި ކޮތަޅެއް

މި އަތޮޅު ވެލިދޫގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޒުވާނުންގެ ގުރޫޕެއް ކަމަށްވާ "ކުޑަ ކަންމަތި ނިއު ޖެނެރޭޝަން" (ކޭއެންޖީ) އިން އެ ރަށުގެ ގިނަ އަދަދެއްގެ ގެތަކަށް ފޮތި ކޮތަޅު ހަދިޔާކޮށްފި އެވެ.

އެ ގުރޫޕް ފައުންޑާ މެމްބަރު އަހުމަދު އަމީލް މިއަދު "ނޫނު ޑެއިލީ" އަށް ވިދާޅުވީ އީދު ހަދިޔާގެ ގޮތުގައި ވެލިދޫގެ ގެތަކަށް ފޮތިކޮތަޅު ބެހުމުގެ މަގުސަދަކީ ވެލިދޫ އަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕުލާސްޓިކު ބޭނުން ކުރުން ހުއްޓާލާ ރަށަކަށް ހެދުން ކަމަށެވެ. އެގޮތުން މިއަދު ރަށުގެ 400 ގެއަށް ފޮތި ކޮތަޅު ބަހާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން އެބަ އޮތް އަމާޒެއް ކަނޑައަޅާފައި 2023ގައި ރާއްޖޭގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕުލާސްޓިކު ބޭނުން ކުރުން ހުއްޓާލަން. އެހެން ވީމާ އެ މަގުސަދު ހާސިލް ކުރަން އެހީތެރިވުން އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި މި އޮތީ،" އަމީލު ވިދާޅުވި އެވެ.

ކޭއިންޖީ ވެލިދޫ ރައްޔިތުންނަށް މިއަދު ކޮތަޅު ހަދިޔާ ކުރަނީ: 400 އެއްހާ ގެއަށް ކޮތަޅު ވަނީ ބަހާފައި -- ފޮޓޯ | ކޭއިންޖީ

އޭނާ ވިދާޅުވި ގޮތުގައި ވެލިދޫގެ އާންމުން ބާޒާރު ކުރަން އެ ކޮތަޅުތައް ބޭނުން ކުރަން ފެށުމުން ރަށުގައި ޕުލާސްޓިކް ކޮތަޅު ބޭނުން ކުރުން ވަރަށް ބޮޑަށް ހުއްޓިގެން ދާނެ އެވެ.

"ކޮތަޅު ހަދިޔާ ކުރީމާ ގިނަ މީހުން ބުނީ ތިމަންނާމެން ބާޒާރު ކުރަން އެ ކޮތަޅޭ ދެން ބޭނުން ކުރާނެ ކަމަށް،" އަމީލު ވިދާޅުވި އެވެ.

ބެހި ކޮތަޅުތައް ޑިޒައިން ކޮށްފައި ވަނީ ވެސް ވެލިދޫގެ ލޭންޑުމާކެއްގެ ގޮތުގައި ބަލާ ރަށުގެ ބޮޑު ނިކަގަސް ހިމަނައިގެންނެވެ. ކޭއިންޖީގެ މެންބަރުންގެ ގޮތުގައި 85 ޒުވާނުން ތިބި އިރު ރަށުގެ ގޭގެއަށް ކޮތަޅުތައް ބެހުމުގައި ހަރަކާތްތެރިވެފައި ވަނީ މިވަގުތު ރަށުގައި ތިބި އެ ގުރޫޕުގެ މެންބަރުންނެވެ.

އަމީލު ވިދާޅުވީ އެ ކޮތަޅުތައް ހެދުމަށް 25،000 ރުފިޔާ ހަރަދުވި ކަމަށެވެ. އެ ފައިސާ ހޯދީ ގުރޫޕްގެ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަހަލަ ވަރަށް ގިނަ ރަށަށް ފައިދާވާނެ ހަރަކާތްތައް އަޅުގަނޑުމެން އެބަ ހިންގަމުން ދަން. މިއީ އަދި އޭގެ ތެރެއިން އެއް ހަރަކާތް،" އަމީލު ވިދާޅުވި އެވެ.

އެ ގުރޫޕުން ވެލިދޫ ސާފު ކުރުމުގެ ޕުރޮގުރާމްތައް ދޭތެރެ ދޭތެރެއިން ހިންގާއިރު ކުޅިވަރު މުބާރާތްތައް ވެސް އެ ގުރޫޕުން ބާއްވަ އެވެ.

ވެލިދޫ އަކީ ނ. އަތޮޅުގެ އިގްތިސާދީ މައި ހަބަށްވާއިރު ކުނީގެ މައްސަލައަކީ އެ ރަށަށް ދިމާވެފައިވާ ބޮޑު މައްސަލަ އެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top