Close

ރަދުން ހިތްޕުޅާވި ހޮޅުދޫ ނަށާ ކުއްޖާ

އައްސުލްޠާން މުޙައްމަދު ފަރީދު ރޯނު ވެށުމުގެ މުބާރާތަށް 1963ގައި ބ. އޭދަފުއްޓަށް ފައިބަވަޑައިގަންނަވަނީ

ޢަބްދުﷲ ސަޢީދު -- އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގެ ފަހުކޮޅުގައި އެ ރަދުން ބައިވެރިވެ ވަޑައިގަންނަވާ ޚާއްޞަ ދެ ރަސްމިއްޔާތެއް އޮތެވެ. އެއީ އަތޮޅުތެރޭގައި ބާއްވާ ރޯނުވެށުމުގެ މުބާރާތާއި ބޮލި ހިލުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތެވެ. މިގޮތުން ހދ. ކުދުޅުއްފުށީގައި ބޭއްވި ރޯނުވެށުމުގެ މުބާރާތެއްގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންނެވި ދަތުރުފުޅު މަތީގައި އެއް ފަހަރަކު ރޭ ކުރައްވަން ނ. ހޮޅުދޫގައި މަޑުކުރެއްވިއެވެ.

ކީރިތި މަހާރަދުންނަކީ ލަވައާއި މިއުޒިކަށް ނުހަނު ބޮޑަށް ލޯބިކުރައްވާ ބޭފުޅަކަށް ވާތީ މުނިފޫހި ފިލުވުމުގެ ޝޯވއެއް އެރަށުގައި އިންތިޒާމުކުރެވުނެވެ. އެ ޝޯވ ގައި ރަދުން އެންމެ ބޮޑަށް ހިތްޕުޅާ ހަމަކުރެއްވީ ފޯކައިދޫ ޚަދީޖާގެ ރީތި ނެށުމަށެވެ. އެއީ ވަރަށް ކުޅަދާނަ މަޝްހޫރު ނެށުންތެރިއެކެވެ. އެއީ ފަހުން ނ. މަގޫދޫ ކަތީބުކަން ކުރެއްވި މުޙައްމަދު ފުޅުގެ އަނބިކަނބަލުންނެވެ.

ޖެހިގެން އައި އަހަރު ވެސް ރޯނުވެށުމުގެ މުބާރާތަށްފަހު މާލެ ވަޑައިގެންނެވި ދަތުރުފުޅު މަތީގައި ރަދުން ހޮޅުދޫގައި މަޑުކުރެއްވިއެވެ. ކުރީ ފަހަރެކޭ އެއްގޮތަށް ޝޯވއެއް ބާއްވަން ޖެހިއްޖެއެވެ. ކުރީ ދަތުރުގައި ރަދުން ހިތްޕުޅާ ހަމަކުރެއްވި ނަށާކުއްޖާ ކޮންމެހެން ވެސް ގެންނަން ޖެހިއްޖެއެވެ. ފޯކައިދޫ ޚަދީޖާގެ ނެށުން އޮންނާނެތޯ ރަދުން އައްސަވައިފިއެވެ.

އޭރު ހޮޅުދޫ ކަތީބަކީ ޙަސަން ކަލޭފާނެވެ. ފަހުން ޙަސަން ކަލޭފާނަކީ ގިނަ ދުވަސްތަކެއް ވަންދެން ނ. އަތޮޅުގެ އަތޮޅުވެރިކަން ވެސް ކުރެއްވި ވަރަށް ހިކުމަތްތެރި ބޭފުޅެކެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލިހުގައި ނ. އަތޮޅުގެ މެންބަރުކަން ވެސް ކުރެއްވި ސިޔާސީ ވަރަށް ވަރުގަދަ މުހަންނިކެކެވެ.

ފޯކައިދޫ ޚަދީޖާގެ ވާހަކަ ރަދުން އެއްސެވީމާ އެ ކުއްޖާ ބަލާ ބަޔަކު ފޮނުވާފައިވާ ވާހަކަ ދެންނެވިއެވެ. ޚަދީޖާ ބަލައި ދިޔަ ދޯނި ނިކަން ބާރަށް ފަލިޖަހާފައި އައިސް ހޮޅުދޫ ފަޅަށް ވަދެއްޖެއެވެ. އެކަމަކު އެ ދޯންޏަކު ޚަދީޖާއެއް ނެތެވެ. ޚަބަރު ބެލިއިރު ޚަދީޖާ އުޅެނީ ވައިގަނޑެއް އަރައިގެން ވަރަށް ބޮޑަށް ބަލިވެއެވެ. އެކަން އެނގުނު ހިސާބުން ހޮޅުދޫގެ ވެރިން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެއެވެ. ޚަދީޖާ ގެންނަ ވާހަކަ ކީރިތި މަހާރަދުންނަށް ދެންނެވިފައި އޮތަތީ އެވެ. ވަރަށް ބޮޑަށް ވިސްނުމަށްފަހު ޙަސަން ކަލޭފާނު މީހަކު ފޮނުވައިގެން ފާތުމާކޮއި ކިޔާ ހޮޅުދޫ އަންހެން ކުއްޖަކު ގެންނެވިއެވެ. މިރޭ ރަދުން ކުރިފުޅުމަތީގައި ނަށާލަދޭން ކެރޭނެހޭ އެ ކުއްޖާ ކައިރީގައި އައްސަވައިފިއެވެ. އެ ކުއްޖާ ބުނެއްޕެވެ. ތުއްތާބެއަށް ވެސް އެނގިލައްވާނެއެވެ. އަޅުގަނޑަކީ ރީއްޗަށް ނަށާކަށް އެނގޭ ވެސް މީހަކީމެއް ނޫނެވެ. ތިޔަކަހަލަ ތަނެއްގައި ނަށައިދޭނީ ކިހިނެއް ހެއްޔެވެ. ހޮޅުދޫ ގިނަ ބަޔަކު ޙަސަން ކަލޭފާނަށް ޢާއިލީ ގާތްކަމާއި ލޯތްބާއި އިހުތިރާމުގެ ގޮތުން މުޚާތަބުކުރާ ނަމަކީ ތުއްތާބެއެވެ. ފާތުމާކޮޔަށް ނަށާކަށް ނޭނގޭނެޔޭ ބުނުމުން ވެސް ޙަސަން ކަލޭފާނު ކުރުނުކުރައްވައި، ރަށާއި ރަށުގެ ވެރިންނަށް ޓަކައި ވެސް މިކަން ވާނީ ކޮށްދޭށޭ ވިދާޅުވެ ކުރެއްވި އާދޭހަށް އެންމެ ފަހުން އެއްބަސް ވެއްޖެއެވެ. ދެން ނިކަން ރީތިކޮށް ހެދުން އަޅުވައި ޝޯވގެ ވަކި ހިސާބަކުން ފާތުމާކޮއި ނަށަން ނެރުއްވައިފިއެވެ. ރަދުން ކަޅިވެސް ޖައްސަވައި ނުލައްވާ ބައްލަވަން އިންނެވިއެވެ. ފާތުމާކޮއިގެ ނެށުން ނިމުނީމާ އަތްޕުޅު ޖައްސަވައި ވަރަށް ބޮޑަށް ތަރުހީބު ދެއްވިއެވެ. އަދި އަރިހުގައި ތިއްބެވި ބޭފުޅުންނަށް ވިދާޅުވިއެވެ. ފޯކައިދޫ ޚަދީޖާގެ ނެށުން ކުރީ ފަހަރަށް ވުރެ މި ފަހަރު މާ ފުރިހަމައެވެ. މާ ހިތްގައެވެ.

ރަދުން ހޮޅުދޫއަށް އެފަހަރު ވަޑައިގަތީ ފޯކައިދޫ ޚަދީޖާގެ ފަރި ރީތި ނެށުން ބައްލަވާލައްވާ ހިތްޕުޅުންނެވެ. ހޮޅުދޫން ކީރިތި މަހާރަދުން ފުރާވަޑައިގަތީ އެ ރަދުންގެ ހިތްޕުޅުން ފޯކައިދޫ ޚަދީޖާގެ ނެށުން ބައްލަވާފައެވެ. އެކަމަކު އެއީ ހޮޅުދޫ ފާތުމާކޮއިގެ ފަރި ނެށުމެވެ.


*އެޑިޓަރުގެ ނޯޓް: މި ލިޔުމަކީ މި އަތޮޅު މަނަދުއަށް ނިސްބަތްވާ ސާޖަންޓު މޭޖާ އަބްދުﷲ ސައީދު އޭނާގެ ފޭސްބުކުގައި ޝާއިއު ކުރައްވާފައިވާ ލިޔުމެކެވެ. މި ލިޔުން މި ނޫހުގައި މި ޝާއިއު ކުރީ އޭނާގެ އިޒުނައާ އެކު އެއްވެސް އުނި އިތުރުކަމެއް ނުގެނެހެވެ. މޭޖާ އަބްދުﷲ ސައީދަކީ ތާރީހު ދިރާސާ ކުރެއްވުމާއި ލިޔުންތެރިކަން އަދި އަދަބިއްޔާތަށް ވެސް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ފޭސްބުކުގައި މި އަތޮޅާ ގުޅޭ ޝައުގުވެރި ވާހަކަތައް ލިޔުއްވަމުން ގެންދަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top