Close

ކުޑަފަރީ ކައުންސިލުން 28 ބެލެނިވެރިއަކަށް މާލީ އެހީ ދީފި

ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން މި އަތޮޅު ކުޑަފަރީ ކައުންސިލުން ހުޅުވާލި މައިކުރޯ ފައިނޭންސިން ސްކީމަށް އެދި ހުށަހެޅި ފަރާތްތަކަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެ މައިކުރޯ ފައިނޭންސިން ސްކީމް "އުފަލުން ސްކޫލަށް" ސްކީމުގެ ދަށުން ކޮންމެ ހުށަހެޅުމަކަށް 2،000 ރުފިޔާ ދިނުމަށް ކައުންސިލުން ނިންމި އެވެ. އަދި އެ ފައިސާ އަނބުރާ ދައްކާ ހަލާސްކުރަން ޖެހެނީ 11 މަސްދުވަހުގެ ތެރޭގަ އެވެ.

ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ ބެލެނިވެރިންނަށް ހުޅުވާލި މައިކުރޯ ފައިނޭންސިންއަށް 28 ހުށަހެޅުމެއް ލިބުނު ކަމަށެވެ. އަދި އެ ފަރާތްތަކަށް މިހާރު ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ފަރާތަކަށް އަޅުގަނޑުމެން 2،000 ރުފިޔާ މި ދިނީ. އެ ފަރާތްތަކުން 11 މަސް ތެރޭ އެ ފައިސާ އަނބުރާ ދައްކާ އިރު އެއްވެސް އިންޓަރެސްޓެއް އަދި އިތުރު ފީއެއް ވެސް އަޅުގަނޑުމެން ނުނަގާނެ،" ޝަމީމް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ބޮޑު ޗުއްޓީއަށް ފަހު ސުކޫލުތަކުގެ ކިޔެވުން އަލުން ފެށޭއިރު ކުދިންގެ ސްކޫލުގެ ކަންކަން ކުރުމަށް ކުރަން ޖެހޭ ހަރަދުތައް ހަމަޖެއްސުމަށް މި އެހީތެރިކަމުގެ ސަބަބުން ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބޭނޭ ކަމަށެވެ.

މި ސްކީމުގެ ދަށުން މިހާތަނަށް މި ވަނީ 56،000 ރުފިޔާ ދޫކުރެވިފަ އެވެ.

މިފަހުން ކުޑަފަރީ ކައުންސިލުން އިސްނަގައިގެން ރަށުގެ އާންމުންގެ ހާލަތު ބެލުމަށް ފަހު އުމުރުން ދުވަސްވުމުގެ ސަބަބުން ހިނގާ ބިގާވެ ނޫޅެވޭ އަށް ފަރާތްތަކަށް ސަރުކާރުގެ އެހީއާ އެކު ވަނީ ވީލްޗެއާ ހަދިޔާކޮށްފަ އެވެ.

މީގެ އިތުރަށް ސުކޫލަށް ދާ ދަރިވަރުންނަށް ބައިސްކަލް ގަނެދިނުމަށް އެހީވެދޭ "ބައިކު ޓް ސްކޫލް" މައިކުރޯ ފައިނޭންސިން ސްކީމެއްވެސް ކުޑަފަރީ ކައުންސިލުން ވަނީ ތައާރަފްކޮށްފަ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޝަމީމް ވިދާޅުވެފައިވާ ގޮތުގައި އެ ކައުންސިލްގެ މަގުސަދަކީ ރަށުގައި ތިބި އެހީތެރިކަން ބޭނުންވެފައިވާ ހުރިހާ ފަރާތްތަކަށް ވެސް ކައުންސިލަށް ދެވެން އޮތް އެހީތެރިކަން ދިނުން ކަމަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަމަށް އެ ކައުންސިލުން ހާއްސަ އިސްކަމެއް ދޭ ކަމަށް އޭނާ ވަނީ ވިދާޅުފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top