ރާއްޖޭގެ އެންމެ އަގު ބޮޑެތި ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ މި އަތޮޅު ރަންދެލި ރިސޯޓް އަބޫދާބީގެ ސެކިއުރިޓީ އެޑްވައިޒަރު ޝެއިހު ތަހުނޫން ބިން ޒައިދު ނަހުޔާންގެ ކުންފުނިން ރެކޯޑް އަގަކަށް ގަނެފި އެވެ.
މެދުއިރުމަތީގެ ނޫސްތަކުން ބުނި ގޮތުގައި މިދިޔަ މަހުގެ ކުރީކޮޅު ރަންދެލި ރިސޯޓް ގަނެފައި ވަނީ ޔޫއޭއީގެ ބާނީ ޒައިދުގެ ދަރިކަލުން އަދި އެގައުމުގެ ސެކިއުރިޓީ އެޑްވައިޒަރު ތަހުނޫން ބިން ޒައިދު އަލް ނަހުޔާން ޗެއާމަންކަން ކުރައްވާ އިންޓަނޭޝަނަލް ހޯލްޑިން ކޮމްޕެނީ (އައިއެޗްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އަލްފަ ދާބީ ހޯލްޑިންއިންނެވެ. އެ މުއާމަލާތުގެ އަގު 216 މިލިއަން މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)އަށް އަރާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ރަންދެލި ރިސޯޓުގެ އޯނަޝިޕް މީގެ ކުރިން ވެސް އޮންނަނީ އަބޫދާބީގެ މުރުބާން ކިޔާ ކުންފުންޏަކަށެވެ.

ފްރާންސްގެ ލަގްޒަރީ ފެޝަން އުފެއްދުންތައް ތައްޔާރުކުރާ ލުއިވުޓޯން މޮއެޓް ހެނެސީ (އެލްވީއެމްއެޗް) އިން ހިންގާ ރަންދެލި ރިސޯޓުގައި މި އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގެ މީހުން އެކި ފެންވަރުގެ ވަޒީފާތަކުގައި މަސައްކަތް ކުރެ އެވެ. އަދި ރަންދެލި ރިސޯޓުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސަނީ ވެސް މިއަތޮޅު ވެލިދޫގަ އެވެ.
މީގެ ނުވަ އަހަރުކުރިން 2013 ވަނަ އަހަރު ހުޅުވު ރަންދެލި ރިސޯޓު ހެދުމަށް 90 މިލިއަން ޑޮލަރު ހަރަދުވި ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ރަންދެލި ރިސޯޓުގައި މަތީ ފެންވަރުގެ 45 ވިލާ އާއި ސްޕާ އާއި ރެސްޓޯރަންޓުގެ އެންމެ ޒަމާނީ ހިދުމަތް ލިބެން ހުންނަ އިރު މިއީ ބޭރުގެ ސެލަބިރިޓީންގެ މެދުގައި ވެސް މަގުބޫލު ރިސޯޓެކެވެ. އެ ރިސޯޓުގެ އެނދުތައް ވިއްކަމުން އަންނަނީ ރެއަކާ ދުވާލަށް 2،500-5،000 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.