Close

މުޅި އަތޮޅުން އެންމެ ކުރީގައި އުޅެނީ މަގޫދޫ ކައުންސިލް ކަމަށް ދައްކައިފި

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭއިން) އިއުލާންކުރި ކައުންސިލްތަކުގެ ރޭންކިންގް 2019 ގައި ނ. އަތޮޅު ރަށްރަށުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ ނ. މަގޫދޫ ކައުންސިލް ކަމަށް ދައްކައިފި އެވެ.

ރާއްޖޭގެ 18 އަތޮޅުގެ ތެރެއިން ނ. އަތޮޅު ކައުންސިލަށް ލިބިފައި ވަނީ 17 ވަނަ އެވެ. މަގުދޫ ކައުންސިލަށް ވަނީ 157 ރަށެއްގެ ރަށު ކައުންސިލާ ވާދަކޮށްގެން މުޅި ރާއްޖެއިން 29 ވަނަ ހޯދާފަ އެވެ. ނ. އަތޮޅުގެ ކައުންސިލްތަކުން އަތޮޅުން ދެވަނަ ކައުންސިލަކަށް ހޮވިފައި ވަނީ ހެނބަދޫ ކައުންސިލެވެ. މުޅި ރާއްޖޭގެ ކައުންސިލްތަކާ ވާދަކޮށްގެން ހެނބަދޫ އަށް ލިބިފައި ވަނީ 45 ވަނަ އެވެ. އަތޮޅުގެ ތިންވަނައިގައި އުޅެނީ ވެލިދޫ އެވެ. ވެލިދޫ އަށް މުޅި ރާއްޖޭގެ ކައުންސިލްތަކުގެ ރޭންކަށް ބަލާއިރު ލިބިފައި ވަނީ 60 ވަނަ އެވެ.

ނ. އަތޮޅުގެ ހަތަރު ވަނައިގައި ހިމެނެނީ ކުޑަފަރީ ކައުންސިލް އެވެ. ކުޑަފަރީ ކައުންސިލަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 61 ވަނަ އެވެ. އަތޮޅުން ފަސްވަނައިގައި ހޮޅުދޫ ކައުންސިލް ހިމެނޭއިރު އެރަށަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 88 ވަނަ އެވެ.

ޅޮހީ ކައުންސިލަށް އަތޮޅުން ލިބިފައި ވަނީ ހަވަނަ އެވެ. މުޅި ރާއްޖެއިން ލިބިފައި ވަނީ 99 ވަނަ އެވެ. ފޮއްދޫ ކައުންސިލަށް ލިބިފައި ވަނީ އަތޮޅުން ހަތް ވަނަ އެވެ. އަދި މުޅި ރާއްޖެ އަށް ބަލާއިރު ލިބިފައި ވަނީ 129 ވަނަ އެވެ. އަތޮޅުގެ އެންމެ ބޮޑުރަށް ކެނދިކުޅުދޫ އަށް އަތޮޅުން 8 ވަނަ ލިބުންއިރު، މުޅި ރާއްޖެއިން ލިބިފައި ވަނީ 140 ވަނަ އެވެ. އަތޮޅު ނުވަ ވަނަ މާޅެންދޫ އަށް ލިބިފައިވާއިރު، މުޅި ރާއްޖެއިން ލިބިފައި ވަނީ 141 ވަނަ އެވެ.

އަތޮޅުވެރިކަންކުރާ ރަށް މަނަދޫ އަށް ލިބިފައި ވަނީ މުޅި އަތޮޅުން 10 ވަނަ އެވެ. މުޅި ރާއްޖެއިން މަނަދޫ އަށް ލިބިފައި ވަނީ 142 ވަނަ އެވެ. ލަންދޫ އަތޮޅުން 11 ވަނަ އަށް ދިޔައިރު މުޅި ރާއްޖެއިން ލިބިފައި ވަނީ 146 ވަނަ އެވެ. އަތޮޅުން 12 ވަނައިގައި އޮތް މާފަރު ކައުންސިލަށް މުޅި ރާއްޖެއިން ލިބިފައި ވަނީ 154 ވަނަ އެވެ. މިއީ މާފަރުން މި ރިޕޯޓް އަލަށް ހުށަހެޅި ފަހަރެވެ. އެލްޖީއޭ އިން އެކުލަވާލި ކައުންސިލްތަކުގެ ދަރަޖަ ރިޕޯޓް، 2015، 2016، 2017 އަިދ 2018 ގައި ވެސް އެކަށީގެންވާ ވަރަށް ކިތާބީހެކި ނެތުމުން ނ. މާފަރު ކައުންސިލް ވަނީ މި 04 އަހަރު ވެސް މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފަ އެވެ. މިއަހަރު ކިތާބީ ހެކި ހުށަނާޅައިން ނ. އަތޮޅުގެ އެންމެ ފުލަށް، އަދި މުޅި ރާއްޖެއިން އެންމެ ފުލަށް ގޮސްފައި ވަނީ ނ. މިލަދޫ ކައުންސިލް އެވެ. ނަމަވެސް މިލަދޫ ކައުންސިލަކީ 2018 ވަނަ އަތޮޅުން 2 ވަނަ ދަރަޖަ ހޯދާފައިވާ ކައުންސިލެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top