Close

ތާރީހީ ނަޒަރަކުން މާފަރު އޮފީސް

މާފަރު އޮފީސް (ބައު އޮފީސް)

 މުޙައްމަދު ނަސީމް/ ނ. މާފަރު - މީލާދީން 1960ގެ ނ. އަތޮޅު ރިޕޯޓުގައިވާ ގޮތުން އޭރު ނ. މާފަރުގައި ހުރީ ވަރަށް އާދައިގެ ރަށު އޮފީހެކެވެ. އޭރު ރަށު އޮފީހުގެ އިމާރާތް ހުރީ ކާޑު ފަސްގަނޑު ސަރަހައްދުގައެވެ. އޮފީސް ހުރީ ރާނައި ފަނުން ހިޔާކޮށްފައެވެ. އޭގެ ފަހުން ފަންފުރާޅު ޓިނު ފުރާޅަކަށް ބަދަލުކުރެވުނެވެ. ރަށު އޮފީހާ ޖެހިގެން ހުޅަނގަށް ހުންނަނީ ކާޑުގެއެވެ. ނުވަތަ ކާޑު ރައްކާކުރުމަށް ހަދާފައި ހުންނަ ގުދަނެވެ. މިއީ ވެސް ރާނައި ހިޔާކޮށްފައި ހުންނަ ތަނެކެވެ.

ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، (1981) ރައްޔިތުން ބިނާކުރި އައު ރަށު އޮފީހުގެ އިމާރާތް ބައްލަވާލެއްވުން.

މީލާދީން 1960ގެ ނ. އަތޮޅު ރިޕޯޓުގައި މާފަރު އޮފީސް ސިފަކުރައްވާފައި ވަނީ އަތޮޅުގެ އެހެން ރަށްރަށުގެ އޮފީސްތަކާ ނިސްބަތްކޮށް ބަލާއިރު ވަރަށް ދަށް އޮފީހެއްގެ ގޮތުގައެވެ. އޮފީހުގެ އިންތިޒާމު ކުޑަކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރު، (މީލާދީން 1961ވަނަ އަހަރު) ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރޭގައި އައު ރަށު އޮފީހެއް ރޭނުން ހިމެނެއެވެ. އެހެންނަމަވެސް ތަފާތު އެކިއެކި ދަތިތަކާހުރެ މި މަސައްކަތް ކާމިޔާބު ކުރެވުނީ އޭގެ އަހަރުތަކެއް ފަހުންނެވެ. އައު އޮފީހެއް އިމާރާތް ނުކުރެވި ގިނަ އަހަރުތަކެއް ވޭތުވެގެން ދިޔައެވެ. އެހެންކަމުން ރަށު އޮފީސް ބޭނުންކުރަމުން ދިޔައީ ތަފާތު މަރާމާތުތަކާއެކުގައެވެ. އެގޮތުން މީލާދީން 1979ވަނަ އަހަރުގެ މެދުތެރޭގައި ފެށުނު [ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު]ގެ ދަށުން މާފަރު ރަށު އޮފީސް މަރާމާތުކުރެވުނެވެ.

މިލަދުންމަޑުލު ދެކުނުބުރީ މާފަރު އޮފީސް 1999

މާފަރު ރައްޔިތުންގެ އަމިއްލަ މަސައްކަތުން މުޅިން އައު ރަށު އޮފީހެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުނީ މީލާދީން 1981ގައެވެ. ރައްޔިތުންގެ އަމިއްލަ ޚަރަދުގައި އެބައިމީހުންގެ އަމިއްލަ މަސައްކަތުން ރާނައި ޓިނު ޖަހައިގެން އިމާރާތްކުރި މި ރަށުއޮފީސް ބިނާކޮށްފައިވަނީ ރަށު އޮފީހާއި ކޯޓު އަދި މެހެމާނުންނަށް އިތުރު ކޮޓަރިއެއް ހިމެނޭ ގޮތަށެވެ. އެ އަހަރުގެ އޮކްޓޯބަރު މަހުގެ 26ވީ ހޯމަ ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މާފަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ރައްޔިތުން ބިނާކުރި އައު ރަށު އޮފީހުގެ އިމާރާތް ބައްލަވާލެއްވިއެވެ. ހަމައެހެންމެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަކޮޅުގައި، ރަށުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ މަސައްކަތުން ރަށު އޮފީސް ހެދިކަން ފާހަގަކުރައްވައި އެކަމަށް އުފާފުޅު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ކޮންމެ އަކަސް އަހަރުތައް ފާއިތުވެގެން ގޮސް މި ރަށު އޮފީސް ވެސް ބައުވެ، ޒަމާނާ ގުޅޭފަދަ އައު ރަށު އޮފީހެއްގެ ބޭނުންތެރިކަން ބޮޑުވެއްޖެއެވެ. ނަތީޖާއެއްގެ އަލުން އެހެން ތަނެއްގައި ރަށު އޮފީހުގެ އައު އިމާރާތެއް ބިނާކުރި އެވެ. މި މަސައްކަތުގައި ވެސް މާފަރު ރައްޔިތުން އެބައިމީހުންގެ ޢަމަލީ ބައިވެރިވުން ނުހަނު ހީވާގިކަމާއެކު ދައްކުވައި ދިނެވެ. މި އައު ރަށު އޮފީސް ރަސްމީކޮށް ހުޅުވުނީ މީލާދީން 18 އޭޕްރީލް 1997ގައެވެ. މިކަމަށް ޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އައު ރަށު އޮފީސް ހުޅުވައިދެއްވީ ހަފުލާގެ ޝަރަފުވެރި މެހެމާނު އަލްއުސްތާޛް ޢަބްދުﷲ ޙަމީދެވެ. މި ރަސްމިއްޔާތުގައި އަތޮޅުވެރިޔާ ޙަސަން ކަލޭފާނުގެ އިތުރުން މާފަރުގެ ވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެލެއްވިއެވެ. މާފަރު ކައުންސިލް އިދާރާގެ ނަމުގައި މިހާރު ވެސް ބޭނުންކުރަމުން އެދަނީ މީލާދީން 18 އޭޕްރީލް 1997ގައި ރަސްމީކޮށް ހުޅުވުނު ރަށު އޮފީހުގެ އިމާރާތެވެ.

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ 2020
މައުލޫމާތު:
  •  ނ. އަތޮޅު 1960މގެ ރިޕޯޓް
  •  ފަތްތޫރައިގެ ޚާއްސަ ގޮފިކޮޅު (އޭޕްރީލް 1982)
  •  ރާއްޖެތެރޭގެ ދިރުން ވޮލިއުމް 1 (1986)
  •  ބައެއް ބޭފުޅުންގެ އިންޓަވިޔުތަކުން

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top