Close

ލަންދޫގެ ކުޅިދޮށު ޕާކު، ބަލައި ފޫހިނުވާނެ

Landhoo kulhidhoshu park

ލަންދޫގައި ހެދި "ކުޅިދޮށު" ޕާކް: މިއީ އެ ރަށުގެ ޒުވާނުންތަކެއްގެ އިސްނެގުމެއް -- ފޮޓޯ | ޔެރީ

ކޮވިޑުގެ ފުރަބަންދާ އެކު މި އަތޮޅު ލަންދޫގެ ގިނަ ޒުވާނުން ރަށުގައި އަތް އުރާލައިގެން ތިބެން ޖެހުން އެ މީހުން ނެގީ ބޮޑު ފުރުސަތެއްގެ ގޮތުގަ އެވެ. އާ އަހަރުގެ ފުރަތަމަ ދުވަހު މިދިޔަ ހުކުރު ދުވަހު "ކުޅިދޮށު ޕާކު"ގެ ނަމުގައި އެ ރަށުގައި ހުޅުވި ނޭޗާ ޕާކަކީ އެ ޒުވާނުންނަށް ލިބުނު ހުސް ފުރުސަތުގެ ބޭނުން ހިފައި ރަށަށް ދިން ބޮޑު ހަދިޔާ އެކެވެ. ރަށުގެ ޗަކަ ބިން އޮންނަ ސަރަހައްދުގައި ޕާކެއް ތަރައްގީ ކުރަން  އިސްނަގައި އެ މަސައްކަތް ކުރުމުގައި އުޅުނު 40 އަކަށް ޒުވާނުންގެ ތެރެއިން އަހުމަދު ރަޝީދު "ނޫނޫ ޑެއިލީ"އަށް ބުނީ މި ޕާކު ހެދުމުގެ މަސައްކަތް ފެށީ މީގެ ދެތިން މަހެއްހާ ދުވަސްކުރިން ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ޕާކު ހެދުމުގެ ހިޔާލު ޒުވާނުންތަކެއްގެ މެދުގައި އުފެދުނީ ޗަކަ ބިމުގެ ތެރެއަށް ވަދެގެން އުޅުނު އިރު މީގެ ކުރިން ނުފެންނަ އެތައް ގުދުރަތީ ރީތިކަމެއް އެތަނުން ފެންނަން ފެށުމުންނެވެ.

"މީހުން އާންމުކޮށް ޗަކަ ބިން މި އޮންނަ ސަރަހައްދަށް ނުއެއް ވަންނާނެ. އަޅުގަނޑުމެން އެތަނަށް ވަދެ އުޅޭއިރު އާންމުންނަށް ނުފެންނަ އެތައް އެތައް ގުދުރަތީ ރީތި މަންޒަރުތައް ފެނޭ. އެތަންތަން އާންމުންނަށް ދައްކާލުން އަޅުގަނޑުމެންގެ މަގުސަދަކަށްވީ،"  އަހުމަދު ރަޝީދު ބުންޏެވެ.

Landhoo Kulhidhoshu Park
ލަންދޫ ކުޅިދޮށު ޕާކް: މިއީ އެ ރަށު ޒުވާނުންގެ އިސް ނެގުމެއް -- ފޮޓޯ | ޔެރީ

ޕާކުގެ ހެދުމުގެ މަސައްކަތް ފަށަން އެންވަޔަރުމަންޓް މިނިސްޓްރީ އާއި ކައުންސިލުން ހުއްދަނަގައި އެ ޒުވާނުން މަސައްކަތް ފެށީ އެކަމަށް ޝައުގުވެރިވާ ޒުވާނުންނާއި ރަށުގެ އެހެން ހެޔޮ އެދޭ މީހުންގެ އަތުން 100 އެއްހާ ރުފިޔާގެ ޗަންދާއެއް ނަގައި 5،000 އެއްހާ ރުފިޔާ ހަމަކޮށްގެންނެވެ. އަހުމަދު ރަޝީދު ބުނި ގޮތުގައި ރަށުގެ މީހުންގެ ފަރާތުން ލިބުނީ ހީކުރި ވަަރަށް ވުރެ ބޮޑު އެއްބާރުލުމެކެވެ.

"ރަށުގެ ކުދި ބޮޑު އެންމެން މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދިން. އެގޮތުން ރަށުގެ އަންހެން ބޭފުޅުން އަޅުގަނޑުމެންނަށް ކެއުންތައް ގެނެސްދީ އެހެން ގޮތްގޮތުން ސަޕޯޓްކޮށްދިން. ދެން ރަށުގައި މަގު ހެދުމާއި ގޯތި ދޫކުރުމާ މިކަހަލަ މަޝްރޫއުތަކެއް ހިނގަމުން ދާތީ އެތަނުން ބައެއް ސާމާނާއި އެހީތެރިކަން އަޅުގަނޑުމެންނަށް ލިބުނު،" ގާތްގަނޑަކަށް 28،000 ރުފިޔާ ހަރަދުކޮށްގެން ހެދި އެ ޕާކާ ގުޅޭ ގޮތުން އަހުމަދު ރަޝީދު ބުންޏެވެ.

Landhoo Kulhidhoshu Park
ލަންދޫ ކުޅިދޮށު ޕާކް: މިއީ އެ ރަށު ޒުވާނުންގެ އިސްނެގުމެއް -- ފޮޓޯ | ޔެރީ

އެތަން ހެދުމުގައި އެ ސަރަހައްދުން ގަސްކަނޑާފައެއް ނުވެ އެވެ. ޕާކަށް ލަކުޑި ހޯދީ ގެވަޅު ދޭން ކަނޑާލަން ޖެހުނު ބައެއް ގަސްތައް ބުރިކޮށްގެންނެވެ. އޭނާ ބުނީ ޕާކު ހެދުމުގައި ބަލާފައި ވަނީ ވީހާވެސް ބޮޑަކަށް އެތަނުގެ ރީތިކަން އާންމުންނަށް ފެންނާނެ ގޮތަކަށް ތަން ފަރުމާކުރުމަށެވެ. އެގޮތުން ލަކުޑިން ވޯކްވޭ ހަދައި އުނދޯލިގެއަކާއި ހަޓެއް އަދި ވަށައިގެންވާ މާހައުލު ބަލައިލަން އިށީންދެލައިގެން ތިބެވޭނެ ލަކުޑި ބެންޗުތައް ވެސް އެ ޕާކުގައި ހަދާފައިވެ އެވެ.

"ބޮޑަށް ރިސޯޓެއްގެ ވޯޓާ ވިލާ ކޮންސެޕްޓް އަޅުގަނޑުމެން ބަލާފައި އެވަނީ. މިތަނުގައި އިށީންދެލައިގެން ތިބޭ އިރު މުޅިތަނުން މިތަނުގެ ރީތިކަން ފެންނާނެ،" އަހުމަދު ރަޝީދު ބުންޏެވެ.

Kulhidhoshu park youths
ކުޅިދޮށު ޕޭކު ހެދުމުގައި އުޅުނު ޒުވާނުން -- ފޮޓޯ | ޔެރީ
Kulhidhoshu Park Landhoo
ކުޅިދޮށު ޕާކް ލަންދޫ -- ފޮޓޯ | ޔެރީ

އެ ޒުވާނުން މިހާރު ނިންމާފައި ވަނީ އެތަނުން މަންފާ ހޯދޭނެ ގޮތްތަކެއް ވެސް ކައުންސިލާ ގުޅިގެން ރާވާށެވެ. އަހުމަދު ރަޝީދު ބުނީ މިއީ ތާރީހީ ގޮތުންނާއި ގުދުރަތީ ގޮތުން މުއްސަނދި ލަންދޫއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ހާއްސަކޮށް އެ ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވަން ލިބުނު މިއީ ފުރުސަތެއްގެ ގޮތުގައި އޭނާ ދެކެ އެވެ.

"އަތޮޅު ތެރެއިން ރާއްޖެއިން ދެން ދުނިޔޭގެ އެކި ހިސާބުތަކުން ވެސް ޓޫރިސްޓުން އައިސް ބަލައިލަން މިއީ ހަމަ އެއްވަނައިގެ ތަނަކަށް ވާނީ. މިތަނަށް އަންނަން މިހާރުވެސް މީހުން އެބަ ޝައުގުވެރިވޭ. މިއީ އަޅުގަނޑުމެންނަށް ނަފާ ހޯދޭނެ ތަނެއް. މިއީ ރަށަށް ހޯދައިދެވުނު ބޮޑު ފުރުސަތެއް،" އަހުމަދު ރަޝީދު ބުންޏެވެ.

ގުދުރަތީ އެތައް މުއްސަނދިކަމެއް ހިމެނޭ "ކުޅިދޮށު ޕާކު" ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް މިވަގުތު ކުރަން ނިންމާފައި އޮތީ އެތަން ހެދުމަށް އިސް ނެގި ރަށުގެ ޒުވާނުންނެވެ. އަދި ކައުންސިލުން ވަކި އިންތިޒާމްތަކެއް ހަމަޖައްސަންދެން އެކަން ކުރުމުގައި ދެމި ތިބެން އެ ޒުވާނުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ލަންދޫގެ ޒުވާނުން ރަށަށް މި ދިނީ އެތައް ޖީލަކަށް ދެމިގެންދާނެ ބޮޑު ހަދިޔާ އެކެވެ. މިއީ ބަލައި ފޫހިނުވާނެ ޗާލު ޕާކަކަށް ވާނެ އެވެ. މިއީ ލަންދޫގެ މޫނު މަތި ރީތިކޮށްލާނެ ހިތްގައިމު ސަރަހައްދެކެވެ.

Kulhidhoshu Park Landhoo
ލަންދޫ ކުޅިދޮށު ޕާކް: މިއީ ހިތްގައިމު ޕާކެއް -- ފޮޓޯ | ޔެރީ
Landhoo Kulhidhoshu Park
ލަންދޫ ކުޅިދޮށު ޕާކް -- ފޮޓޯ | ޔެރީ

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top