Close

މަރުހަބާ! މަނަދޫ ތޯރިގާއި ކުޑަފަރީ އަޝްރަފަށް ގައުމީ އިނާމު

ޑރ. އަޝްރަފް އާއި ތޯރިގު

ޑރ. އަޝްރަފް އާއި ތޯރިގު

މި އަތޮޅަށް ނިސްބަތްވާ ދެ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިލައްވައިފި އެވެ.

އެގޮތުން ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިލެއްވީ ނ. ކުޑަފަރީ، ރޭނިގެ ޑރ. އަޝްރަފު އަބްދުއްރަހީމް އަށެވެ. އަދި ގައުމީ ތަރިކެ ރައްކާތެރި ކުރުމުގެ ރޮގުން ހިތްވަރު ދިނުމުގެ އިނާމު ލިބިލެއްވީ ނ. މަނަދޫ ރަތްވިލާގޭ މުހައްމަދު ތޯރިގު އަށެވެ.

އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައި ވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހަފްލާއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ޑރ. އަޝްރަފުގެ ތައާރަފެއް

ޑރ. އަޝްރަފް އަބްދުއްރަހީމަކީ، ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އަޝްރަފް ޢަބްދުއްރަހީމުގެ އެންމެ ހާއްސަ އެއް ފަންނަކީ، ދިވެހިބަސް ކިޔަވައިދެއްވުމާއި، ބަހުގެ ލިޔުންތެރިކަމާބެހޭ ދިރާސާތައް ކުރައްވައި ލިޔުއްވުމެވެ.

ރާއްޖޭގެ އެންމެ އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގެ ވަރަށްގިނަ ރަށްރަށުގެ ސްކޫލްތަކުގެ އެކި ގްރޭޑްތަކުގެ ދަރިވަރުންނަށް ހިލޭސާބަހަށް ދިވެހިބަސް ކިޔަވައިދެއްވައި، އެކިއެކި ވޯކްޝޮޕްތައް އަޝްރަފް ހިންގަވައިދެއްވައިފައިވެ އެވެ. މީގެ އިތުރުން މާލޭގެ ވަރަށްގިނަ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ދިވެހިބަސް އުނގަންނަވައިދެއްވައިފައިވެ އެވެ.

އަޝްރަފަކީ ރާއްޖޭގެ ސްކޫލްތަކުގައި ދިވެހިބަސް ކިޔަވައިދޭ ފޮތްތައް އެކުލަވައި ލިޔުއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، އެޑިޔުކޭޝަނަލް ޑިވެލޮޕްމަންޓް ސެންޓަރުގައި މަސައްކަތް ކުރެއްވިއިރު، ގްރޭޑް އަށެއްގެ ދިވެހި ފޮތަށް ބޮޑު ބަދަލުތަކެއް ގެންނަވައި، ފޮތް އެކުލަވައި ލިޔުއްވިއެވެ. އަދި އެފޮތާއެކު ފުރަތަމަފަހަރަށް ދިވެހިބަހުން ވާހަކަދެއްކުންތެރިކަމާއި، ބަހުސް ކުރުމާއި، ރައިވަރާއި، ޅެމާއި، ޅެން ޝަރަޙަ ހިމެނޭ ސީޑީއެއްވެސް ނެރުއްވި އެވެ.

ދެހާސްއަށާރަ ވަނަ އަހަރު، ގްރޭޑް 11 އާއި ގްރޭޑް 12ގެ ދިވެހި ފޮތާއި، ދިވެހި އަދަބިއްޔާތުގެ ފޮތް އެކުލަވައި ލިޔުމަށް އެމް 7 އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން އެކުލަވައިލި ޓީމުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައިވެސް ހުންނެވީ އަޝްރަފް އަބްދުއްރަހީމެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް 11 އާއި 12 ގައި ކިޔަވައިދިނުމުގައި މި ފޮތް ބޭނުންކުރަމުން ގެންދެ އެވެ.

އަޝްރަފް އެކުލަވައިލައްވައިފައިވާ ފޮތްތަކުގެ ތެރޭގައި، ޑރ. އައްލާމާ އިޤްބާލް ހައްދަވައިފައިވާ އުރުދޫ ޅެމެއް ކަމުގައިވާ "ޝުޢާއި އުމީދު"ގެ ދިވެހި ތަރުޖަމާއަކާއި ޝަރަހައެއް ހިމެނެ އެވެ. މި ޅެމުގައި އުރުދޫބަހުގެ ތަދު ބަސްތަކާއި، އެ ބަސްތަކުގެ މާނައާއި، ކޮންމެ ބައިތެއްގެ ޖުމުލަ މާނަ އާއި، އެ ބައިތުތަކުގެ ޝަރަހަ ވަކިން ލިޔުއްވައި އޮޅުންފިލުއްވައިދެއްވައިފައިވެއ ެވެ. އަޝްރަފް ލިޔުއްވައިފައިވާ އެހެން ފޮތްތަކުގެ ތެރޭގައި، "ފުރެއްދެ ޅެންވެރިންގެ މުތީތައް"ވެސް ހިމެނެ އެވެ. މި ފޮތަކީ، ފައުންޑޭޝަން އޮފް ސާކް ރައިޓާސް އެންޑް ލިޓްރެޗާގެ ފަރާތުން އިންތިޒާމުކޮށްގެން އިންޑިއާގެ ޖައިޕޫރުގައި ބޭއްވި ފެސްޓިވަލެއްގައި 7 އޮކްޓޫބަރު 2017 ގައި ޝާއިއުކޮށްފައިވާ ފޮތެކެވެ. މި ފޮތަކީ، ދިވެހި އަދަބިއްޔާތުގައި ދިވެހި ޅެންވެރިންގެ ހިޔާލުތައް މުއްސަނދިކޮށްދެއްވުމުގެ ވިސްނުމުގައި، އުރުދޫބަހާއި ހިންދީ ޅެންވެރިންގެ މޮޅު ޅެންތަކެއްގެ ދިވެހި ތަރުޖަމާ އެކުލެވޭ ޢިލްމީ އަދި އަދަބީ ފޮތެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހިންގަވާ ދިވެހިބަހުގެ ޑިގްރީ ކޯހުގެ އަދަބިއްޔާތުގެ މޮޑިއުލް 2007، 2008، 2014ގެ ބެޗުގައި ޑޮކްޓަރ އަޝްރަފް ޢަބްދުއްރަޙީމް ކިޔަވައިދެއްވައިފައިވެ އެވެ. އަދި ވިލާ ކޮލެޖުން ހިންގަވާ ދިވެހި ލޭންގުއޭޖް ޓީޗިން މާސްޓާސް ކޯހުގެ އަދަބީ މޮޑިއުލް ފަރުމާކުރައްވައި، ލިޔުއްވައި ކިޔަވައިދެއްވައިފައިވެ އެވެ.

އަޝްރަފަކީ އެކިއެކި އަދަބީ މުބާރާތްތަކުގެ ފަނޑިޔާރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި އަދަބީ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކޮށްދެއްވުމުގެ މަސައްކަތް ހިލޭސާބަހަށް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި އަދަބީ އެކިއެކި ޕްރޮގްރާމްތައް، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ތައްޔާރުކޮށްދެއްވައި ހުށަހަޅުއްވައިދެއްވުމާއި، މިފަދަ ޕްރޮގްރާމްތަކުގައި ދިވެހި ޅެމަށް ފާޑުކިޔުމުގެ ބައި ގެނެސްދެއްވައި، ދިވެހި ޅެންވެރިންގެ ޅެންވެރިކަމަށް ނަޤްދީ ނަޒަރަކުން ފާޑުވިދާޅުވެފައިވެ އެވެ.

ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ބައެއް އޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ ދިވެހިބަހުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ބައިވެރިންނަށް ދިވެހިބަހާއި އަދަބިއްޔާތުގެ ގަޑިތައް އަޝްރަފް ނަންގަވައިދެއްވައި، ތަޤްރީރު ކުރައްވައިފައިވެ އެވެ.

އަޝްރަފްގެ މަސައްކަތްތަކުގެ ތެރެއިން، ކުށްކުރުން މަދުކުރުމަށްޓަކައި ރާއްޖޭގެ ސާނަވީ ސްކޫލްތަކުގެ ދަރިވަރުން، ޤާނޫނަށް ހޭލުންތެރިކުރުވުމަށް ހިންގެވި ޕްރޮގްރާމް، ހާއްސަގޮތެއްގައި ފާހަގަކޮށްލަން ޖެހެ އެވެ. މިއީ ދިވެހި ދަރިވަރުންގެ އަހުލާގާއި އުޅުން ރަނގަޅުކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހާއި ޔުނިސެފާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްވަވައި ވިލަރެސް ކުރެއްވީ ޑރ. އަޝްރަފެވެ.

ތޯރިގުގެ ތައާރަފެއް

ތޯރިގަކީ މަދުރަސީ ދައުރުއްސުރެން ފެށިގެން ދިވެހިވަންތަކަމަށާއި، ދިވެހި ތާރީހަށާއި ޘަގާފަތަށާއި ތަރިކައަށް ހާއްސަ ލޯތްބެއް ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މިކަން ހާމަވެގެންދަނީ، މަދަރުސީ ދައުރުގައި ދިވެސް އަކުރު ކޯސް ފުރިހަމަކުރެއްވުމާއި، އެވޭލާ އަކުރުވެސް ދަސްކުރައްވައިފައިވާތީ އެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވީ، ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައެވެ. ތާރީހާއި ޘަގާފަތާއި ތަރިކަ ރައްކައުތެރިކުރެއްވުމަށް 1988 ވަނަ އަހަރު ފެށްޓެވި މަސައްކަތުގައި މިހާރުވެސް ތޯރިގު ދެމިހުންނެވީ، ގައުމީ ތަރިކައިގެ ދާއިރާއިން ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވުމުގެ މަތިވެރި އަޒުމުގެ ސަބަބުންނެވެ.

ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގައި ތޯރިގު ފުރަތަމަ ހިދުމަތް ކުރައްވަން ފެށްޓެވީ ރިސާޗް އޮފިސަރ (ޓްރޭނީ)ގެ މަގާމުގަ އެވެ. އޭގެފަހުން އެ މަރުކަޒުގެ ތަފާތު މަގާމުތައް ފުރުއްވައިފައިވެ އެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ ނާއިބުގެ މަގާމުގައި ހުންނަވައިގެން އެ މަރުކަޒު ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތުވެސް އުފުއްލެވި އެވެ. މި މަސައްކަތުގެ ތެރެއިން، ތަރިކަ ހިމާޔަތްކުރުމާއި، ކޮންޒަވޭޝަން ޕްރިޒަވޭޝަންގެ ރޮނގުން އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ފުރިހަމަކުރައްވައި، އަމަލީގޮތުން އެ މަސައްކަތް ރާއްޖޭގައި ކުރައްވައި، ތަރިކައާއި ތާރީހިގެ އެކި ވޯކްޝޮޕްތަކާއި ސެމިނާރުތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ތަރިކަ ހިމާޔަތް ކުރެއްވުމުގެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި އާސާރީ ތަންތަނުގެ ހާލަތު ބައްލަވައި، އެތަންތަނުގެ ފޮޓޯތައް ނަންގަވައި، އެކި ދިރާސާތަކުގެ މައްޗަށް ރިޕޯޓުތައް އެކުލަވައި ލިޔުއްވި އެވެ. މި މަސައްކަތުގައި ރާއްޖޭގައި މީހުން ވަޒަންވެރިވެ އުޅޭ ހުރިހައި ރަށަކަށާއި، ޤައުމީ ތަރިކައާއި ތާރީހާ ގުޅޭ އެއްވެސް ނިޝާނެއް ހުރިކަމަށް ބުނާ ކޮންމެ ފަޅުރަށަކަށް ޠާރިޤު ދަތުރުކުރެއްވި އެވެ.

ރަސްމީ ވަޒީފާގެ އިތުރުން، މި ދާއިރާއިން މީހުން ހޭލުންތެރިކުރެއްވުމަށް އަމިއްލަފުޅު ހައިސިއްޔަތުން ތޯރިގު ކުރައްވައިފައިވާ މަސައްކަތްޕުޅުވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން ތަރިކައާބެހޭ މައުލޫމާތު އެއްކުރެއްވުމުގެ ގޮތުން، ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، ބައެއް ރަށްރަށުގައި ގިނަ ދުވަސްތަކުގައި ހުންނަވައިގެން، އެ ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެތީގެ މައުލޫމާތު އެއްކުރެއްވުމާއި، އާބާތުރަފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ގިނަ ދުވަހަށް ރައްކާތެރިކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި އެވެ. މިގޮތުން، އދ. ފެންފުށީ އާސާރީ މިސްކިތުގެ އާބާތުރަފިލުވައި، ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް ހެދުމުގެ މަސައްކަތާއި، ކ. ކާށިދޫ އާސާރީ ސަރަހައްދު (ކުރުހިންނަ ތަރާގަނޑު) ކޮނެ، ސައިންޓިފިކް އުސޫލުން، ދިރާސާކުރުމުގައި އޮސްލޯ ޔުނިވަރސިޓީގެ ބޭފުޅުންނާ އެކީގައި ކުރެއްވި މަސައްކަތްތަކާއި، ހއ. ބާރަށު އާސާރީ މިސްކިތް މަރާމާތު ކުރުމުގެ މަސައްކަތުގައިވެސް ތޯރިގު އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތޯރިގު އިސްވެ ހުންނަވައިގެން މި ދާއިރާގައި ކުރައްވައިފައިވާ ފާހަގަކުރެވޭ އެހެން މަސައްކަތްޕުޅުތަކުގެ ތެރޭގައި، ލ. އިސްދުއާއި، އެ އަތޮޅު ގަމުގައި ހުރި އާސާރީ ސަރަހައްދު ރައްކާތެރިކުރުމަށް ތޮށިލުމާއި، އދ. ފެންފުށީ މިސްކިތާއި، މާލޭ ދަރުމަވަންތަ މިސްކިތް، ސައިންޓިފިކް އުސޫލުގެ ދަށުން ޕްރިޒަރވްކޮށް، ގިނަ ދުވަހަށް ދެމިހުންނާނެގޮތަށް ޙިމާޔަތްކުރުމުގެ މަސައްކަތް، އިންޑިޔާގެ ނޭޝަނަލް ރިސާރޗް ލެބޯރެޓަރީ ފޮރ ކޮންޒަރވޭޝަންގެ ތަޖުރިބާކާރުންނާއެކު ކުރެއްވުން ހިމެނެއެވެ. މާލޭ ޢީދު މިސްކިތް ގިނަދުވަހަށް ދެމިހުންނާނެގޮތަށް ރައްކާތެރިކުރުމުގެ މަސައްކަތަކީ ސީދާ ޠާރިޤު އަމިއްލަފުޅަށް ކުރެއްވި، ފާހަގަކޮށްލެވޭ ބޮޑު މަސައްކަތެކެވެ. ތޯރިގަކީ 2007 ވަނަ އަހަރު އުފެއްދި ގައުމީ ތާރީހީ ކޮމިޓީގެ މެންބަރެކެވެ. އަދި 2011 ވަނަ އަހަރު އެކުލަވައިލި ތަރިކަ ކޮމިޓީގެ ނައިބު ރައީސްކަންވެސް ކުރެއްވި އެވެ.

ރާއްޖޭގެ ގައުމީ ތަރިކަ ރައްކައުތެރިކުރެއްވުމުގެ ގޮތުން ތޯރިގު ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތްޕުޅަކީ، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރުކަން ކުރެއްވިއިރު، އަމިއްލަފުޅަށް އެކުލަވައިލައްވައި މަޖިލީހަށް ހުށަހެޅުއްވި "ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ގާނޫނު" ގެ ބިލެވެ. އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ފާސްވެ ގާނޫނަކަށް ވެގެންދިޔުމަކީ، މަރުކަޒީ ނިޒާމަކުން ދިވެހި ދައުލަތުގެ އެންމެހައި ލިޔެކިޔުންތަކާއި ރެކޯޑުތައް ވިލަރެސްކުރެވިގެން ރައްކައުތެރިކުރުމުގެ ތާރީހީ ފެށުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވޭތުވެދިޔަ ނުވަ ވަރަކަށް އަހަރުގެ ތެރޭގައި އަރުޝީފުގެ ދާއިރާއިން މީގެކުރިން ރާއްޖެއަށް ނުލިބޭފަދަ ކުރިއެރުންތައް ލިބިފައިވާކަން ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުން "ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު"ގެ ބިލަކީވެސް ތޯރިގު އަމިއްލަފުޅަށް އެކުލަވައިލައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިގެން ފާސްކުރެއްވި ގާނޫނެކެވެ.

މާލޭގައި ހުރި ކަޅުވަކަރު މިސްކިތް ރޫޅާލައި، މި އާސާރީ ބިނާ ރާއްޖޭގެ އެހެން ރަށަކަށް ބަދަލުކުރައްވަން 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، އެ މިސްކިތް ރޫޅާލައިގެން މާލެއިން ބޭރަށް ނުގެންދިއުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރެއް ކޮށްދެއްވުން އެދިވަޑައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީވެސް ތޯރިގެވެ. މިއީވެސް ރާއްޖޭގެ ތަރިކަ ހިމާޔަތްކުރައްވައި ރައްކާތެރިކުރެއްވުމަށް ފަރުދީގޮތުން ތޯރިގު ކުރެއްވި މުހިންމު މަސައްކަތްޕުޅެކެވެ.

މިހާރު އަމަލުކުރާ ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދަންޖެހުނު ގަވާއިދުތައް ހެދުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއްބޭފުޅަކީ ތޯރިގެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top