Close

ވެލިދޫން ގެވަޅަށް އެދުމުގެ ފުރުސަތު ޖެނުއަރީ މަހު ހުޅުވާލާނަން: ގެވަޅު ކޮމެޓީ

ގެވަޅު ދިނުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ގެވަޅު ކޮމެޓީން ރައްޔިތުންނާ ބައްދަލު ކުރަނީ

ގެވަޅު ދޫކުރުމަށް އެކުލަވާލީ އުސޫލަށް ހުއްދަ ލިބުމުން ޖެނުއަރީ މަހުގެ ކުރީކޮޅު ގެވަޅަށް އެދޭ ފޯމް ދޫކުރަން ފަށާނެ ކަމަށް ވެލިދޫ ގެވަޅު ކޮމެޓީން ރޭ ބުނެފި އެވެ.

ނަހުޒާ ޕްރީ ސްކޫލްގައި ރޭ ރައްޔިތުންނާ ބައްދަލުކޮށް މިހާރު އެކުލަވާލާފައިވާ އުސޫލްތަކުގެ ޑްރާފްޓެއް ވަނީ ރައްޔިތުންނާ ހިއްސާ ކޮށްފަ އެވެ. އަދި ޕޮއިންޓްދޭ އުސޫލްްގެ ތަފްސީލު ވެސް ރޭ ވަނީ ދީފަ އެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޖައުފަރު (ޖޯބެ) ވިދާޅުވީ މިފަހަރު ގެވަޅުދިނުމުގައި ވަރަށްް ބޮޑަށް ދެ ފުށް ފެންނަ ގޮތަށް ހުރިހާ ކަމެއް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ގެވަޅު ދެނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޒަރޫރީ މިހާ އަށްތޯ ކަށަވަރު ކުރުމަށް އުސޫލްް އެކުލަވާލުމުގައި ވަރަށް ބޮޑަށް ބަލާފައިވާނެ ކަަމަށް ވެސް ޖޯބެ ވިދާޅުވި އެވެ.

މިފަރު ވެލިދޫން ދޫކުރުމަށް ހުއްދަ ލިބިފައި ވަނީ 72 ގޯޗަށެވެ. އަދި މިހާ މަދުން ގޯތިދެނީ ކީއްވެތޯ ރައްޔިތަކު ސުވާލު ކުރުމުން ވެލިދޫ ކައުންސިލްގެ ރައީސް އަސްމާ ހުސެއިން ވިދާޅުވީ ހައުސިންގ މިނިސްޓްރީގައި 100 ގޯތި ހޯދުމަށް އެދުނު ކަމަށެވެ. ނަމަވެސް މިދިޔަ ފަހަރު ވެލިދޫން ދޫކުރި ގިނަ ގޯތިތައް ނުހަދާތީއާ، ފަޅު ގޯތިތައް ގިނަވުމުގެ ސަބަބުން ހައުސިންގ މިނިސްޓްރީންް ކަނޑައެޅީ މިފަހަރު ވެލިދޫން ދޫކުރާނީ 72 ގޯތި ކަމަށް ވެސް އަސްމާ ވިދާޅުވި އެވެ.

ގެވަޅު ކޮމެޓީން ބުނީ މިފަހަރު ގެވަޅު ދިނުމުގެ އުސޫލް އެކުލަވާލުމުގައި ވެއަތުވިތާ ދިމާވެފައިވާ މައްސަލަތައް ވީހާ ވެސް ކުޑަކުރެވޭނެ ގޮތަކަށް ބަލާފައިވާނެ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ގެވަޅުދޭ އުސޫލްތައް ވެސް ދިރާސާ ކޮށްފައިވާ ކަމަށް އެކޮމެޓީން ބުންޏެވެ. މިހާރު ގެވަޅު ކޮމެޓީން މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު ގެވަޅު ދިނުމުގެ ފައިނަލް ޑްރާފްޓެއް ވަނީ އެކުލަވާލާފަ އެވެ. އަދި މި ޑްރާފްޓް އާންމުކުުރުމުން ހުށަހަޅާފައި ވަނީ ދެ އިސްލާހެވެ. އަދި ދެ އިސްލާހަށް ރިއާޔަތްކޮށް މިހާރު ބަދަލު ގެނެސްފައިވާނެ ކަމަށް ގެވަޅު ކޮމެޓީން ބުންޏެވެ.

މިހާރު އެކުލަވާލާފައިވާ އުސޫލްް އޭޖީ، ޕީޖީ، އެލްޖީއޭ، ހައުސިންގެ މިނިސްޓްރީ އަދި ޕްލޭނިންގ މިނިސްޓްރީގެ ލަފާ ހޯދުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް އެކޮމެޓީން މައުލޫމާތުދެ އެވެ. މިފަހަރު 1600 އަކަ ފޫޓްގެ 72 ގޯތި ދޫކުރާއިރު، ގިނަ ގޯތިތައް ދޫކުރުމަށް ނިންމާފައި ވަނީ ހިއްކި ސަރަހައްދުންނެވެ. ވެލިދޫން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެބުރުގައި 100 ގޯތި ދޫކޮށްފައިވެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top