Close

ވެލިދޫ ބަނދަރު ލޮލަށް ހިތްގައިމު، އޮޑިވެރިންނަށް ތަކުލީފެއް

ވެލިދޫ ބަނދަރުގެ ޑްރޯން ފޮޓޯއެއް: ބަނދަރު ބަލާލަން ހިތްގައިމު، ބޭނުންކުރަން އޮޑިވެރިންގެ ޝަކުވާ ގިނަ-- ފޮޓޯ/ރިޗްބެ

މާލެއިން އުތުރަށް ކުރާ ދަތުރުތަކުގައި ވެލިދޫ ބަނދަރަކީ އަމާން މަންޒިލެއްގެ ގޮތުގައި ބަނދަރު ކުރަމުން އައި ބަނދަރެކެވެ. ހާއްސަކޮށް ރޭގަނޑު ދަތުރުކުރުން މަދު، އެ ޒަމާނުގައި ހއ. އަދި ހދ. އަތޮޅަށް ދަތުރުކުރި އެތައް އުޅަނދެއް ވެލިދޫގައި ބަނދަރުކޮށް ރޭ ކުރުމަށް ފަހު، ދަތުރު ކޮށްފައި އެބަހުއްޓެވެ. ކޮޅިގަނޑުތަކުން ސަލާމަތްވުމަށް ވެސް ވެލިދޫ ބަނދަރުގައި ބަނދަރުކުރި އޮޑިފަހަރެއް މަދެއް ނޫނެވެ. އެއީ މާޒީއެވެ. މިހާރު މިގޮތަށް ވެލިދޫގެ ބަނދަރުގެ ބޭނުން ހިފަނީ މަދު ބައެކެވެ. އޭރު އެ ޒަމާނަށް ބެލިނަމަވެސް ވެލިދޫ ބަނދަރަކީ ތަނަވަސް ބަނދަރެކެވެ.

ސަރުކާރު ޕްރޮޖެކްޓެއްގެ ތެރެއިން ދެ އަވަށު ރައްޔިތުން ނިކުމެ ހެދި ބަނދަރު ގާތްގަނޑަކަށް 20 އަހަރު ފަހުން އަލުން ހަދާ ހުޅުވީ 24 ޑިސެމްބަރ 2017 ގަ އެވެ. ވެލިދޫގެ މިހާރުގެ ބަނދަރަކީ ވެސް ބަލާލަން ހިތްގައިމު ބޮޑު ބަނދަރެކެވެ. ބަނދަރުގެ ފުޅާމިނުގައި 518 ފޫޓު ހުންނައިރު ދިގު މިނުގައި 1000 ފޫޓު ހުރެ އެވެ. ދުރުން ދިއްލާލާފައި އޮންނައިރު ބަނދަރުގެ ސަބަބުން ވެލިދޫ އަށް އިތުރު ރީތި ކަމެއް ގެނެސްދެ އެވެ. ނަމަވެސް ބަނދަރުގެ ހަގީގީ ބޭނުންހިފުމުގައި އޮޑިވެރިންގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ.

"ބަނދަރު ބަލާލަން ކިތަންމެހާ ވެސް ހިތްގައިމު. އެކަމަކު ކިރިޔާ ވެސް ގަދަ ވެއްޖިއްޔާ ކަނޑެކޭ ފަޅެކޭ އެއްވަރު. ބާނި ބޮޑުކަމުން އެތައް އޮޑިއަކަށް ގެއްލުންވެއްޖެ. އެތައް ވަލެއް ކަނޑައިން ގޮސްފި. އެތައް ރެއެއްގެ ނިދިނަގާލައިން އޮޑިދަށުގައި އެބައުޅެންޖެހޭ،" ވެލިދޫ އޮޑިވެރިއަކު އޭނާގެ އިޙްސާސްތައް ބަންޑުން ކޮށްލި އެވެ.

ފަޅުތެރެ ގަދަވެ އޮޑިވެރިން ދޯނިތައް ވާޓަރާ ދުރުކުރަނީ

ތިން އަހަރު ނުވަނީސް ބަނދަރު ހަލާކުވެ, ބޮޑު މަރާމާތަކަށް ބޭނުންވެފައި

ރާއްޖޭގައި އެންމެ ފުރަތަމަ ބަނދަރު ހެދި ރަށްތަކުގެ ތެރޭގައި ވެލިދޫ ހިމެނެ އެވެ. ބައެއް ރައްޔިތުން ދެކޭ ގޮތުން މިހާރުގެ ބަނދަރުގެ ރައްކާތެރިކަމަށް ބަލާއިރު ކުރީގެ ބަނދަރަށް ވުރެ ހާލަތު ދަށެވެ. ބަނދަރު ހަދާފައި ވަނީ އޭޑީބީގެ ލޯނެއްގެ ދަށުންނެވެ. ކޮންމެ އަހަރަކު ބަޖެޓްގައި ޖަހައިގެން އެ ލޯނަށް ސަރުކާރުން އަންނަނީ ފައިސާ ދައްކަމުންނެވެ.

ފަޅުތެރެ ގަދަވެ އޮޑިވެރިން ދޯނިތައް ވާޓަރާ ދުރުކޮށްފައި

"ހަގީގަތަކީ ބަނދަރުގެ މަސައްކަތުގެ ފެންވަރުދަށްކަން. ފަޅު ފުންކުރީ ފަޅުގައި ހުރި ބައެއް އޮޑިދޯނިފަހަރު ފަޅުގައި އަޅާފައި ބާއްވައިގެން. މި ބަނދަރަކީ ބޮޑެތި ސަފާރީ އުޅަނދުފަހަރު ވަންނަންޖެހޭ ފަޅެއް. އެކަމަކު ތިލަތަންތަން އަދި ވެސް ތިލަ. ބަނދަރު ކުރެހިއިރު ބާޖެއް ކައިރިކޮށްލާނެ ރޭމްޕެއް ނެތް. ބައެއް މީހުން ބުނަނީ މިއީ ބަނދަރު ކޮމެޓީގެ މައްސަލައެކޭ. އަނެއްބައި މީހުން ބުނަނީ މިއީ ކައުންސިލްގެ މައްސަލައެކޭ. ޒިންމާ ނަގާނެ ބައެއް ނޭނގުނަސް ހަގީގަތަކީ ބަނދަރު އޮތީ މަރާމާތުކުރަންޖެހިފައިކަން. އެއްބަޔަކު އަނެއްބައްގެ ބޮލުގައި ޒިންމާ އެޅުވުމަށް ވުރެ ބަނދަރު މަރާމާތުކުރެވޭނެ ގޮތެއް ބެލުން މުހިއްމު.،" ބަނދަރުގެ ވާހަކަ ދައްކަމުންދިޔަ ތަނެއްގައި އެކަކު ފާހަގަ ކުރި އެވެ.

ބަނދަރުގެ މަރާމާތަށް ބަލާއިރު އެންމެ ފުރަތަމަ ވެސް ހަލާކުވީ ކަނޑުތޮށީގެ ބޭރުގެ ރިވެޓްމަންޓެވެ. މުޅި ރިވެޓްމެންޓް ހަލާކުވެ، ކަނޑުތޮށީގައި މިހާރު ވަނީ ވަޅުގަނޑުތައް ހެދި ފަސްދަމައިގެން ގޮސްފަ އެވެ. އޭރުމަރާތަށް އެދުމުން ވެއްޓުނު ބައެއް ހިލަނަގައި އަލުން ބޭއްވުން ނޫން ކަމެއް ނުކުރެ އެވެ.

"ބަނދަރު ހުޅުވިއިރު ކަނޑުތޮށި ވެސް ވަރަށް ހިތްގައިމު. ރުއްޖަހާ އެތަން ފެހިކުރުމުގެ މަސައްކަތް ވެސް ކުރި. އެކަމަކު އަނެއް މޫސުން އަންނަވިއިރު އެއްޗެހި އަޅާފައި ހުރި ރުއްތައް ވެސް ވެއްޓިއްޖެ. މިހެންވާން ޖެހުނީ ކަނޑުތޮށީގައި ރިވެޓްމަންޓް ޖަހާފަހުރިލެއް ތެދުބޮޑުކަމުން. ހިލަ ޖެހުމުގައި އެއްވެސް ކަޗޯރުކަމެއް ނެތް، އޭގެ ސަބަބުން ބިންދާލާ ރާޅުތައް ރިވެޓްމަންޓްމަތިން އަރައިން ފަޅުތެރެ އަށް ފައިބައިގެންދާ ފަހަރެއް މަދެއް ނޫން.،" އޮޑިވެރިޔަކު ބުންޏެވެ.

ކަނޑުތޮށި ހިލަތައް ފައިބައިގަނެ ރޫޅިފައި

ބަނދަރުގެ އެއްގަމު ތޮށީގެ އުތުރު ގައު ރިވެޓްމެންޓް ވެސް މިހާރު ވަނީ ބޮޑުބައެއް ގިރާލާފަ އެވެ. ބައެއް މީހުން ބުނާގޮތުން މިވަރު ބޮޑު ހަރަދެއްކޮށްގެން ހެދި ފަޅެއްގައި ފަޅުން ގާނަގައިގެންނާއި ކުރީގެ ވާޓަރުގެ ބައިބައި ބޭނުންކޮށްގެން ގާ ރިވެޓްމެންޓެއް ޖެހުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި ގާ ރިވެޓްމަންޓް ޖަހާފައި ވަނީ ރަށުގެ ކުރީގެ އެއްގަމު ތޮށިން ނެގި ކޮންކުރިޓް ގައު ތަކުގައި ދަގަނޑު ހުއްޓާ ދަގަނޑުތައް ފެންނަ ގޮތަށެވެ. ނަމަވެސް ފަހުން ރައްޔިތުންގެ ތެރެއިން ބަޔަކު ޝަކުވާ ކުރުމުން މައްްޗަށްހުރި ބައެއް ބައިބައިން ދަގަނޑުތައް ވަނީ ބުރިކޮށްފަ އެވެ. ނަމަވެސް މިހާރު އުތުރު ފަރާތު ގައު ރިވެޓްމަންޓް އިން ހަލާކުވިބައިން ވަނީ އަނެއްކާ ވެސް ދަގަނޑުތައް ފެންނަން ފަށާފަ އެވެ.

"ބަނދަރަށް ގެނައި ހިލަ ބާކީކޮށްގެން އެމްޓީސީސީން ވަނީ ރަށުގެ އަނެއް ފަރާތުގައި ގިރާ ސަރަހައްދުގައި ތޮށިބުރިއެއް ޖަހާފައި. އެއީ ބަނދަރަށް ބޭނުންކުރަންގެނައި ހިލަ. އިތުރު ހިލައެއް އެމީހުންް ނުގެނޭ. އެ ހިލައިން ނެރުގެ ފައިކަށި ސިލްޕްވޭއާ ދިމާލަށް ދަމާލަން ވެސް ބޭނުން ކުރެވުނީސް. ސިލްޕްވޭއާ ދިމާގައި ޖަހާފައި އޮތް ތޮށިބުރި އޮތީ މާއެތެރެކޮށް ކުުރުކޮށް ޖަހާފައި. އަދި ނެރަށް ވަންނަން އޮންނަ މަގުވަރުގައި ޖަހާފައި އިން ދެ ބައްތިއާ ހިސާބުން ނެރު ބައްތިއާ ހިސާބަށް ދެފައިކަށި ވެސް އެ ހިލަ ބޭނުންކޮށްގެން ލެވުނީސް. އޭރުން ސީދާނެރުން ވަދެގެން އަންނަ އެ ރާޅު އައުން މަޑުވެ، ފަޅުތެރެ މަޑުވާނެ.،" ފަޅުގައި ހުރި ބައެއް މައްސަލަތައް ފާހަގަކުރި މީހަކު ބުންޏެވެ.

ގާ ރިވެޓްމަންޓް ގިރާލައި ހަލާކުވެފައި

ވެލިދޫ ކައުންސިލްގެ ނައިބު އަޙްމަދު ޖައުފަރު (ޖޯބެ) ވިދާޅުވީ ބަނދަރު މަރާމާތުކުރަންޖެހިފައިވާ ކަމަށް ގަބޫލްކުރާ ކަމަށެވެ. އަދި ބަނދަރުގައި ހުރި މައްސަލަތައް ފާހަގަކޮށް ރައީސް އޮފިހަށާއި ހައުސިންގ މިނިސްޓްރީ އަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންވާނީ އެކަންކަން ފާހަގަކޮށް ފޮނުވާފައި. އަދި ހައުސިންގ މިނިސްޓަރު މިރަށަށް ވަޑައިގެންނެވީމަ ކަނޑުތޮށްޓަށް އަރުވައިގެން އެތާހުރި މައްސަލަތައް ސީދާ މިނިސްޓަރަށް އަޅުގަނޑުމެން ވާނީ ދައްކާފައި،" ޖޯބެ ވިދާޅުވި އެވެ.

ވެލިދޫ ކައުންސިލުން ބުނީ ބަނދަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބަނދަރުގައި ހުރި މައްސަލަތައް ހައްލުނުވެ، ދިގުލައިގެންދާ ކޮންމެ ދުވަހަކީ އޮޑިވެރިންނަށް ގެއްލުވަމުން އަންނަ ދުވަހެކެވެ. އަދި މަރާމާތު ދިގުލައިގެންދާނަމަ ބަނދަރު މިހާރަށް ވުރެ ބޮޑަށް ހަލާކުވެ، މަރާމާތު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top