Close

ލަންދޫ އަށް ވެސް ހިތްގައިމު ނޭޗާ ޕާކެއް

ލަންދޫގައި ތަރައްގީ ކުރާ ނޭޗަ ޕާކް: މި ޕާކް އަންނަ އަހަރު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުން.-- -- ފޮޓޯ:އަޙްމަދު އިލްހާމް (ޔެރީ)/ ނޫނު ޑެއިލީ

އަތޮޅުގައި އެންމެ މުއްސަނދި ތާރީހެއް އޮތް އެއް ރަށަކީ ލަންދޫ އެވެ. އަދި އެރަށަކީ ގުދުރަތީ ގޮތުން ވެސް ރީތި ރަށެކެވެ. މިކަންކަމާ އެކު ވެސް އަތޮޅުގައި ލަންދޫ މަޝްހޫރުވެފައި ވަނީ ކުއްޅަވަކަށް ހާއްސަ ރަށެއްގެ ގޮތުގަ އެވެ. އެރަށު ކުއްޅަވައް ފަންޏަކީ ރަށަށް އަރާ މެހެމާނުން ރަހަބަލާލަން ވަރަށް މުހިއްމު ބުއިމެކެވެ. އަދި ކުއްޅަވައްފަލަކީ އެރަށު މީހުން ފަހުރުވެރިވާ މެހެމާނުންނަށް ދައްކަން ބޭނުންވާ ތަނެކެވެ.

ރާއްޖޭގެ ރަށްރަށުގެ ގުދުރަތީ ވެށި އޮންނަ ގޮތުން ކުއްޅަވައްފާ، ކަނޑޫފާ، ފަދަ ތަންތަން ބަލާލުމަށް ވަނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންވެ އެކި ރަށްރަށުގައި އަންނަނީ މިފަދަ ސަރަހައްދުތަކުގައި ފާލަން އަޅާ ފަސޭހައިން ބަލާލެވޭނެ ގޮތަށް ނޭޗަރ ޕާކްތައް ތަރައްގީ ކުރަމުންނެވެ. ލަންދޫގައި ވެސް ޒުވާނުން އިސްނަގައި އެ ރަށު މީހުން ފަހުރުވެރިވާ ކުއްޅަވައްފާ، މެހެމާނުންނަށް ފަސޭހައިން ބަލައިލެވޭ ގޮތަށް ފާލަން އަޅައިން ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ލަންދޫގައި ތަރައްގީ ކުރާ ނޭޗަ ޕާކް: ޒުވާނުން އިސްނަގައި ފެށިމަސައްކަތަށް ގިނަ ބަޔަކު ދަނީ އެއްބާރުލުން ދެމުން.-- ފޮޓޯ:އަޙްމަދު އިލްހާމް (ޔެރީ)/ ނޫނު ޑެއިލީ

ލަންދޫ ޒުވާނުން ނޭޗަރ ޕާކް ތަރައްގީ ކުރަނީ އެރަށު ބަތްޕެން ކިލާގަނޑު ކިޔާ ސަރަހައްދުގަ އެވެ. ގާތްގަނޑަކަށް ލައްކައެއްހާ އަކަ ފޫޓްގެ މި ސަރަހައްދަކީ ކުއްޅަވައްގަސް އަދި ކަނޑޫގަސް ވެސް ހުންނަ ސަރަހައްދެކެވެ. އަދި މި ސަރަހައްދުގައި އެމީހުން އަންނަނީ އިތުރު ކަނޑޫ ގަސް ވެސް އިންދާ އިތުރަށް ގުދުރަތީ ވެށި ފެހިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ލަންދޫގައި ބަތްޕެން ކިލާގަނޑު ނުލައި ވެސް މިފަދަ އިތުރު ސަރަހައްދުތައް ވެސް ހުރެ އެވެ. މިގޮތައް ނަންދީފައި ހުންނަ ހަ ސަރަހައްދެއް 86 ހެކްޓަރުގެ އެ ރަށުގައި ހުރެ އެވެ. މިއީ ހުސް ޗަކަ ބިން ހިމެނޭ ސަރަހައްދުތަކެވެ. މަދު ޒުވާނުންކޮޅަކާ އެކު ކުޑަ އިންވެސްޓަކުން ފެށި ނޭޗަރ ޕާކްގެ މަސައްކަތަށް ރަށުގެ ކުދި ބޮޑު އެންމެންގެ ފަރާތުން މިހާރު އަންނަނީ އެއްބާރުލުން ލިބެމުންނެވެ. މަސައްކަތްކުރާ މީހުން މަސައްކަތް ނިމުމުން ރަށު ރޫހުގައި ނުކުމެ އަންހެންވެރިންގެ އެއްބާރުލުމާއެކު ކައްކާ ސައިހަދާފަ އެވެ. މި ސަބަބާހުރެ ނޭޗަރ ޕާކްގެ މަސައްކަތް މިހާރު ކުރިޔަށްދަނީ ރަށުވަންތަ ކަމެއްގެ ގޮތުގައި ވަރަށް ޖޯޝާއި ފޯރީގަ އެވެ.

ލަންދޫގައި ތަރައްގީ ކުރާ ނޭޗަ ޕާކް: މި ސަރަހައްދަކީ އެއްލައްކަ އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް.-- ފޮޓޯ:އަޙްމަދު އިލްހާމް (ޔެރީ)/ ނޫނު ޑެއިލީ

ހާހެއްހާ، މީހުން ދިރިއުޅޭ ލަންދޫ ކައުންސިލް މެމްބަރު އަބްދުﷲ އާރިފް ވިދާޅުވީ ނޭޗަޕާކްގެ މަސައްކަތް ފެށީ ޒުވާނުން އިސްނަގެން ކުރެހުމެއް ތައްޔާރުކޮށް ފަންޑްރައިޒްކޮށްގެން ކަމަށެވެ. އަދި އެކަމަށް ރަށު މީހުންގެ ފަރާތުން ރަނގަޅު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަސައްކަތްފެށީ 5000 ރުފިޔާގެ ބަޖެޓަކުން. މިހާރު 10،000 ރުފިޔާގެ ބަޖެޓެއް ލިބިއްޖެ. އޭގެން މިހާރު 8000 ރުފިޔާވަރު ހަރަދު ކުރެވިއްޖެ. ގިނަ ކަންކަން މީހުންކޮށްދެނީ ހިލޭ،" އާރިފް ވިދާޅުވި އެވެ.

ލަންދޫ ނޭޗަ ޕާކް ތަރައްގީ ކުރަނީ ހަޓާއި، އުނދޯލި، ފަދަ ތަންތަން ހުންނަ ގޮތަށް ފާލަން އަޅައިގެނެވެ. މި ޕާކްގެ މަސައްކަތްނިމި އާ އަހަރަށް މަރުހަބާ ކިޔާނީ ނޭޗަރ ޕާކާ އެކު ކަމަށް ލަންދޫ ކައުންސިލުން މައުލޫމާތުދެ އެވެ. އަދި މިއީ އެރަށުގެ ހިތްގައިމުކަން އިތުރުވެ، މެހެމާނުންނަށް ރަށުގެ ކަނޑޫ ގަސްތަކާއި ކުއްޅަވައްފާ ފަސޭހައިން ބަލައިލެވޭނެ މަގެކެވެ. އަދި މުސްތަގުބަލުގައި ފަތުވެރިންގެ ޝައުގުވެރިކަން ވެސް އެ މަންޒިލަކަށް ލިބޭނެ ހިތްގައިމު ސަރަހައްދަކަށް ބަތްޕެން ކިލާގަނޑުވެގެންދާނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top