Close

އޮޑި ބަނދަރުކޮށްފި، ޅޮހީ ރައްޔިތުންނަށް ސާފު ބޯފެނުގެ އުންމީދު އާ ވެއްޖެ

ފެނާއި ނަރުދާމާ ގާއިމް ކުރުމަށް ބޭނުންވާ ބައެއް ސާމާނު ހިފައިގެން އައި އޮޑި ޅޮށްސަށް ބަނދަރުކޮށްފައި

އަޙުމަދު އައިމަން/ ނ. ޅޮހީން - ފެނާއި ނަރުދަމާގެ ހިދުމަތާ ނުލައި ދިރިއުޅުމަކީ މިޒަމާނުގައި ވަރަށް އުނދަގޫކަމަކަށް ވަނީ ވެފަ އެވެ. އެގޮތުން އެ ދަތިކަމާއެކެ އަތޮޅުގައި އެންމެ ގިނަ ދުވަސްވަންދެން ދިރިއުޅުނު ބަޔަކަށް ޅޮހީ ރައްޔިތުންވާނެ އެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ލިބުމަކީ، ޅޮހީގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރި އުއްމީދެކެވެ. އެންމެފަހުން، އެ އުއްމީދު ހަގީގަތަކަށް ވުމުގެ ނިޝާން މިއަދު މިވަނީ ފެނިފަ އެވެ.

‏ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ނ.ޅޮހީގެ ތާރީޚްގައި ހިންގާ އެންމެ އަގުބޮޑު ޕްރޮޖެކްޓް، ފެނާއި ނަރުދަމާގެ މަސައްކަތަށް ބޭނުންވާ ސާމާނު ހިފައިގެން އޮޑި ބަނދަރު ކޮށްފި ކަމަށެވެ. އަދި އުންމީދަކީ އަމަލީ މަސައްކަތް އަވަހަށްފެށި ބާރު ސްޕީޑްގައި މަޝްރޫއު ކުރިއަށްދިއުން ކަމަށް މެމްބަރު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓަށް ބޭނުންވާނެ ސާމާނު ހިފައިގެން އިއްޔެ ވަނީ އޮޑި އައިސްފަ އެވެ. އަދި ޕްރޮޖެކްޓް ކުރިޔަށް ގެންދާނެ ގޮތުގެ ތަފުސީލު މި މަސައްކަތާއި ހަވާލުވެފައިވާ ސްޓެޓިކް ކުންފުނީގެ ފަރާތުން އިއްޔެ ވަނީ ކައުންސިލާއި ހިއްސާކޮށް، މަސައްކަތުގެ ސައިޓައް ވަނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށާފަ އެވެ. މި މަޝްރޫއު އަށް ދައުލަތުން 24،948،937.34 ރުފިޔާ ހަރުދު ކުރުމަށް ބަޖެޓް ކޮށްފައިވެ އެވެ.

ޅޮހީ ކައުންސިލާ އެކު ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގުމަށް ހަވާލުކޮށްފައިވާ ސްޓެޓިކް ކުންފުނިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ސާފު ބޯފެނުގެ އުންމީދާ އެކު ރައްޔިތުންނަށް ވަނީ ހިނިތުންވުމެއް ލިބިފަ އެވެ. ސަބަބަކީ ގިނަ މަޝްރޫއުތަކެއް ޅޮހީގައި ފެށި އަދި ކުރިޔަށް ފެށުމަށް ރާވާފައިހުރުމެވެ. އެގޮތުން ބަނދަރު ޕްރޮޖެކްޓާއި ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ނިމުމުން ޅޮހީގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމުގެ ފުރުސަތުފަހިވާނެ ކަމަށް ޅޮހީ ރައްޔިތުން ދެކެ އެވެ.

"ބަނދަރާއި ފެނާއި ނަރުދަމާގެ ނިޒާމު ނިމުމުން މި ރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމަށް ވިސްނާ ފަރާތްތަކުގެ އުންމީދު ވެސް ބޮޑުވާނެ. މިހާރު އޮތް ބަނދަރަކީ މިގޮތަށް ގެސްޓް ހައުސް ވިޔާފާރިކުރުމަށް މީހުން އުފުލުމަށް އެއްގޮތަކަށް ވެސް ރައްކާތެރި ބަނދަރެއް ނޫން. ނަރުދާމާގެ މައްސަލަތައް ދިމާނުވެ، އަދި ސާފު ބޯފެން ފަސޭހައިން ލިބުމަކީ ގެސްޓް ހައުސް ވިޔަފާރި އަށް ވެސް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއް،" ޅޮހީ ރައްޔިތަކު  ބުންޏެވެ.

ފެނާއި ނަރުދާމާ އަކީ އަސާސީ ހިދުމަތުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއު އެކެވެ. މިކަން ހާސިލްވާނެކަމުގެ އުންމީދު ޔަގީންވެފައިވާއިރު، މިހާރު ރައްޔިތުން ތިބީ އަމަލީ މަސައްކަތްނިމި ހިދުމަތް ލިބޭނެ ދުވަހެއްގެ ފޮނި އިންތިޒާރުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top