Close

"އަލަށް ފެނުނު" މެންގުރޫވް ކެނދިކުޅުދޫގައި އަބަދުވެސް ހުރޭ!

Mangrove

ރާއްޖެއިން އަލަށް ފެނުނު ކަމަށް ބުނާ މެންގުރޫވްގެ ބާވަތް

ހއ. ކެލާގެ ކަނޑޫފާ ސަރަހައްދުން މި ފަހުން ވަނީ ދުނިޔޭގައި ވަރަށް މަދުން ހެދޭ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ މެންގްރޫވްގެ ބާވަތެއް ކަމަށްވާ "ބުރުގެރިއާ ހެނެސީ" ގަސްތަކެއް ފެނިފަ އެވެ. ދިވެހިބަހުގެ އެކަޑަމީގެ ލަފާގެ މަތިން އެ މެންގުރޫވްއަށް މިހާރު ވަނީ ނަމެއް ވެސް ކިޔައިފަ އެވެ. އެއީ "ކެލަވަކި" އެވެ. އެ ނަން ދީފައި ވަނީ އެ މެންގްރޫވްގެ ބާވަތް ފެނިފައިވާ ރަށަށް ނިސްބަތްކޮށް ކަމަށް އެންވަޔަރުމަންޓް މިިނިސްޓްރީން ވަނީ ބުނެފަ އެވެ.

ނަމަވެސް ރާއްޖޭގެ ނިސްބަތުން ކަނޑޫފަލާއި ޗަކަބިން ގިނަ ކެނދިކުޅުދޫގެ ބައެއް ރައްޔިތުން އެ ނަމާ މެދު ހިތްހަމައެއް ނުޖެހުނެވެ. އެ މީހުން ބުނާ ގޮތުގައި މި ބާވަތުގެ މެންގުރޫވް ގަހަކީ ޒަމާނުއްސުރެ ވެސް "މަދު ނޫން އަދަދަކަށް" އެ ރަށުގައި ހުންނަ ބާވަތުގެ ގަހެކެވެ. މައުލޫމާތު އެނގިހުރި ކެނދިކުޅުދޫގެ ރައްޔިތަކު "ނޫނު ޑެއިލީ"އަށް ބުނީ އަލަށް ފެނިގެން އުޅޭ ކަމަށް ބުނާ މެންގުރޫވް ގަހަށް އެ ރަށުގައި ކިޔަނީ "ބޮޑު ކަނޑޫ" އެވެ.

އެހެން ނަމަވެސް އެންވަޔަރަމަންޓް މިނިސްޓްރީން ބުނަނީ މި ބާވަތުގެ މެންގްރޫވް ގަސް ރާއްޖެއިން ފެނުނީ މި އަހަރުގެ މާޗު މަހު ކެލާ ކަނޑޫފާ ސަރަހައްދުގައި ކުރިއަށްގެންދިޔަ އިކޮލޮޖިކަލް ސާވޭގައި އެރަށުގެ ކުޅީގެ ސަރަހައްދުން ކަމަށެވެ.

އެހެން ނަމަވެސް ކެނދިކުޅުދޫ މީހުން ބުނަނީ އެ ރަށު ކުޅީ ސަރަހައްދުގައި އެ ބާވަތުގެ މެންގުރޫވް ހުންނަ ކަމަށެވެ. އެހެން ކަމުން އެ މީހުންގެ ހިތްހަމަ ނުޖެހުމަކީ ވަކި ރަށަކުން އެ ބާވަތް ފެނުމުން އެހެން ރަށްރަށުގައި އެ ބާވަތް ހުރިތޯ ނެތްތޯ ނުބަލައި، ފެނުނު ރަށާ ގުޅުވައިގެން އާ ނަމެއް ހެދުމެވެ. އަދި ކުރިން ކިޔަމުން އައި ޒަމާންވީ ނަންތަކަށް ބަލައި ދިރާސާއެއް ވެސް ނުކޮށް އާ ނަމެއް ކިޔުމަކީ ވެސް ކެނދިކުޅުދޫ ބައެއް މީހުން ބުނާ ގޮތުގައި "އޮޅުވާ" ލުމެކެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ ތާރީހު އޮޅުވާލުން ކަމަށާއި، އެ ބާވަތަށް މީގެ ކުރިން ދީފައި ހުރި ނަންތަކަކީ ކޮބައިތޯ ބެލުމަކީ ނަން ދިނުމުގެ ކުރިން ކުރަން ޖެހޭ ކަމެއް ކަމަށް އެ މީހުން ގަބޫލު ކުރާ ކަމަށެވެ.

"އިހުޒަމާނުގަ މި ބާވަތުގެ ކަނޑުލަށް ކިޔަނީ މާކަނޑޫ ކަމަށް އިސްރަށްވެހިން ބުނެބުނެ އޮށްވާ، މާ އަލުން ނަމެއް ހެދުމަކީ ތާރީހް އޮޅުވާލުން. ކެނދިކުޅުދޫ އާއި އުތުރުގެ އެހެންރަށްތަކުގައި މިބާވަތުގެ ގަސް އެބަހުރި، ރިސާޗެއް ހަދަމާތޯ؟" ކެނދިކުޅުދޫގެ ޒުވާނަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި އާދައިގެ ކަނޑުލަށް ކިޔާ ސައެންޓިފިކް ނަމަކީ Bruguiera Cylindrica އެވެ. ބޮޑަވަކި ނުވަތަ ބޮޑުކަނޑުލަށް ކިޔަނީ Bruguiera gymnorrhzia އެވެ. މާ ކަނޑުލަށް ވެދާނެ އަނެއް ބާވަތަކީ Bruguiera sexangula އެވެ. ނަމަވެސް އަލަށް ނަމެއް ހެދީކީ މިއިން ބާވަތަކަށް ނޫނެވެ. މި އާއިލާގައި ހިމެނޭ އެހެން ބާވަތަކަށެވެ.

އަލަށް ފެނުނު މި ބާވަތަށް ކިޔާ ސައެއްޓިފިކް ނަމެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނަނީ Bruguiera Hainesii އެވެ. ކެނދިކުޅުދޫގައި މިހުރިހާ ބާވަތަކަށް ވެސް ތަފާތު ނަމެއް ދީފައިވާ އިރު، ބޮނޑަވައްކާއި، ބޮޑު ކަނޑުލަކީ ދެބާވަތެކެވެ. ތަފާތުތަކެއް ހުރެ އެވެ. އެކަމަކު ކެލާއިން ފެނުނު "ކެލަވައްކާއި" ކެނދިކުޅުދޫގައި ހުރި ބޮޑު ކަނޑުލާ ތަފާތެއް ނެތް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ.

"މިބާވަތުގެ ކަނޑޫ އެބައޮށް ބޯކޮން، ކެނދިކުޅުދޫގައި އަދި ރާއްޖޭގެ ގިނަ ޗަކަބިންތަކުގައި. ނަންހަދަންވާނީ އެކަށީގެންވާ ދިރާސާއަކަށް ފަހު." ކެނދިކުޅުދޫ ރައްޔިތަކު ޓްވީޓްގައި ބުނެފައިވެ އެވެ.

ހެނެސީ ގަހަކީ ނެތިިދާނެ ކަމުގެ ބިރު ހީވެފައިވާ ކެޓަގަރީ ލިސްޓުގައި ހިމެނޭ ބާވަތެކެވެ. މިދިޔަ މާޗް މަހު ހިންގި އެކޮލޮޖިކަލް ސާވޭގެ ތެރެއިންވެސް އެ ބާވަތުގެ ހަތަރު ގަހެއް ފެނިފައިވާކަމަށްވެ އެވެ.

ކެނދިކުޅުދޫގައި ކަނޑުލުގެ ގިނަ ބާވަތްތަކެއް ހުރި އިރު، އެ ރަށުގެ ކައުންސިލުންނާއި، ޒުވާނުން ގުޅިގެން "އިކޯ ޓުއަރިޒަމް" ކުރިއަަރުވަން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށުގައި އޮންނަ ނުވަ ކުޅީގެ ތެރެއިން ދިމާފަޅުގައި މިހާރު ވަނީ ފާލަމެއް އަޅާ، ފަތުރުވެރިންގެ "ހޮޓް ސްޕޮޓަކަށް" އެތަން ބަދަލުކޮށްފަ އެވެ.

އެ ރަށުގެ ކަނޑޫފަލާއި ކުޅިތަކުގެ ދިރުންތައް ހިމާޔަތް ކުރުމަށް ރަށު ފެންވަރުގައި އަންނަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top