Close

ޝަރިއްޕެގެ ފިހިން ނަލަ، ރީތި، ޗާލު ވެލިދޫ!

Sharippe Art

ޝަރިއްޕެ އާއި އޭނާގެ އާޓް

މި އަތޮޅު ވެލިދޫ، ކަނީރުމާގޭ އަހުމަދު ޝަރީފް (ޝަރިއްޕެ)ގެ ހުނަރުވެރިކަމާ މެދު ދެބަސްވާނެ ހަމަ އެކަކުވެސް ނެތެވެ. އާޓްގެ ދުނިޔެއަށް ނުކުމެ މިވީ 23 އަހަރު ތެރޭ ޝަރިއްޕެ އަންނަނީ މެދުކެނޑުމެއް ނެތި އޭނާގެ ހުވަފެންތަކުގައި ކުރަހައި ކުލަ ޖައްސަމުންނެވެ. އާޓިސްޓުންގެ އާއިލާ ތެރޭ އޭނާގެ ފިހީގެ ބާރާއި ޖާދޫ ކިތަންމެހާވެސް ގަދަ އެވެ. މިފަހަރު ވެސް ޝަރިއްޕެ މިވަނީ އޭނާގެ ފިހީގެ ޖާދޫއިން ސަމާލުކަން ދަމައިގެންފަ އެވެ. މި އާޓިސްޓު މިފަހަރު ކުރަހާލީ އޭނާގެ އުފަން ރަށް ވެލިދޫގެ ޑްރޯން ފޮޓޯއެއް އެއަށް ވުރެ ޗާލުކޮށްނެވެ. އޭނާގެ ސިކުނޑީގައި ކުޅެމުން ދިޔަ "ނަލަ ރީޗި ޗާލު ވެލިދޫ، ގަލަމުން ބަޔާން ނު ވެލިދޫ" މި ލަވަޔާ އެކު އޭނާއަށް ސިފަވަމުން ދިޔަ މަންޒަރުތަކުގައި ކުލަޖައްސައި ތަސްވީރަކަށް ބަދަލުކުރީ އެވެ.

"ވެލިދޫގެ ލަވަ މިހެން އިދެފައި އަޑު އަހާލި ތަނުން އެ ލަވައިގައި ކިޔާނެ 'ރަންދޯދިތައް އުދަރެސް ދެކެން ކުރަހާލާ' އެ ހިސާބުން ހަނދާނަށް އައީ ވެލިދޫ ޕޭޖަކަށް ލާފަ އިން ވަރަށް ކަލަފުލް ރީތި ވެލިދޫގެ ޑްރޯން ފޮޓޯއެއް މަތިން. ދެން އިންނާނެ އެ ފޮޓޯ ފޯނުގަވެސް ސޭވްކޮށްފައި. ދެން އެ ހިސާބުން ހިތަށް އެރީ ރަން ދޯދިތައް ފެންނަ ގޮތަށް ވެލިދޫ ފޮޓޯ ކުރަހާލާނީއޭ،" ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ވެލިދޫގެ ޑުރޯން ފޮޓޯ ކުރަހަން ހިޔާލު އައިގޮތް ޝަރިއްޕެ "ނޫނު ޑެއިލީ"އަށް ކިޔައިދިނެވެ.

"އަމިއްލަ ރަށްވީމާ ރަށު މީހެއް ވީމާ ކުރަހާލާ ހިތް އަދި މާބޮޑަށްވި،"

View this post on Instagram

Nala Reethi Chaalu❤🇲🇻 #velidhoo

A post shared by Xarippe Arts (Pvt) Ltd (@xarippearts) on

ވެލިދޫގެ އެ މަންޒަރު ކުރަހާލަމުން ދިޔައިރު ޝަރިއްޕެ ވަނީ އެތަން ވީޑިއޯވެސް ކޮށްފަ އެވެ. ބެކް މިޔުޒިކަކަށް "ނަލަ ރީތި ޗާލު ވެލިދޫ"ގެ ލަވަޔާ އެކު އެ ވީޑިއޯ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލުމުން އެތައް ބައެއްގެ ސަމާލުކަމާއި ތައުރީފް ވަނީ އޭނާގެ ހުނަރަށް ލިބިފަ އެވެ.

ޝަރިއްޕެ ބުނި ގޮތުގައި އެ ކުރެހުމަށް އެހާ ބޮޑު ތަރުހީބެއް ލިބިދާނެ ކަމަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ. ސަބަބަކަށްވީ ކުރެހުމަކީ އޭނާއަށް އާ ކަމަކަށް ނުވުމެވެ. އެ ޒާތުގެ އެތައް ކުރެހުމެއް އޭނާ ކޮންމެ ދުވަހަކުހެން ކަހަލަ ގޮތަކަށް ކުރަހަ އެވެ. އެކަމަކު ޝަރިއްޕެ ބުނި ގޮތުގައި ވެލިދޫގެ އެ ކުރެހުން އޭނާ ކުރަހަން ފެށީ ތަފާތު ކުރެހުމެއް ކުރަހާލުމުގެ ވިސްނުން ބާއްވައިގެންނެވެ. އެއީ އެ ކުރެހުން އާންމުންނަށް ކަމު ގޮސް އެހާ ތައުރީފު އޮހެން ޖެހުނު ސަބަބު ކަމަށް ވެދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"ގާތްގަނޑަކަށް 45 މިނެޓް އެކުރަހުމަށް ހޭދަކުރީ. އަސްލު ވީކެއް ވަރުކުރިން ކުރަހައިފިން އެ ކުރެހުން. ދެން އަދި ކިރިޔާ މި އަޕްކުރީ. އަބަދުވެސް ބަލަން ކުރެހުންތައް ތަފާތުކޮށްލެވޭތޯ. ތަފާތު އެއްޗެއް ހެދޭތޯ،" ޝަރިއްޕެ ބުންޏެވެ.

ޝަރިއްޕެ ބުނި ގޮތުގައި އޭނާއަށް މިއަދު ލިބޭ އެންމެ ބޮޑު އުފަލަކީ އޭނާއަށް ކުރެހުންތެރިއަކަށް ވެވުމެއް ނޫނެވެ. އެކަމަކު އޭނާގެ އުފަން ރަށް ވެލިދޫގައި އާޓް ކުރިއަރަމުން ދިޔުމެވެ. އެގޮތުން މިފަހުން ބޭއްވި "ކްރެކް އޮފް ޑޯން" އާޓް އެގްޒިބިޝަންގައި ވެލިދޫގެ އެތައް ހުނަރުވެރި ޒުވާނުންތަކެއް ފެނިގެން ދިޔުމަކީ އޭނާއަށް މިފަހުން ލިބުނު އެންމެ ބޮޑު އުފާކަމުގައި އޭނާ ސިފަކުރި އެވެ.

"ވެލިދޫގައި މިފަހުން އާޓް އެބަ ވަރަށް ކުރިއަރާ. އެއީ ވެލިދޫ މީހަކަށްވެ ހުރެ ލިބޭ ވަރަށް ވަރަށް ބޮޑު އުފަލެއް،" ރިސޯޓްތަކާއި އެހެން ވެސް ފަރާތްތަކަށް ފްރީލޭންސްކޮށް ކުރަހައި ދިނުމުގެ ހިދުމަތްދޭ ޝަރިއްޕެ ބުންޏެވެ.

Xarippe Art
ޝަރިއްޕެ ކުރެހުމުގެ މަސައްކަތުގައި

ޝަރިއްޕެއްގެ ހަޔާތުގައިވެސް އާޓިސްޓުންނަށް އޮތީ ފިލާވަޅެކެވެ. އޭނާ ބުނި ގޮތުގައި 1997ގައި އާޓްގެ ކަންކަމުގެ ތެރެއަށް ވަތް އިރު މިހާރު އޮންނަ ވަރަށް ވެސް ފުރުސަތުތައް މަދެވެ. އެހެންވެ، އޭނާވެސް އުޅުނީ އެކި މީސްމީހުންގެ ވަޒީފާތަކުގައި ކުރަހައިދިނުމުގަ އެވެ.

އެކަމަކު ސުނާމީ އަރައި ޓޫރިޒަމަށް އައި ލޮޅުމުގައި އޭނާގެ ވަޒީފާ ގެއްލުމުން، ޝަރިއްޕެއަށް ވިސްނުނީ އޭނާގެ ހުނަރުގެ ބޮޑު ފައިދާއެއް އޭނާއަށް ނުލިބި އެހެން މީހުން ނަގާ ކަމަށެވެ. އެ ހިސާބުން އަމިއްލަ އާޓް ސްޓޫޑިއޯއެއް ހުޅުވައި ފްރީންލޭންސް މީހެއްގެ ގޮތުގައި އޭނާގެ ހުނަރު ހިފައިގެން ބާޒާރަށް ނިކުތީ އެވެ. އަދި އަދާ ޖެހެންދެން ވެސް އޭނާ އާމްދަނީ ހޯދަނީ ފްރީލޭންސް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްގެންނެވެ. ޝަރިއްޕެ ބުނާ ގޮތުގައި އޭނާއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ލިބިފައި ހުރި ހުނަރެއް ކުރިއަރުވަން ހިތްވަރާއި ކެރުންތެރިކަމާ އެކު ނިކުމެއްޖެ ނަމަ، އެކަމެއް ކާމިޔާބު ކުރެވޭނެ ކަމެވެ. ޝަރިއްޕެ އޭނާގެ ކެރިއަރުން ޒުވާނުންނަށް ދޭ މެސެޖަކީ އެއީ އެވެ.

Xarippe Art
ޝަރިއްޕެ ކުރެހުމުގެ މަސައްކަތުގައި

"މިހާރު އެބަ ހުރި ބައިވަރު ގޮތްގޮތައް އިންޓަނެޓް އިންސްޓަގްރާމް މި ހުރިހާ އެއްޗިހި. އަހަރުމެން އާޓުގެ ކަންކަމަށް ނިކުތް އިރު ޕްލެޓްފޯމެއް ވެސް ނޯވެ އާޓް ދައްކާލާކަށް. ވަރަށް މަސައްކަތުން މީހެއް ކައިރީ ވަޒީފާގައި އުޅެގެން އޭރު ފުރުސަތެއް ލިބެނީ. އަނެއްކާ އެހާ ހާލުން ކުރިއެރުމެއް ލިބެނީ. އެކަމަކު މިއަދު ފުރުސަތު އެބަ އޮތް. ހުނަރު ދައްކާލަންވީ މުޅި ދުނިޔެއަށް ވެސް. އަދި ހިތްވަރާ އެކު ކުރާހިތުން ކަންކަންކޮށްގެން ހިތްވަރު ކުރީމާ ކުރިއަށް ޒުވާނުން އާޓިސްޓުންނަށް މާ ފަސޭހައިން ކުރިއަށް ދެވޭނެ،" ޝަރިއްޕެ ބުންޏެވެ.

"ކުރާހިތްވާ މަސައްކަތެއް ކުރުމުގައި ދެމި ހުންނަންވީ. އޭރުން އެކަމުން ކުރިއެރުން ލިބޭނެ އާމްދަނީވެސް ހޯދޭނެ."

ޝަރިއްޕެ ވަނީ އާޓިސްޓެއްގެ ގޮތުން ކުރިއަށް ދިޔުމުގައި އޭނާގެ އަންހެނުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އެ އެހީތެރިކަން ނެތި އޭނާއަށް އާޓްގެ ދާއިރާގައި ދެމި ނުހުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top