Close

ކުރިން މީހުން ދިރިއުޅުނު ތޮޅެންދޫ ދަނޑުވެރިކަމަށް ދޫކުރަން ހުޅުވާލައިފި

Tholhendhoo

ތޮޅެންދޫ

ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ތަރައްގީ ކުރަން މި ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން މީގެ ކުރިން މީހުން ދިރިއުޅުނު މި އަތޮޅު ތޮޅުންދޫ ކުއްޔަށް ދޫކުރަން އިއުލާންކޮށްފި އެވެ.

ރާއްޖެއަށް ބޭނުންވާ ވަރަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އުފައްދައި ރާއްޖޭގެ ފުޑް ސޭފްޓީ ޔަގީންކުރުމުގެ ގޮތުން ދަނޑުވެރިކަން ކުރުމާއި ޕޯލްޓްރީ އާއި ބަކަރި ގެންގުޅުމާއި ގަސް ހެއްދުން ފަދަ ކަންކަމުން އާމްދަނީ ހޯދުމަށް މި  ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފިޝަރީޒް މިނިސްޓްރީއިން މިއަދު އިއުލާންކޮށްފައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ހަ ރަށެއް ކުއްޔަށް ދޫކުރުމަށެވެ. އެ ރަށްތަކުގެ ތެރޭގައި ބޮޑުމިނުގައި 16.8 ހެކްޓަރު ހުންނަ މި އަތޮޅު ތޮޅެންދޫ ހިމެނެ އެވެ.

Tholhendhoo
ތޮޅެންދޫ: މި ރަށުގައި ދަނޑުވެރިކަން ކުރަން ވަނީ މިހާރު ހުޅުވާލާފައި

ތޮޅެންދޫއަކީ މާޅެންދޫ އާއި ކެނދިކުޅުދޫއާ ދޭތެރޭ އޮންނަ ރަށެކެވެ. އެ ރަށަކީ އާބާދީ އާއި ތަރައްގީ އެއްފަސްކުރުމުގެ މަޝްރޫއުގެ ދަށުން އާބާދީ ކުޑަވެ އަސާސީ ހިދުމަތްތައް ހޯދުމަށް އުނދަގޫވާތީ ރައީސް މައުމޫންގެ ސަރުކާރުގައި ޑިސެމްބަރު 30، 1992ގައި ފަޅުކުރި ރަށެކެވެ. އެ ރަށުގެ މީހުން ވަޒަންވެރި ކުރީ އެ ރަށާ އެންމެ ކައިރީ އޮންނަ ކެނދިކުޅުދޫގެ ތޮޅެންދޫ އަވަށުގަ އެވެ. އަދި ބައެއް މީހުން ށ. މިލަންދޫ އާއި ވެލިދޫއަށް ވެސް ހިޖުރަކުރި އެވެ.

 

އެ ރަށުގައި މީހުން ދިރިއުޅުނު އިރުގެ ބައެއް އިމާރާތްތައް އަދިވެސް ހުރެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި ތޮޅެންދޫ ދޫކުރާނީ 21 އަހަރަށެވެ. އަދި އެ ރަށުގެ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި އެވެ. އެ އަދަދުން ބަލާ ނަމަ، އެއީ އަހަރަކަށް ކުލީގެ ގޮތުގައި 180،833.7 ރުފިޔާ އެވެ. ފިޝަރީޒް މިނިސްޓްރީއިން ބުނި ގޮތުގައި ތޮޅެންދޫ ހިމެނޭ ގޮތުން ދޫކުރާ ހަ ރަށުގައި އެންމެ ބޮޑުވެގެން ރަށުގެ 30 ޕަސެންޓެއްވާ ސަރަހައްދެއްގައި މިނިސްޓްރީއިން ކަނޑައަޅާ ކާނާގެ ބާވަތްތައް ހައްދަން ޖެހޭނެ އެވެ.

ތޮޅެންދޫގައި މީހުން އުޅުނު އިރުގެ އިމާރާތްތައް މިހާރު ހުރި ގޮތް
ތޮޅެންދޫގައި މީހުން އުޅުނުއިރުގެ އިމާރާތްތައް

ތޮޅެންދޫގެ އިތުރުން ދަނޑުވެރިކަމަށް ދެން ދޫކުރަން އިއުލާންކޮށްފައިވާ ރަށްތަކަކީ؛

  • ހއ. މަޑުލު
  • ށ. ކަކާއެރިޔަދޫ
  • ށ. ނެޔޮ
  • ބ. މާއްޑޫ
  • ގދ. އޮއިނިގިއްލާ

ބިޑްކުރާ ފަރާތްތަކުގެ ތެރެއިން އެ ރަށްތައް ކުއްޔަށް ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާއިރު ބަލާނީ އިންވެސްޓް ކުރާ މިންވަރަށާއި ޕްރޮޑަކްޝަން ޕްލޭނާއި ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު އަދި ވަޒީފާ އުފެދޭނޭ މިންވަރަށް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

މިނިސްޓްރީއިން ކުރި އިއުލާނުގައިވާ ގޮތުގައި މި ރަށްތަކަށް ބިޑްކުރަން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު ފަސް ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 2:00 އަށް އަށް މިނިސްޓްރީގެ ޖަލްސާކުރާ މާލަން، ވެލާނާގެ ދެ ވަނަ ފަންގިފިލާ އިންނެވެ. ބީލަން ފޮތެއްގެ އަގަކީ 2000 ރުފިޔާ އެވެ.

Tholhendhoo
ތޮޅެންދޫ ބީޗް ސަރަހައްދު

ބީލަން ފޮތް ނުގަންނަ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބީލަން ފޮތް ވިއްކުމާއި ބިޑު ބަލައިގަތުމުގެ އެންމެހާ މުއާމަލާތްތަކެއް ކުރާނީ މިނިސްޓްރީގެ ނަމްބަރު 7755335 އާއި [email protected] އީމޭލް މެދުވެރިކޮށް ކަމަށް ވެސް އިއުލާނުގައިވެ އެވެ.

ބީލަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޒޫމް މެދުވެރިކޮށް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ހަމަޖައްސައިފަ އެވެ.

ދަނޑުވެރިކަން ކުރުމަށް މި އަތޮޅުން އަށް ރަށެއް ދޫކޮށްފައިވެ އެވެ. މިފަހުން ފިޝަރީޒް މިނިސްޓްރީއިން ވަނީ މި އަތޮޅު ކަނޑޫދޫ ވެލިދޫ ކައުންސިލާ ހަވާލުކޮށްފަ އެވެ. އެ ރަށުގައި ދަނޑުވެރިކަން ކުރުމަށް އާންމުންނަށް ފުރުސަތު ހުޅުވާލަން އެ ރަށުގެ ކައުންސިލުން ވަނީ މަޝްވަރާކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top