Close

ހަސްކާ: ވެލިދޫ ޒުވާނުންގެ މާސްޓަޕީސްއެއް

Haskaa Film

ހަސްކާ ފިލްމުގެ މަސައްކަތުގައި އޮމްބެ އާއި ކްރޫ ހަރަކާތްތެރިވަނީ -- ފޮޓޯ | ސިމް އޯސިސް

ނ. ވެލިދޫއިން: "ސިމް އޯސިސް" ގެ ނަމުގައި ވީޑިއޯ ޕްރޮޑަކްޝަން ސްޓޫޑިއޯއެއް ހިންގާ އަލީ ސިމާހު (އޮމްބެ) ކޮވިޑްގެ ލޮކްޑައުން ނެގީ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގަ އެވެ. ކޮވިޑްގެ ލޮކްޑައުންއާ އެކު ރަށު ބަންދުވާން ޖެހުމުން އޭނާ ބެލީ އަތް އުރާލައިގެން ނުހުރެ އެ ދުވަސްތަކުގެ ބޭނުން ވެސް ރަނގަޅު ގޮތުގައި ހިފާށެވެ. ކަން ދިމާކުރި ގޮތުން ކޮވިޑް އެންމެ ބާރަށް ފެތުރި ރާއްޖޭގެ ހާލަތު ނާޒުކުވި ވަގުތާ ރޯދަ މަހާ ވެސް ދިމާވީ އެވެ. އެއާ އެކު ރޯދަ ކުރު ކުރުމުގެ ގޮތުން ވެސް ކަމެއް ކުރަން ރަށުގައި ބަންދުވެފައި ތިބި އޭނާގެ އެކުވެރީންނާ އެކު ސައްލާ ފެށީ އެވެ. އޭނާއާ އެއް އުމުރުގެ ރަށުގެ އެތައް ޒުވާނުންނަކަށް ވެސް ރަށުގައި ތިބުމަށް ހާލަތު އޭރު އޮތީ މަޖުބޫރު ކުރުވާފަ އެވެ. އެ މަޖުބޫރީ ހާލަތުން އުފަންވީ "ހަސްކާ"ގެ ހިޔާލެވެ.

"ގިނަ ޒުވާނުންތަކެއް ރަށުގައި ލޮކްޑައުން ވީމާ އަސްލު މި ހިޔާލު މި އައީ. ރޯދަ މަސް ތެރޭ އެންމެން ކަމެއް ކުރަން ވާހަކަ ދެއްކުމުގެ ތެރެއިން ފިލްމެއް ހެދުމުގެ ހިޔާލު އައީ. އެ ހިސާބުން ދެން ޕްލޮޓެއް ބޮލުގައި ރާވާ އަސްލު ރޯދަ މަސް ތެރޭ 'ހަސްކާ' ފިލްމުގެ މަސައްކަތް ފެށީ. އެކަމަކު ދެން ރޯދަ މަސް ވީމާ، އެހާ ވަގުތެއް އެއްވެސް މީހަކަށް ނުދެވުނު. އެކަހަލަ މިކަހަލަ ގޮތަކަށް ވަރަށް ސްލޯކޮށް މަސައްކަތް ދިޔައީ،" ފިލްމު "ހަސްކާ"ގެ އުފަންވުމާ ގުޅޭ ގޮތުން އޮމްބެ "ނޫނޫ ޑެއިލީ"އަށް ކިޔައިދިނެވެ.

Film Haskaa
ހަސްކާ ޝޫޓްކުރުމުގެ މަސައްކަތުގައި އޮމްބެ އާއި ޓީމް ހަރަކާތްެތެރިވަނީ

އޮމްބެ އިސްވެ ހުރެ ފާޅުކުރި ހިޔާލު އެންމެ ފަހުން ބޮޑުވެ ފުރިހަމަ ބޮޑު ފިލްމަކަށް ބަދަލުވީ އެވެ. ސީދާ ވެލިދޫގެ އުފެއްދުމެއްގެ ގޮތުގައި ނެރުނު އެ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާ، މިދިޔަ މަހުގެ 18 ވަނަ ދުވަހު މި ރަށުގެ މަގޭ ސިނަމާގައި ފިލްމު ވަނީ ޕްރިމިއާކޮށްފަ އެވެ. ފިލްމުގެ ޓިކެޓް 50 ރުފިޔާއަށް ވިއްކިއިރު ތަރުހީބު ރަނގަޅެވެ.

އޮމްބެ ބުނި ގޮތުގައި "ހަސްކާ" ފިލްމު ބިނާކޮށްފައި ވަނީ ރޯދަ މަސް ތެރޭގައި ރަށްރަށުގައި ހިނގާ ވައްކަމުގެ ކަންތައްގަނޑެއްގެ މައްޗަށެވެ. އެކަހަލަ ހާދިސާއެއް ނަގާ ބޮޑު ވާހަކައެއް އުފެއްދީ އެވެ. އޭނާގެ އެންމެ ބޮޑު އުފަލަކީ އެ ފިލްމު ރަށުގެ ރައްޔިތުން ބަލައިގަތުމެވެ. ރައްޔިތުން އެ ހުނަރުވެރިންގެ މަސައްކަތަށް ދިން ބޮޑު ތަރުހީބެވެ. އެއީ އެ ޓީމުން ހޯދި އެންމެ ބޮޑު ހިތްވަރުގެ ގޮތުގައި އޮމްބެ ސިފަކުރި އެވެ.

"ރަށު ވަކި މީހެއް ނޫން އެންމެން ވަރަށް ސަޕޯޓިވް. ހީވެސް ނުކުރަން މިވަރުގެ ސަޕޯޓެއް ލިބޭނޭ،" އޮމްބެ ބުންޏެވެ.

ހަސްކާ އަކީ ސީރިއަސް ކޮމިޑީއެކެވެ. އެ ފިލްމުގެ ލީޑް ރޯލުތަކުން ވެސް މުޅިން ފެނިފައި ވަނީ މި ރަށުގެ ޒުވާނުންނެވެ. އެގޮތުން ލީޑް ރޯލުން ފެނިގެން ދަނީ، ނުހާދު (ބެނީ) އާއި އަހުސަން (ޑިޑޫ) އަދި ސަމާހާ އެވެ. ސަޕޯޓިން އެކްޓަރުންނަކީ ހުރުމާ، ނަފްހާ، އާދަމްފުޅު (ކާއްޕޮ) އަދި އަނޫފް އެވެ. އިތުރު ކާސްޓުންގެ ގޮތުގައި އަލީ އިސްމާއިލް (ބަނަސް) އާއި މުހައްމަދު އިބްރާހިމް (ދަނގަޑޭ) ފެނިގެންދެ އެވެ.

ހަސްކާ ފިލްމުގެ ޕޯސްޓަރުތަކެއް

އަތޮޅުގެ ރަށެއްގައި ފިލްމެއް ނަގާ ނިންމާލުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. މާލެއާ އަޅާކިޔާއިރު ހާސްބައި އުނދަގޫ ކަމެކެވެ. އޮމްބެ ބުނި ގޮތުގައި މިއީ ވަރަށް އުނދަގޫ އަދި ނެގި ވަރަށް ބޮޑު ޗެލެންޖެކެވެ. ސަބަބަކަށްވީ، ޒަމާނީ ފިލްމެއް ނެގުމަށް ބޭނުންވާނެ ވަސީލަތްތައް ރަށުން ހޯދަން އުނދަގޫވުމެވެ. އޭނާ ބުނި ގޮތުގައި އެ ހުރިހާ ދަތިތަކަކާ އެކުވެސް އޭނާ ބެލީ މޮޅަތި މީހުން ކޮށްފައި ހުންނަ މަސައްކަތް ބަލައި ރަނގަޅު ކޮލިޓީ އުފެއްދުމެއް ނެރޭށެވެ. އޭނާއާ ޓީމުން އެކަން ކާމިޔާބުކުރި އެވެ.

"ރަށްރަށުން މި ލިބެނީ ވަރަށް ލިމިޓެޑް އެއްޗެއް. އެކަށީގެންވާ ވަސީލަތްތަކެއް ނުލިބޭ މިކަހަލަ ކަމަކަށް. އެކަމަކު އަޅުގަނޑުމެން ހަމަ ކޮލިޓީ ފިލްމެއް މި ދޫކޮށްލީ. އުފަލަކީ މިއީ ހަމަ ހުސް ވެލިދޫގެ ޒުވާނުންގެ މަސައްކަތޭ. މުޅި ފިލްމަކީ ވެލިދޫގެ ޒުވާނުން ވެލިދޫގައި ޝޫޓްކޮށް ނިންމާލި ފިލްމެއް. އެއީ އުފަލަކީ. ފަހުރަކީ،" އޮމްބެ ބުންޏެވެ.

"މިއީ ނެގި ޗެލެންޖެއް. ފަސޭހަކަމެއް ނޫން. އެކަމަކު މިއަދު އެކަން ކުރެވުނީމާ މި ހިރީ ހިތްހަމަ ޖެހިފައި. މިއީ ނުވާނެ ކަމެއް ނޫންކަން އެނގިއްޖެ،"

ހަސްކާގެ ޕްރިމިއާ ނައިޓްގެ ތެރެއިން -- ފޮޓޯ | ސިމް އޯސިސް

އޮމްބެއާ އެކު ފިލްމުގެ މަސައްކަތުގައި އެސިޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އިބުރު ހަރަކާތްތެރިވި އެވެ. އަދި ވާހަކަ ލިޔެ، ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރު ކުރީ ރިޝާން (ރިޗީ) އެވެ. އޮމްބެ ބުނި ގޮތުގައި މުޅި ޓީމުގެ ކޮންމެ މެންބަރަކު ވެސް އެހާމެ ހުނަރުވެރި އެވެ. ފިލްމު ފުރިހަވީ އެންމެންގެ މަސައްކަތުންނެވެ. އެންމެން އެކުގައި އެއް ޓީމެއްގެ ގޮތުގައި އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތުންނެވެ. ޖުމްލަ 16 މެންބަރުންގެ ޓީމެއް ހަސްކާގެ ފަހަތުގައި ތިބި ކަމަށް އޮމްބެ ބުންޏެވެ.

"މިއީ ވެލިދޫގެ ޒުވާނުންގެ ޓީމް ވޯކެއް. ކޮންމެ މެންބަރަކު ވެސް އެ މީހުންގެ ފުލް ކޮމިޓްމަންޓް މި ފިލްމަށް ދިން،" އޮމްބެ ބުންޏެވެ.

ފިލްމުގެ ލީޑްރޯލުން ފެނުނު މި ރަށުގެ ދެ އެންޓަޓެއިނަރުން ކަމަށްވާ، ބެނީ އާއި ޑިޑޫވެސް ތިބީ މި މަސައްކަތާ މެދު ފަހުރުވެރިވެފަ އެވެ. އެ ޒުވާނުންނަށް ވެސް މިއީ ތަފާތު ތަޖުރިބާ އެކެވެ. މި ހުނަރުންވެރިންނަށް ވެސް ލިބޭ އުފަލަކީ އެ މީހުންގެ ހުނަރު ރަށުގެ ރައްޔިތުން ބަލައިގަތުމެވެ. އެ މީހުންނަށް ދޭ ތަރުހީބެވެ.

"މިއީ ބަލައިލަން ހަމަ ވޯތް ފިލްމެކޭ އަޅުގަނޑު ބުނާނީ. ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ތަރުހީބު އެކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ،" ބެނީ ބުންޏެވެ.

Film Haskaa
ހަސްކާ ފިލްމު ޝޫޓިންގައި ބެނީ -- ފޮޓޯ | ސިމް އޯސިސް

އިބުރު އާއި ރިޗީވެސް ބުނި ގޮތުގައި އެ މީހުން ބެލީ ގޮންޖެހުންތަކާ އެކުވެސް ކޮލިޓީ ރަނގަޅު އާޓިސްޓިކް އުފެއްދުމެއް ނެރޭށެވެ. އެ މީހުން ވާސިލްވާން އުޅުނު އެ ހިސާބަށް ހަސްކާގެ މަސައްކަތް ނިންމާލެވުނު އިރު އޮތީ ދެވިފަ އެވެ. އެ މީހުން ބުނާ ގޮތުގައި ހަސްކާގެ މަސައްކަތަކީ އެ މީހުން ފަހުރުވެރިވާ މަސައްކަތެކެވެ. ފިލްމު ބަލާ އެކަކުވެސް މާޔޫސް ނުވާނެ ކަމުގެ ޔަގީންކަން އިބުރު އާއި ރިޗީ ވެސްދެ އެވެ.

"ވަރަށް ތާރީހީ މަސައްކަތެއް މި ކުރެވުނީ. މިއީ ވެލިދޫ އެންމެން ހިއްސާވެގެން އަލަށް ބައެއްގެ އެކްޓިންތަކެއް ނެރެ ބެލުންތެރިންނާ ހަމައަށް ގެނެސްމި ދެވުނީ. ކުދިކުދި އުނދަގޫތަކާ އެކުވެސް އަހަރުމެން އެންމެންނަށް ބަލައިގަނެވޭ ވަރު ފެންވަރު ރަނގަޅު އެކްޓިންތަކެއް ގެނެސްދީފައި ހުންނާނީ. މި ބަލައިލާފައި ބުނާނެ މި މީހުންގެ އެކްޓިންއަކީ މިހާރު މިފެންނަ ފިލްމުތަކަށް ވަކި ދޫކުރާވަރުގެ އެކްޓިންއެއް ނޫނޭ،" ރިޗީ ބުންޏެވެ.

Film Haskaa
ހަސްކާގެ ފިލްމުގެ ޝޫޓިންގައި އޮމްބެ އާއި އިބުރު އަދި ރިޗީ -- ފޮޓޯ | ސިމް އޯސިސް

އޮމްބެ އާއި "ހަސްކާ"ގެ ޓީމުން މި ގާއިމްކުރީ އާ ބެންޗުމާކެކެވެ. ހުނަރެއް ދައްކާލުމަށް އާޓިސްޓިކް މަސައްކަތެއް ކުރުމަށް ވަކި ތަނެއް ނެތެވެ. އެއީ ރަށްފުށުގައި ވެސް ކުރެވިދާނެ ކަމެކެވެ. ހުނަރަކީ ދެއްކީމާ ފެންނަ އެއްޗެކެވެ. ވެލިދޫ ޒުވާނުންގެ ހުނަރު ހުރިކަން މި ޓީމުން ސާބިތުކޮށްދިނީ އެވެ. އެ މީހުން ތަފާތު ދެއްކީ މާސްޓަ ޕީސްއެއް ނެރެ ސިއްސުވާލައިގެންނެވެ. ހަސްކާ މިވީ މި ރަށުގެ ތާރީހުގައި ލިޔާނޭ އެންމެހާ ޒުވާނުންގެ މާސްޓާ ޕީސްއަކަށެވެ.

"މި މަސައްކަތާ އެކު ހިތްވަރު ލިބިއްޖެ. އިތުރު ޕްރޮޑަކްޝަންތައް ނެރުން މިހާރު މިހިރަ އަމާޒަކީ،" އޮމްބެ ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top