Close

ޑރ. ނިއުމާ: ވެލިދޫގެ ފަހުރުވެރި ދަރިއެއް

ނ. ވެލިދޫ މަނާމް، ޑރ. ނިޢުމާ މުޙައްމަދު

ނ. ވެލިދޫ މަނާމް، ނިޢުމާ މުޙައްމަދު 41، އަކީ ހަމައެކަނި ނިއުމާ އެއް ނޫނެވެ. މިއަދު ނިއުމާއާ މުހާތަބްކުރާއިރު ޑރ. ކުރިޔަށްލާންޖެހެ އެވެ. ޑރ. ނިއުމާ އަކީ ވަޒީފާއާއި ޢާއިލީ ޒިންމާ ތަކާއި އެކު ވެސް ޕީއެޗްޑީ ހާސިލްކޮށްފައިވާ ނަމޫނާ ދަރިއެކެވެ. ޑރ. ނިއުމާއާ އެއްބަފާ ހަ މެންބަރުން ތިބެ އެވެ. އެއީ އަންހެން ތިން މެމްބަރުންނާއި ފިރިހެން ތިން މެމްބަރުންނެވެ. ޒަވާޖީ ހަޔާތެއް ފަށްޓަވައި އަންހެން ދަރިއަކާއި ފިރިހެން ދަރިއެއްގެ މަންމަ އެވެ.

ޑރ. ނިއުމާ ކިޔެވުމުގެ ފުރަތަމަ ބިންގާ އަޅުއްވާފައި ވަނީ ނ.އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ރަށު ތައުލީމީ މަރުކަޒުން ފަށާތަޢުލީމުގެ މަރުޙަލާ އާއި މެދު މަދަރުސީ އަދި ޘާނަވީ ތަޢުލީމު ވަނީ ހާސިލްކުރައްވާފަ އެވެ. އެއަށް ފަހު 2004 ވަނަ އަހަރު "ޑިޕްލޮމާ އިން ސެކަންޑަރީ ޓީޗިންގ" ހަސީލްކުރައްވާފައިވެ އެވެ. "ބެޗެލަރސް ޑިގްރީ އިން ސެކްނޑަރީ ޓީޗިންގ" ހާސިލްކުރެއްވީ 2008 ވަނަ އަހަރު އެވެ.

ނ. ވެލިދޫ މަނާމް، ޑރ. ނިޢުމާ މުޙައްމަދު

ބެޗެލަރސް ޑިގްރީ ނިންމީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން އިން އެވެ. އެއީ މިހާރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެވެ.  "މާސްޓަރސް އިން އެޑިޔުކޭޝަން" ނިންމީ 2011 ގައި، އޯޕަން ޔުނިވަރސިޓީ މެލޭޝިޔާ އިން ނެވެ. އަދި  ޕީ.އެޗް.ޑީ ނިންމީ ފިލިޕީންސް ގެ އޯލްޑަރސްގޭޓް ޔުނިވަރސިޓީ އިން މިއަހަރު އެވެ. ކިޔަވައި ދިނުމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން އަންނަ ޑރ. ނިއުމާ ވިދާޅުވީ މަދަރުސީ ދައުރުގައި އެންމެ ކިޔަވާ ހިތްވީ ފިޝަރީޒް ސައިންސް ކަމަށެވެ.

"މަދަރުސީ ދައުރުގައި އެންމެ ކިޔަވާހިތްވީ ފިޝަރީޒް ސައިންސް. ފުރަތަމަ ވާން ބޭނުންވީވެސް ފިޝް ޓީޗަރަކަށް. ނަމަވެސް ކޮލެޖުގައި ޓީޗިންގ ހެދިއިރު، ބިޒްނަސް ބެކްގްރައުންޑްގެ ކުދިންނަށް ސްޕެޝަލްވާން ފިޝަރީޒް ސައިންސެއް އޭރަކު ނުނެގެ. އެހެންވެ އަސްލު ފިޝަރީޒް ސައިންސް ޓީޗަރަކަށް ނުވެވުން،" ޑރ. ނިއުމާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި، ލެކްޗަރަރ އެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޑރ. ނިއުމާ ވަނީ ގިނަ ވަޒީފާތަކެއް ވެސް އަދާކުރައްވާފަ އެވެ. އެގޮތުން ސެކަންޑަރީ މެތަމެޓިސް ޓީޗަރެއްގެ ގޮތުގައި، ނ.އަތޮޅު ތަޢުލީމީ މަރުކަޒުގަ އައީ ދަރުމަވަންތަ ސްކޫލުގައި ވަޒީފާ އަދާކުރައްވާފައިވެ އެވެ. މީގެ އިތުރުން ކޮލިފައިޑް އެކައުންޓިންގ ޓީޗަރެއްގެ ގޮތުގައި މަޖީދިއްޔާ ސްކޫލުގައި އަދި  ކޮލިފައިޑް ލީޑިންގ ޓީޗަރ (ފޮރ ބިޒްނަސް ސްޓްރީމް) ގެ ގޮތުގައި، ކަލާފާނު ސްކޫލުގައި ވެސް ވަޒީފާ އަދާކުރައްވާފައިވެ އެވެ. އެއަށް ފަހު އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރެއްގެ ގޮތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ވެސް ޑރ. ނިއުމާ ވަނީ ވަޒީފާ އަދާކުރައްވަވާފަ އެވެ.

ޑރ. ނިއުމާ މަންމައާ އެކެ ނަގާފައިވާ ފޮޓޯ އެއް

ވެލިދޫގައި އަމިއްލަ ޓިއުޝަން ސެންޓަރެއް ހިންގެވި، ޑރ. ނިއުމާ ވިދާޅުވީ ކިޔަވާ ވިދާޅުވުމުގައި އެންމެ އުނދަގުވީއާއިލީ ދިރިއުޅުމާ އެކު ކިޔެވުމަށް އެކަށީގެންވާ ވަގުތު ހޯދެއްވުން ކަމަށެވެ.

"ޕީ.އެޗް.ޑީ ހަދާ ދަރިވަރުން ނަކީ އެ ދަރިވަރުން ދިރާސާ ކުރާ ދާއިރާއަކުން ވަރަށް ބައިވަރު 'ރީޑިންގ' ހަދަން ޖެހޭ ބައެއް. މިދާއިރާއިން އެހެން ދިރާސާ ވެރިން ހަދާފައިވާ ވަރަށް ބައިވަރު ދިރާސާތައް ކިޔުމަށް ވަރަށް ގިނަ ވަގުތު ހޭދަވާނެ. ވަޒީފާގެ އިތުރުން ޢާއިލީ ޒިންމާ ތަކާއި އެކު، ކަމަށް އެކަށީގެންވާ ވަގުތު ހޯދުން އެއީ ވަރަށް އުނދަގޫ ކަމެއް. އަމުދުން މާލޭގައި ދިރިއުޅެމުން، ދެމަފިރިން ވަޒީފާއަށް ދަމުން، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިއެއްގެ ހުރިހާ ޒިންމާތަކެއް ނަގަމުން އެ ވަގުތު ހޯދުން އެއީ އެންމެ ދަތިވިކަން." ޑރ، ނިއުމާ ވިދާޅުވި އެވެ.

ކިޔެވުމާއި ކިޔަވައި ދެއްވުމުގައި ކިތަންމެ ބިޒީވި ނަމަވެސް ޑރ. ނިއުމާ ވިދާޅުވީ ދިރިއުޅުމުގެ މައިގަނޑު ޢަމާޒަކީ ވަކި ޖިންސެއް ތަފާތު ކުރުމެއްނެތި، ދަރިންނަށް ރަގަނޅު ތަޢުލީމާއި ތަރުބިއްޔަތުގެ އިތުރުން ދިރިއުޅުމަށް ބޭނުންވާނެ ހުނަރުތައް އެކުދިންނަށް ލިއްބައިދީ، އެކުދިންނަކީ އަމިއްލަވަންތަ ކުދިންނަށް ހެދުން ކަމަށެވެ.

ހޮބީ އެއްގެ ގޮތުން ޅެން ހެދުމަކީ ވެސް ޑރ. ނިއުމާ ކުރައްވާ ކަމެކެވެ. އެގޮތުން ބިޒީ ޝެޑިއުލްގެ ތެރެއިން އެކަމަށް ވެސް ވަގުތު ހުސްކުރައްވަވާ ކުޑަކުދިންނަށް ޙާއްސަ ދެ ޅެން ފޮތް ޝާއިއު ކުރައްވާފައިވެ އެވެ. ޑރ. ނިއުމާ ވިދާޅުވީ ކިޔެވުމުގައި "އެންމެ މަތިވެރި ޝުކުރެއް ޙައްޤުވަނީ، އަޅުގަނޑުގެ ވެރި ރައްބަށް،" ކަމަށެވެ.

"އޭގެ ފަހުގައި، އަޅުގަނޑުގެ ފިރިމީހާއަށް. އަޅުގަނޑު ކުރާ ކޮންމެ ކަމެއްގައިވެސް ފިރިމީހާގެ ފުރިހަމަ އެއްބާރުލުން އަޅުގަނޑަށް ލިބޭ. ދެން އަޅުގަނޑުގެ މައިން ބަފައިން. އަޅުގަނޑުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް އަޅުގަނޑުގެ މައިންބަފައިންގެ ހެޔޮ ދުޢާ ވާކަމީ ޝައްކެތް އޮތް ކަމެއްނޫން. އޭގެ އިތުރުން، އަޅުގަނޑުގެ ދަރިންގެ ކަންކަމުގައިވެސް އެ ދެމަފިރިންގެ އެހީތެރިކަން ނުހަނު ބޮޑަށް ލިބޭ. ކިޔެވުމުގެ ކަމެއްގައި ވިޔަސް، ވަޒީފާގެ ކަމެއްގައި ވިޔަސް ޤައުމުން ބޭރަށް ދާންޖެހޭ ކޮންމެ ފަހަރަކުވެސް، އަޅުގަނޑުގެ ދަރިންގެ ކަންކަން ނުހަނު ލޯބިން އެ ދެމަފިރިން ކޮށްދޭ ކަމީ އަޅުގަނޑަށްޓަކައި އެ ދަމަފިރިން ވެ ދިން ވަރަށް ބޮޑު ޤުރުބާނީ އެއް. ދެން އަޅުގަނޑުގެ އަންހެން ދަރިފުޅަކީ އަޅުގަނޑުގެ 'ބެސްޓް ފްރެންޑް'. ނާއްކޮ ކުރެން ނާހައި، ނާއްކޮ އާއި މަޝްވަރާ ނުކޮށް، އަޅުގަނޑުގެ ދިރިއުޅުމުގެ އެއްވެސް ކަމެއް އަޅުގަނޑު ނުކުރަން. އަޅުގަނޑުގެ ހަގު ފިރިހެން ދަރިފުޅަކީ ގޭގެ ދިރުން. އެހެންކަމުން މިއެންމެންނަކީ ވެސް އަޅުގަނޑުގެ ޙަޔާތުގައި ވަރަށް މުހިއްމު ބައެއް. ކްރެޑިޓް ބަހަންވެއްޖިއްޖާ މި އެންމެންނަށް ވެސް ލިބޭނީ ހަމަ އެއް ވަރެއް،" ޑރ. ނިއުމާ ވިދާޅުވި އެވެ.

ޑރ. ނިއުމާ ފިރިމީހާ އަދި ދެ ދަރިން

ޕީއެޗްޑީއެއް ހާސިލްކުރެއްވި ނަމަވެސް ޑރ. ނިއުމާ ހުންނެވީ އަދި ކިޔެވުން ހުއްޓަވާލައްވާ ގޮތަކަށް ނޫނެވެ. އަދި ވެސް އިތުރަށް ދިރާސާ ކުރައްވާ ކިޔެވުމަކީ އަޒުމެއް ކަމުގައި ދެކިލައްވަ އެވެ. ޑރ. ނިއުމާ ކިޔަވާ ވިދާޅުވުމުގައި ޖުމުލަ ޚަރަދުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ނުވަތަ އެއަށް ވުރެވެސް ބޮޑުމިންވަރެއް ދީފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރ ސިޓީންނެވެ. އަދި އެކަމަށްޓަކައި ޑރ. ނިއުމާ ޔުނިވަރސިޓީގެ އިސްވެރިންނަށް ޝުކުރު އަދާ ކުރައްވެވި އެވެ.

ކިޔަވަން ބޭނުންވާ ކުދިންނަށް ޑރ. ނިއުމާ ވަނީ މެސެޖެއް ވެސް ދެއްވާފަ އެވެ. އެގޮތުން ކިޔެވުމައިގެން ކުރިޔަށް ދިއުމަށް "ސެލްފް-ޑައިރެކްޓެޑް ލާރނަރސް" އަށް ވުމަށް ހިތްވަރު ދެއްވެވި އެވެ.

"އަމިއްލަ މީހާގެ އުނގެނުމުގެ ޒިންމާ އަމިއްލަ މީހާ އަދާކުރަން ދަސްކުރަންވާނެ. އަދި 'ރިފްލެކްޓީވް ޕްރެކްޓިސް' އަކީ ވެސް ވަރަށް މުހިއްމު ކަމެއް. އުނގެނުމުގެ ޕްރޮސެސް ރިވިއު ކުރަން ވާނީ، އެއްކޮށް ނިމުނީމައެއް ނޫން. ދެތެރެ ދޭތެރޭން ފަހަތަށް އެބުނރި މި ޕޮރޮސެސް އަށް ބަލައިލާ ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިތޯ ބަލައި ރަނގަޅު ކުރަންވާނެ. އަދި ވާދަކުރަން ވާނީ ތިމާ އާއި އެއް ޢުމުރު ފުރާގެ އެހެން ކުދިންނަކާ ނޫން. އެކަމަކު ތިމާގެ އަމިއްލަ ނަފްސާ. ކޮންމެ މީހަކީވެސް، އަދި ކޮންމެ ކުއްޖަކީވެސް ތަފާތު މީހެއް ނުވަތަ ކުއްޖެއް. އެހެންކަމުން އުނގެނޭ ގޮތްތަކާއި ޤާބިލިއްޔަތުތައްވެސް ތަފާތުވާނެ. އެހެންކަމުން، ތިމާ ވާޞިލުވާން ބޭނުންވާ ހިސާބަށް ދިއުމަށްޓަކައި، ވާދަ ކުރަން ވާނީ، ނުވަތަ އަޅައި ކިޔަންވާނީ، ތިމާ ކުރިން ހުރި ހިސާބާއި، މިހާރު ހުރި ހިސާބު. ޢުމުރު ފުރާގެ އެހެން ކުދިންނާ އެއް ދުވެއްޔެއްގައި ކުރިއަށް ދިއުން މުހިއްމެއް ނޫން. އެކަމަކު ކުރިއަށް އެބަ ދެވޭކަން ޔަޤީން ވަންޏާ އެއީ ކާމިޔާބީއެއް،" ޑރ. ނިއުމާ ވިދާޅުވި އެވެ.

 

    

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top