Close

ފާރޫގުބެ: ހަދިޔާ ކުރެއްވީ ހިނަވާ ގެއެއް

ފާރޫގުގެ -- ފޮޓޯ | ނޫނު ޑެއިލީ

އާންމު އުސޫލާ ހިލާފަށް އިއްޔެ ހަވީރު 4:00 ޖެހިއިރު ނ. ވެލިދޫ މަސްޖިދުލް އަދާލަތު ސަރަހައްދު އޮތީ ތޮށްޖެހިފަ އެވެ. ވެލިދޫ ގަބަރުސްތާނު ވެސް ހިމެނޭ އެ ސަރަހައްދަށް މީހުން އެއްވީ މީހަކު ނިޔާވެގެން މޫނު ބަލާކަށް ނޫނެވެ. އެތަނަށް މީހުން ޖަމާވީ އަލަށް ހުޅުވާ ހިނަވާގެ ބަލާލާށެވެ. މިއީ އަލަށް ހުޅުވި ހިނަވާގެއާ އެކު މީހަކު ނިޔާވެއްޖެނަމަ ދެން އެ ސަރަހައްދު ފެންނާނެ ގޮތުގެ ކުޑަ ނަމޫނާ އެކެވެ.

މި ހިނަވާގެ ބިނާކުރި ނ. ވެލިދީ ތަނޑިރަތްމާގެ ފާރޫގް އަބްދުﷲ، 59، (ފާރޫގުބެ) ނޮޅި އެންޓަރޕްރައިޒަސްގެ ޗެއާމަން މި އިމާރާތް ސިފަ ކުރައްވަނީ ރައްޔިތުންނަށް ދިން "ހަދިޔާ" އެއްގެ ގޮތުގަ އެވެ. އިމާރާތުގެ ފަރުމާއަށް ބަލާއިރު، މަސްޖިދުލް އަދާލަތުގެ ފަރުމާ އާއި ހިނަވާގެ ބޭރުފުށުން ފެނިގެން އަންނަނީ ގުޅިލާމެހިފައިވާ އެއްތަނެއްގެ ގޮތުގަ އެވެ. އަދި މިސްކިތަށް މައްޔިތާ ކަށުނަމާދަށް ގެންދިޔުމަަށް ހަދާފައިވާ މަގު ވެސް އެހާ ފުރިހަމަ އެވެ. މޫސުން ގޮސްވެ ވިއްސާރަ ވެއްޖެނަމަ ވެސް ހިޔަލުގައި ފަސޭހަކަމާ އެކު އެމަގުން ސަންދޯއް ގެންދެވޭނެ އެވެ.

އިމާރާތް ބިނާ ކޮށްފައި ވަނީ ތިން ބަޔަކަށެވެ. އެއީ މައްޔިތާ ހިނަވާބަޔާއި މޫނު ބެލުމަށް އަންނަ މީހުންނަށް ތިބެވޭ ބަޔަކާއި ސަންދޯއް ޖެހުމަށް ހާއްސަ ބަޔަކެވެ. މީގެ އިތުރަށް ފާހަނަޔަކާއި ގުދަނެއްް ވެސް އެ އެއިމާރާތުގައި ހުރެ އެވެ. އަދި މައްޔިތާ ބާއްވާ ސަރަހައްދު ވަނީ އެޔާކޯންކޮށް، ފިނި ކޮށްފަ އެވެ. ހިނެވުމަށް ބޭނުންވާ ހުރިހާ ސާމަނެއް އިތުރު ތަނަކަށް ނުގޮސް އެތަނުން ލިބެ އެވެ. ހިނެވުނަށް ތަައްޔާރުކޮށްފައިވާ އަށި ވެސް އެހާ ފުރިހަމަ އެވެ. ހިނެވުމަށް ބޭނުންކުރާ ފެން އަންނަނީ ސާފުވެގެންނެވެ. އަދި މައްޔިތާ ހިނެވުމަށް ބޭނުންކުރާ ފެން އަށީގެ ތެރެއިން ހިނދޭ ގޮތަށް ވަނީ ހަދާފަ އެވެ. މިސްކިތު ބޭރުން ވަކިން ހިންނަވާގެ އަށް ވަދެވޭ އިރު، ޒަމާނީ ވަސީލަތްތައް ހުރުމަކީ އެ ހިނަވާގެ އިތުރަށް ފުރިހަމަވާ ސަބަބެވެ.

ފާރޫގުބެ ހިނަވާގެ ބައްލަވާ ލައްވަނީ -- ފޮޓޯ | ނޫނު ޑެއިލީ

ވެލިދޫ ކައުންސިލުގެ ރައީސް އަސްމާ ހުސެއިން ވިދާޅުވީ ފާރޫގުބެގެ އަމިއްލަ ހަރަދުގައި އިމާރާތްކުރި މި އިމާރާތުގެ ސަބަބުން ރައްޔިތުންނަަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. އަދި މިފަދަ ފުރިހަމަ ހިނަވާގެއްް އިމާރާތްކޮށް ދެއްވީތީ ފާރޫބެ އަށް އަސްމާ ފަށްފަށުން ޝުކުރު އަދާކުރި އެވެ.

"ގޭގައި ޖާގަދަތިވެގެން ރަންވެލީގައި ވެސް މީހަކު ހިނަވަންޖެހުނު. މި ލިބިގެންދިޔައީ ވަރަށް ބޮޑު ލުޔެއް،" އަސްމާ ވިދާޅުވި އެވެ.

ވެލިދޫ ހިނަވާގެ އަކީ ފާރޫގުބެ ވެލިދޫ ރައްޔިތުނަށް ދިން ހަދިޔާ އެއްކަމުން އެތަނަށްކުރި ހަރަދުގެ ވާހަކަ ފާރޫގުބެ ދައްކާކަށް ބޭނުމެއްނުވެ އެވެ. ފާރޫގުބެ ވިދާޅުވީ ހިނަވާގެ އެއް ހަދަން ނިންމީ މީހުން ނިޔާވެ، އެތަންތަނަށް ޒިޔާރަތްކުރުމުން ދިމާވާ ދަތިތަށް ފެނި އިހުސާސްވެގެން ކަމަށެވެ.

"މި ހިނަވާގޭގެ ސަބަބުން އެންމެނަށް ހަމަހަމަ ހިދުމަތެއް މިހާރު ލިބޭނެ. އަދި މި ވިސްނުން އައުމުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކޮށް، ނިޔަތްގަތްގޮތަށް އިރާދަކުރެއްވީތީ އެކަން މިއަދު އެ ފުރިހަމަވީ،" ފާރޫގުބެ ވިދާޅުވި އެވެ.

ހިނަވާގެ އިމާރާތްކޮށް ދޫކޮށްލުމުގެ ބަދަލުގައި ފާރޫގުބެ ބޭނުންވަނީ އެތަން ހުޅުވިއިރު، ހުރި ފެންވަރުގައި ތަން އިތުރަށް ފުރިހަމަކޮށް ކައުންސިލުގެ މަޝްވަރާގެ މަތިން ތަން ބަލަހައްޓާށެވެ. އެގޮތުން އެތަން ބެލެހެއްޓުމަށް މުވައްޒަފަކު ގެންގުޅުމަށް ނޮޅިން ހަރަދުކުރާނެ އެވެ. މީގެ އިތުރަށް ތަނުގައި ބޭނުންކުރާ ސާމާނު ވެސް ފޯރުކޮށްދޭނީ ފަރޫގުބެ އެވެ. ހުރިހާ އެއްޗެއް ވެސް މައްޔިތާގެ އާއިލާ އަށް ފޯރުކޮށްދޭނީ ހިލޭ އެވެ. ސަންދޯކުން ފެށިގެން ގޮސް ތުވާޔާ ހަމައަށެވެ.

"އަބަދު ވެސް ތިން ސައިޒްގެ ތިން ސަންދޯށް އެތާހުންނާނެ. އަދި އިތުރު ސަންދޯކެއް ޖަހަން ބޭނުންވާނެ ޓޫލްސާއި ފިލާ އެތާ ހުންނާނެ. ކަންފުންކޮށް ނިމުނީމަ ކަފުންކުރާ މީހުންގެ ޒިންމާ ނިމުނީ. އެތަން ސާފުކޮށް ހުރިހާ ކަމެއް ކުރާނީ އެތާ ހުންނަ މުވައްޒަފު،" ތަނުގައި ހުރި ބައެއް ވަސީލަތްތައް ކިޔައިދެމުން ފާރޫގުބެ ވިދާޅުވި އެވެ.

މުސްތަގުބަލުގައި ސަންދޯށްޖަހާ ފަރާތްތަކަށް ވެސް ކައުންސިލާ މަޝްވަރާކޮށް ރަމްޒީ ފީ އެެއް އެ ފަރާތްތަކަށް ދިނުމުގެ ވިސްނުން ވެސް ފާރުގުބެ ގެންގުޅެ އެވެ. މިހާރު ސަންދޯށް ޖަހަމުން އަންނަނީ ހިލޭ ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ.

ވެލިދޫގެ ވިޔަފާރިވެރިޔަކު ރައްޔިތުންނަށްދިން މިހަދިޔާ ވަރަށް ވެސް ފުރިހަމަ އެވެ. ފާރޫގުބެ ބޭނުންވަނީ ދަރިފަސްކޮޅަށް ދެމިގެންދާ ގޮތަށް އެ އިމާރާތް ބަލަހައްޓާ އާބަތުރަފިލުވާ ހިދުމަތްކުރާށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top