ދުނިޔޭގެ އެންމެ ދިގު އަދި އެންމެ ފުން ޓަނެލް ސްވިޒަލޭންޑުގައި ހުޅުވައިފިއެވެ.
ގޮއްތާޑް ޓަނެލްގެ ނަމުން ނަންދީފައިވާ މި ޓަނެލް ރަސްމީކޮށް ހުޅުވީ ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ޓަނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫރަޕުގެ ބައެއް ބޮޑެތި ލީޑަރުން ކަމުގައިވާ ޖަރުމަނުގެ ޗާންސެލަރ އެންޖެލާ މާކެލް، އިޓަލީގެ ބޮޑުވަޒީރު މެއްޓިއޯ ރެންޒީ، ފްރާންސްގެ ރައީސް ފްރަންސުވާ އޮލާންޑު އަދި އޮސްޓްރިޔާގެ ޗާންސެލަރ ކްރިސްޓިއަން ކަރން ހިމެނިވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްވިޒަލެންޑުގެ ފެޑެރަލް ރައީސް ޖޯހާން ޝްނެއިޑަރ އައްމާން ވިދާޅުވީ މި ޓަނަލް ހެދުމުގެ މަސައްކަތަކީ އެ ޤައުމުން، އެ ސަރަހައްދާއި ޔޫރަޕުގެ ކުރިމަގަށްޓަކައި އެޅި މުޙިއްމު ފިޔަވަޅެއްކަމަށެވެ.
57 ކިލޯމީޓަރު (35 މޭލު) ދިގުމިނުގައި ހުންނަ މި ޓަނަލުގެ ސަބަބުން އުތުރު އަދި ދެކުނު ޔޫރަޕުގެ ދެމެދުގައި ދެމުންގެންދާ ހައި-ސްޕީޑް ރޭލުގެ ޚިދުމަތް ފުޅާކުރެވިގެންދާއިރު އެ ޓަނަލުން ދުވާލަކު 260 ފްރެއިޓް ޓްރެއިން އަދި 65 ފަސިންޖަރުން އުފުލާ ޓްރެއިން ދަތުރުކުރާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެއިތުރުން މި ޓަނަލް ހެދުމަށް 17 އަހަރުގެ ދިގު މުއްދަތެއް ނަގާފައިވާއިރު މި މަޝްރޫއަށް ޖުމްލަ ބާރަހާސްފަސްސަތޭކަ މިލިޔަން އެމެރިކާ ޑޮލަރު ޚަރަދުވެފައިވެއެވެ.