Close

މަރުހޫމް ޒާހިރު ނަސީރުގެ ޒިކުރާ އައު ކުރުން..

ޒާހިރު ނަސީރު ކުޅިވަރަށް ޚިދުމަތް ކުރެއްވުމުގެ ތެރެއިން

ދިވެހި ކުޅިވަރާއި ނޫސްވެރިކަމުގެ އިތުރުން ދައުލަތަށް ވެސް ގިނަ ދުވަހު ހިދުމަތް ކުރެއްވި، ނިޝާން އިއްޒުއްދީނުގެ ޝަރަފްވެރި ވެރިޔާ މަރުހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ބޭއްވި ތައުޒިޔާ ފޮތުގައި ސޮއި ކުރުމަށް މިއަދު ހެނދުނު ހަތަކުން ފެށިގެން މިރޭގެ އަށެއް ޖެހުމާއި ހަމައަށް ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކަކުން ސޮއިކޮށްފިއެވެ. ތައުޒިޔާ ފޮތުގައި ސޮއި ކުރުން ކުރިއަށް ގެންގޮސްފައިވަނީ ހ. ބޯޅަގެ އާއި ޒުވާނުންގެ މަރުކަޒުގައެވެ.

މ. ފެންފިޔާޒުގޭ މުހައްމަދު ޒާހިރު ނަސީރުއޭ ބުނުމުން ފުރަތަމަ ވެސް ހިތަށް އަރަނީ ކުޅިވަރު މައިދާނެއްގެ މަތިންނެވެ. އެހެން ނަމަވެސް ވަކި ކުޅިވަރެކޭ ބުނެވޭކަށް ނެތެވެ. ކްރިކެޓުން ފެށިގެން ގޮސް ބައިސްކަލު ދުއްވުމާ ހަމައަށް އަދި ބެޑްމިންޓަނުން ފެށިގެން ގޮސް ޓޭބަލް ޓެނިހާ ހަމައަށް ޒާހިރުގެ ޚިދުމަތް ތެރިކަން ފެންނަން ހުރި ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ކުޅިވަރަށް ޚިދުމަތް ކުރައްވާފައިވާ އުމުރުން ދޮށީ ބޭފުޅުންގެ ބަހަކީ ވެސް މީކަމަށްވީ އިރު، އެކި ކުޅިވަރުތަކުގެ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކުގައި ހަރަކާތްތެރިވާ ކުދިންގެ ބަހަކީ ވެސްމީއެވެ. ޒާހިރު ނަސީރަކީ މި ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕައެވެ. ޒާހިރު ނަސީރު އަވަހާރަވުމާ އެކު ރާއްޖޭގެ ކުޅިވަރުގެ މައިދާން ޔަތީމުވެއްޖެއެވެ. ބައްޕަ ވަކިވެ ދިޔަޔަސް ބައްޕަ ދިންހާ ހެޔޮ ނަސޭހަތްތައް މިއަދު ވެސް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ އެތައް ދަރިންނެއްގެ ހިތްތަކުގައި ވަނީ ބިންވަޅުނެގިފައެވެ. ބައްޕައާ އެކު ހޭދަކޮށްލެވުނު އުފާވެރި ވަގުތުތައް މަތިން ހަނދާންކޮށް ކަރުނަ އަޅާ ހާލުގައެވެ.

ތިރީހަށްވުރެ ގިނަ އަހަރު ޒާހިރުގެ މާލިމީކަމުގެ ދަށުން ހިންގި އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ކުޅިވަރުގެ މައިދާނާ ވަކިވެގެން އެ ދިޔައީ ހަމަ ޔަގީނުން ވެސް ކުޅިވަރުގެ އާއިލާގެ ލޯބިވާ ބައްޕައެވެ.

މަރުޒޫގު ވިދާޅުވީ އިންޓަނެޓެއް އަދި ފޯނު ކޮށްލެވޭނެ ވަސީލަތެއް ވެސް ނެތް ޒަމާނެއްގައި 1979 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ ބައިވެރިވީ ޒާހިރުގެ ބުރަ މަސައްކަތްޕުޅުން ކަމަށް ތާރީޚު ހެކިވާ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ކުޅިވަރު އެސޯސިއޭޝަންތައް އުފައްދާ، ބައިނަލްއަގްވާމީ ކުޅިވަރުގެ ޖަމިއްޔާތަކުގައި ބައިވެރިވެ ރާއްޖޭގައި ޒަމާނީ ކުޅިވަރުގެ ސްޓްރަކްޗާއެއް ގާއިމްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވީ ޒާހިރު ނަސީރު ކަމަށްށެވެ.

ޒާހިރަކީ ކުޅިވަރު ކުޅޭ ކުދިންގެ އަޚުލާގު ހިފެހެއްޓެވުމަށް މިންނެތް މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ.

ޒާހިރު ދެކެވަޑައިގަންނެވި ގޮތުގައި، ކުޅިވަރު ކުޅުންތެރިއެއްގެ އެންމެ މުހިންމު ސިފައަކީ، ރިވެތި އަޚުލާގެވެ. އެހެން ކަމުން ރާއްޖެއަށް ގެއްލިގެން އެދިޔައީ އެހެން ހުރިހާ ދާއިރާއަކަށް ބަލާ އިރުވެސް ޒުވާނުންގެ ގައިގައި ހެޔޮ އަޚުލާގެއް އަށަގެންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ޒާހިރު ނޫން އިތުރު އެހެން ބޭފުޅަކަށް އެވަރުގެ ޚިދުމަތްތަކެއް ދިވެހި ޒުވާނުންނަށްޓަކައި ކޮށްދެވޭނެ ކަމަށް ގިނަ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. އެފަރާތްތަކުގެ އުންމީދަކީ އަދުގެ ޒުވާނުން ދިރިއުޅުން ބައްޓަން ކުރުމުގައި ޒާހިރު ނަސީރު ދެއްކެވި ރީތި ނަމޫނާ އިން އިބްރަތް ހާސިލުކުރުމެވެ.

ޒާހިރު އަވަހާރަވުމުން އެންމެ ހިތާމަކުރި އެއް ބޭފުޅަކަށް ވާނީ ކުޅަދާނަ އެތްލީޓް ކުޑަ ހުސެއިނެވެ. އެއީ ސަބަބެއް ނެތިއެއް ނޫނެވެ. ފުޓުބޯޅަ ކުޅެން މަސައްކަތް ކުރުމުން، އިސްކޮޅުން ކުޑަވެގެން އެކަން ނުވި ކަމާއި ގްރޭޑް ހަޔެއްގަ ހުއްޓާ ސްކޫލުން ކަނޑާލި ނަމަވެސް ޒާހިރު ނަސީރުގެ ފަރާތުން ލިބުނު ހިތްވަރާއި ނަސޭހަތުގެ ސަބަބުން މިއަދު ޕީއެޗްޑީ ހާސިލް ކުރެވި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާއަށް ވީ ޒާހިރުގެ ބަސްގަބޫލް ކުރެއްވުމުން ކަމަށް ހުދު އޭނާވެސް ގަބޫލް ކުރައްވައެވެ.

ޒާހިރު ނިޔާވުމަކީ ރާއްޖޭގެ ކުޅިވަރަށާއި ދިވެހި ޒުވާނުންނަށް ހިތާމަވެރި ދުވަހެއްކަން ފާހަގަކުރައްވަމުން ކުޑަ ހުސެއިން ވިދާޅުވީ، ވަކިވެގެން އެ ދިޔައީ ކުޅިވަރުގެ ބައްޕަކަން ޝައްކެއް ވެސް ނެތް ކަމަށެވެ. ޒާހިރު ނަސީރާ އެކު ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ކުޑަ ހުސެއިން ވިދާޅުވީ 17 އަހަރުން ފެށިގެން ޒާހިރު ނަސީރު ދަންނަ ކަމަށާއި އެމަނިކުފާނަކީ ދެވަނަ ބައްޕަ ކަމަށެވެ.

 އަދި ދެވަނަ ބައްޕަގެ ފަރާތުން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ގަޑިއަށް ފަރުވާތެރިވުމާއި ގަދައަޅާ މަސައްކަތް ކުރުން ކަމަށެވެ. އެގޮތުން ގާނޫނާއި ގަވާއިދުތަކާއި ދީނާއި ޚިލާފުނުވާ ގޮތަށް ކުރާ ކޮންމެ ކަމެއް އެންމެ ދަށް ފަންތިއަށް ވެއްޓިގެން ނަމަވެސް ކުރެވެން އޮތް ގޮތަކަށް ކުރުމަށް ޒާހިރު ދެއްވި ނަސޭހަތް ހުސައިން ފާހަގަ ކުރެއްވިއެވެ.

ފަޚުރުވެރިކަމާއެކު މޭގައި އަތް ޖަހާލުމަށް ފަހު ކުޑަ ހުސެއިން ވިދާޅުވީ ކާމިޔާބީއާ ހަމައަށް ދާން ހިތްވަރު ލިބުނީ ޒާހިރު ނަސީރުގެ ފަރާތުން ކަމަށެވެ. އަދި އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި ދިރިއުޅުމުގައި އެހާ ހިސާބަށް ވަޑައިގެންނެވުނީ ޒާހިރު ދެއްވި ހެޔޮ ނަސޭހަތްތައް އަޑު އަހައި އެއަށް އަމަލު ކުރުމުގެ ސަބަބުންނެވެ.

ޒާހިރު ނަސީރާ ގުޅޭ ގޮތުން މައިޒާން އަލިމަނިކުގެ އެންމެ ދުރު ހަނދާނަކީ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގެ ދުވަސްވަރު މާލޭގެ އިރުމަތީ ފަރާތުގައި ބާސްކެޓް ކޯޓެއް އަޅުއްވައިގެން އެތަނުގައި ކުޅުއްވި ހަނދާން ކަމަށް ފާހަގަ ކުރައްވަމުން އަލިބެ ވިދާޅުވީ އެ ދުވަސްވަރު މަޖީދިއްޔާ ސްކޫލް ނިންމާ ކުޅިވަރު ކުޅެން ފެށި އިރުވެސް ޒާހިރު ނަސީރު ހަމަ އެ ސްޕީޑުގައި ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށެވެ.

ޒާހިރު އުފެއްދެވި ނާސިރު ސްޕޯޓްސް އެކެޑަމީގައި ވެސް އުޅުއްވި އަލިބެ ވިދާޅުވީ އެމަނިކުފާނަކީ ކުޅިވަރު ކުރިއަށް ގެންދެވުމުގައި ލާމަސީލު މިސާލެއް ކަމަށާއި ކުޅިވަރުގެ އަޚުލާގާއި، އިހުތިރާމް ކުރަންވީ ގޮތާއި ބަހައްޓަންވީ ސުލޫކު ކިޔާދެއްވަމުން ގެންދެވި މުދައްރިސެއް ކަމަށެވެ. ފާހަގަވެގެން ދިޔައީ ކުޅިވަރުގެ އާއިލާއިން ބައްޕަ ވަކިވުމުން ކުރާ ހިތާމައެވެ. ޒާހިރު ނަސީރު އަވަހާރަވި ނަމަވެސް ދޫކުރައްވާފައި ވަޑައިގެންނެވި ނަސޭހަތްތަކާއި ފިލާވަޅުތަކަކީ އަންނަން އޮތް ޖީލުތަކާ ހަމައަށް ވެސް ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި އާލާވަމުން ދާނޭ ކަންކަމެވެ. " ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާއަބަދު ދެމި ހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ "...

Leave a Reply

Your email address will not be published. Required fields are marked *

Leave a comment
scroll to top