ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފުރަތަމަ ފަހަރަށް އަންހެން ބޭކަނބަލަކު ހަމަޖައްސައިފިއެވެ.
މި މަގާމަށް އައްޔަންކޮށްފައި ވަނީ ދިގުމުއްދަތަކަށް އަދި މިހާރުވެސް އދ.ގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ސެނެގާލްގެ ފާތިމާ ސަމްބާ ސަމޫރާއެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާތިމާ ހަމަޖެއްސެވީ އެ މަގާމުގައި ކުރިން ހުންނެވި ޖެރޯމް ވޯލްކޭ، ކޮރަޕްޝަންގެ މައްސަލަ ތަކާކާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކަކުން 12 އަހަރަށް ސަސްޕެންޑް ކުރުމާ ގުޅިގެން އެ މަގާމް ހުސްވެފައިވާތީއެވެ.
މި މަގާމަށް ފާތިމާ ހަމަޖެއްސުމަށްފަހު މިދިޔަ ފެބްރުއަރީ މަހު، ފީފާގެ ރައީސްކަމަށް އަލަށް އިންތިޚާބުވި، އެ އިދާރާގެ މިހާރުގެ ރައީސް އިންފެންޓީނޯ ވިދާޅުވީ، ކޮރަޕްޝަނާ ފަސާދައިގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް މިހާރު ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް، އެ އިދާރާ ތާޒާކޮށް، ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ފީފާ ފަދަ ޖަމިއްޔާއެއް ރަނގަޅު ގޮތުގައި ހިންގުމުގެ ވިސްނުމާއި ގާބިލުކަން ފާތިމާގެ ކިބައިގައި ހުރިކަން އޭނާ ސާބިތުކޮށްދެއްވާފައިވާ ކަމަށެވެ.
އަދި ފީފާއަށް އަލުން ފުޓްބޯޅަ ގެނެސް ފުޓްބޯޅައާ ފީފާ ގުޅުވައިދިނުމަށް އޭނާ ވަރުގަދަ ޖިހާދެއް ކުރައްވާނޭ ކަމަށެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ފާތިމާ ސަމޫރާ ހަމަޖެއްސެވިކަން އިއުލާނުކޮށްފައި ވަނީ، ޖެރޯމް ވޯލްކޭއާއި ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާގުޅިގެން ލައްގަނޑު ޖެހިފައިވާ ފީފާއަށް، މުޅިން އާ ބަދަލުތަކެއް ގެނައުމަށް މެކްސިކޯގައި ބޭއްވި ފީފާ ކޮންގްރެސްގައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ހިންގެވުމާ 1998 ވަނަ އަހަރު ހަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ އަހަރު ފީފާގެ ރައީސްކަމުގެ މަގާމުން ދުރުކުރެވުނު ބްލެޓާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ވަނީ ހަ އަހަރު ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ.
21 އަހަރުގެ ދިގު މުއްދަތަކަށް އދ.ގައި ޚިދުމަތްކުރައްވާފައިވާ މިހާރު އުމުރުން 54 އަހަރުގެ ސަމޫރާ، ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތައް ފައްޓަވާނީ އަންނަ ޖޫން މަހުއެވެ.