• President inaugurates new mosque in Kendhikulhudhoo

ރައީސް ސޯލިހު ފުރަތަމަ ބިންގާ އެޅުއްވި މިސްކިތް ކެނދިކުޅުދޫގައި ހުޅުވައިފި

ނ. އަތޮޅު ކެނދިކުޅުދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް "މަސްޖިދުއްރަހުމަތު"، ރައީސް ސޯލިހު ރަސްމީކޮށް ހުޅުއްވައިދެއްވައިފި އެވ.   ހެޔޮ އެދޭ ފަރާތަކުން ކެނދިކުޅުދޫގައި އިމާރާތްކޮށްދެއްވި މި މިސްކިތް ހުޅުއްވައިދެއްވީ، އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ ރައީސް ސޯލިހު އާއި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އުމަރު މަނިކު (އެމްޔޫ) މަނިކެވެ.   އެއްފަހަރާ 550 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހިމެނޭ މި މިސްކިތަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމަނިކުފާނު ފުރަތަމަ ބިންގާ އަޅުއްވައި ދެއްވި މިސްކިތެވެ. މި މިސްކިތް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ މާޗް، 17ގަ އެވެ.   މި މިސްކިތް އިމާރާތްކޮށް ނިންމާލުމަށް ހޭދަވެފައިވަނީ، ނުވަ މަހާއި ތިން ހަފްތާ އެވެ.   "މަސްޖިދުއްރަހުމަތު" ހުޅުއްވައިދެއްވުމަށްފަހު، ރައީސް ސޯލިހު ވަނީ މިސްކިތް ބައްލަވައިލައްވާ، މިސްކިތުގެ ގޯތިތެރޭގައި ގަހެއް އިންދަވައިދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އަރިހުގައި، ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ބައިވެރިވެ ވަޑައިގެންނެވި އެވެ.   މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތަކީ، އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅެމުންދާ ހުރިހާ ރައްޔިތުންނަށް ނަފާއާއި މަންފާ ލިބޭނެ ގޮތަށް ތަރައްގީގެ މަޝްރޫއުތައް ބައްޓަން ކުރުން ކަމަށެވެ. އެގޮތުން ކެނދިކުޅުދޫގައި މި ސަރުކާރުން ހިންގާނެ މަޝްރޫއުތަކާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ތަފްސީލަށް ރައީސް ވަޑައިގެންނެވި އެވެ.   މީގެ އިތުރުން ރައީސް ވިދާޅުވީ، ވިޔަފާރިތަކާއި އިންވެސްޓަރުންނަށް ހުރި ދަތިތައް ހައްލުކުރުމަށް ގާނޫނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ހުރަސްތައް ނައްތައިލުމަށް  ފާއިތުވި އަހަރުގެ ތެރޭގައި ސަރުކާރަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.   "އެކަމުގެ ހެޔޮ ނަތީޖާ މިހާރުވެސް ފެންނަމުން އެބަދޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.   މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ރައްޔިތުންގެ ފަރާތުންވަނީ ރައީސް ސޯލިހުއަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST