• Noonu Atoll Kunamalai

ނ. އަތޮޅުން ރިސޯޓް ހަދަން ދޫކުރާނީ އެންމެ ރަށެއް، 300 ވަޒީފާ އުފެދޭނެ

މި ސަރުކާރުން މުޅިން އަލަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށްތަކުގެ ތެރެއިން، މި އަތޮޅުގައި ރިސޯޓް ހަދަން ދޫކުރަން އެންމެ ރަށެއް ޓޫރިޒަމް މިނިސްޓްރީއިން ކަނޑައަޅަފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މި މަހުގެ 17 ވަނަ ދުވަހު އާންމުކުރި ރިސޯޓް ހަދަން އަލަށް ދޫކުރާ 28 ރަށުގެ ލިސްޓްގައިވާ ގޮތުގައި، ރިސޯޓް ހަދަން މި އަތޮޅުން ދޫކުރާނީ 8.60 ހެކްޓަރުގެ ކުންނަމަލައި އެވެ. އެ ރަށަކީ ނ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކާ ތަންކޮޅެއް ދުރުގައި ށ. އަތޮޅާ ކައިރިއަށް ވާ ގޮތަށް އޮންނަ ރަށެކެވެ. އަދި އެ ރަށަކީ، ބޮޑު ރީތި ހިތްގައިމު ފަޅެއްގެ ތެރޭގައި އަދިވެސް އިތުރު އެހެން ކުޑަ ރަށަކާ ވެސް ގުޅިފައި އޮންނަ ހިތްގައިމު ރަށެކެވެ. އެ ރަށާ ގުޅިގެން ދާ ގޮތަށް ރީތި ތުނޑިއެއް ވެސް އޮވެ އެވެ.

ޓޫރިޒަމް މިނިސްޓްރީއިން ލަފާކޮށްފައިވާ ގޮތުގައި، އެ ރަށުގައި 250 އެނދުގެ ރިސޯޓެއް ތަރައްގީ ކުރެވޭނެ އެވެ. އަދި އެ ރިސޯޓް ތަރައްގީކޮށްގެން މި އަތޮޅު ހިމެނޭ ގޮތުން، އިތުރު 300 ވަޒީފާ އުފެދޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަތޮޅުން ރިސޯޓް ތަރައްގީ ކުރަން 13 ރަށެއް ވަނީ ދީފަ އެވެ. އަދި އޭގެ ތެރެއިން ހަތް ރަށެއް ރިސޯޓް ހަދައި އަންނަނީ އޮޕަރޭޓް ކުރަމުން އެވެ. މި އަތޮޅު ހިމެނެނީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އަގު ބޮޑެތި ރިސޯޓް ހިމެނޭ އަތޮޅަށެވެ.

އަންނަ އަހަރުވެސް ބައެއް އާ ރިސޯޓްތައް މި އަތޮޅުގައި ހުޅުވުމަށް ވެސް އަންނަނީ ތައްޔާރުވަމުން އެވެ.

މި ސަރުކާރުން އަލަށް ރިސޯޓް ހަދަން ދޫކުރާ ރަށްތަކާއި ބިންތައް ތަރައްގީ ކުރުމުން، ޓޫރިޒަމްގެ ދާއިރާއަށް 13،720 އެނދު އިތުރުވެ، 18،672 އާ ވަޒީފާ އުފެދިގެން ދާނެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST