ދެހާސްތޭރަ ވަނަ އަހަރުން ފެށިގެން ރާއްޖެ އައީ ގިނަގުނަ ފިއްތުން ތަކެއްގެ ތެރޭގައެވެ. އޭރުގެ ސަރުކާރުން ސީދާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅިއެވެ. ރައްޔިތުންގެ އެތައް މިނިވަންކަމެއް ނިގުޅައިގަތެވެ. ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅިއެވެ. މިފަދަ ހާލަތެއްގައި ދިވެހި ރާއްޖެ ވަނިކޮށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަމަށް މިއަދަށް މީ އެއްއަހަރު ފުރުނުދުވަހެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ސޯލިހު ފެނިވަޑައިގެން ގޮސްފައިވަނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވުމުގައި މިންނަތް މަސައްކަތްކުރައްވާ ރައްޔިތުންގެ މިތުރެއްގެ ގޮތުގައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސްކަންކުރެއްވި ބޭފުޅުންގެ ތެރޭން އެންމެ ބޮޑު ކާމިޔާބީއެއް ރައީސްކަމުގެ ފުރަތަމަ އަހަރު ހޯއްދެވި ރައީސްއަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުކަމީ ޝައްކެއްނެތި ޔަޤީންވާކަމެކެވެ. ތިރީގައި ހިމަނާލާފައި އެވަނީ ރައީސް ސޯލިހު އެއް އަހަރު ދުވަހުކުރެއްވި ބުރަ މިންނަތް މަސައްކަތްތަކެވެ.
ރައީސް ސޯލިހުގެ އެއްއަހަރު ދުވަހު ކުރެއްވި ކަންތައްތައް:
- ވެރިކަމުގެ ފުރަތަމަ ދުވަހު ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި
- ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ހޯދުމަށް ވެސް ކޮމިޝަނެއް އުފެއްދެވި .
- ގޮންޖެހުންތަކާއެކު ވެސް ކޮމިޝަނަށް ގާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވި .
- ދެ ކޮމިޝަންގެ މަސައްކަތްތައް ބާރު ސްޕީޑްގައި ގެންގޮސް މުހިންމު ބައެއް މައްސަލައްވަނީ ނިންމާފަ.
- ގޮތްނޭންގޭ އެތައް މަރުތަކެއްގެ މައްސަލަތައް ވަނީ ނިމުމަކާއި ހަމައަށް އައިސްފަ .
- އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން 49 ރަށަކާއި ފަޅެއްގެ މައްސަލަ ބަލާ އެކަމަށް އިންސާފު ހޯދުމުގެ މަސައްކަތްވެސް ވަނީ ފެށިފަ.
- އަބުރުރައްކާތެރި ކުރުމާއި، ޚިޔާލުފާޅު ކުރުމުގެ ގާނޫނުގެ ނަމުގައި ރައީސް ޔާމީންގެ ސަރުކާރުން އެކުލަވާލި ގާނޫނު އުވާލެއްވި.
- ސިޓީ ކައުންސިލްތަކާއި، އެހެން ކައުންސިލްތަކުން އަތުލާފައިވާ ބާރުތައް އިއާދަ ކޮށް ދެއްވި.
- ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ރަށްރަށުގެ ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތް ވަނީ ފެށިފަ.
- އައިޖީއެމްއެޗްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
- ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފެށިފަ.
- ތިރީސް ހަތަރު ރަށެއްގެ ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި އަމަލީ މަސައްކަތް ވަނީ ފަށާފަ.
- ހަތް ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ.
- ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 4736 ދަރިވަރުން ދަނީ ކިޔަވަމުން.
- 567 ދަރިވަރުންނަށް ވަނީ ސްޓޫޑެންޓް ލޯން ދޫކޮށްފަ.
- ދަރިވަރުންގެ ނާސްތާ ޕްރޮގްރާމް މުޅި ރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވަނީ ފެށިފަ.
- އަންހެނުން ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ މުސާރަ ލިބޭ 6 މަސްދުވަހަށް ވަނީ ހަމަޖައްސާފަ.
- ބައްޕައަކަށްވުމުން ލިބޭ ޗުއްޓީ 1 މަސްދުވަހަށް ވަނީ އިތުރުކޮށްފަ
- 33 ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށަން އޮތީ ތައްޔާރުވެފަ.
- އަންނަ އަހަރު 143 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ފެށުމަށް ހަމަޖެހިފަ.
- އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 13 ރަށެއްގައި ވަނީ ޤާއިމްކުރެވިފަ.
- 14 ސަރަހައްދެއް، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުނު.
- ރާއްޖޭގެ ޚާރިޖީ ގުޅުންތައް ވަރުގަދަކޮށް ގައުމުތަކާއި އޮތް ގުޅުންތައް ވަނީ އިތުރުވެފަ.
- ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް އަލުން ވަނީ ފެށިފަ.
- ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 3.21 ބިލިއަން ރުފިޔާވަނީ ލިބިފަ.
- ގޭންގު ކުށްތަކުގައި މިއަހަރުގެ ތެރޭގައި އެއްވެސް މީހެއްގެ ފުރާނަ ގެއްލިފައެއް ނުވެ.
މީގެ އިތުރުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ދެއްވަވައިގެން ކުރައްވަމުން ގެންދަވާ ބުރަމިންނަތް މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. ރައީސް ސޯލިހުގެ 365 ދުވަސް، 360 ޑިގްރީން ބަލައިލާއިރު ހުރިހާ ދިމާލަކުންވެސް ފެންނަން އޮތީ ކުރިއެރުމާއި ކާމިޔާބެވެ. ރައީސް ސޯލިހުގެ ފުރަތަމަ އަހަރު ނިމިގެން މިދަނީ ރައްޔިތުންނަށް ހިނުތުންވުމާއި އުއްމީދު ގެނެސްދެއްވި އަހަރެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ކޮމެންޓް