ތާޅަފިލި: ރައީސް ޔާމީން ދައްކާވާހަކައިގަ ދެކޮޅު ދިމާނުވާތާ މެދުވެސް ދިމާނުވޭ !

އަހަރެން އާދައިގެ މަތިން ނިކުތީ ރަށުތެރެ ބަލައިލާ ބުރެއްޖަހާލާށެވެ. ހޮޅުއަށި ކައިރިއަށް ދިޔައިރު ތައްޚާނުބެ ވަރަށް ހިތްހަމަނުޖެހިގެން ދޮންފުތުބެއާއި ވާހަކަ ތަކެއްދައްކައެވެ. އަހަރެންފެނުމާއި އެކު ދޮންފުތުބެ އަތުގެ އިޝާރާތުން ހަނާ އަޅަން ފަށައިފިއެވެ. އަވަހަށް އެމީހުންކައިރިއަށް ގޮސްފީމެވެ. ތައްޚާނުބެ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. ޕީޕީއެމަށް މެމްބަރުން ވެއްދުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކި ވާހަކައަކުންނެވެ. ތައްޚާނުބެ އަހަރެން ދިޔައިމަ ރަނގަޅަށް އަޑުއެހުމަށް ބުނެ ވާހަކަތައް އަލުންފަށައިފިއެވެ. ދޮންފުތުބެ ބުނީ ތިވާހަކަތައް މިސޮރަށް ކިޔައިދިނުންވެސް މުހިންމުކަމަށެވެ.

ތައްޚާނުބެ ވާހަކަ ފެށިއެވެ. މިއުޅޭ ޔަމީން ކިޔާމީހަކު ރައީސް ކަމަށް މަސައްކަތް ފެށީ ގިނަ ވައުދު ތަކަކާއެކުއެވެ. ބެޔަސް ނުބެޔަސް މަސްވެރިންނަށް ދިހަހާސް ރުފިޔާ ދޭނަމޭ ބުންޏެވެ. ވެރިކަން ނިމުނު އިރުވެސް ނުލިބުނެވެ. ކޮންމެ ދަނޑުވެރިޔަކަށް އިންދިޔަސް ނީންދިޔަސް އަށްހާސް ރުފިޔާ ދޭ ބުންޏެވެ. އަށްހާސް ރުފިޔާ ލިބުނު ދަނޑުވެރިއެއްނެތެވެ. ރައީސް ޔާމީންގެ ކޮންމެ ތަޤުރީރެއްގައި އަޑަށް ބާރުލާފަ ބުނާނެ އަޅުގަނޑުގެ ވެރިކަމެއްގައި މަރަށް މަރުގެ އަދަބު ދޭނަމޭ. ވެރިކަން ނިމުނުއިރުވެސް އެދުވަހެއް ނުފެނުނު. ރައީސް ޔާމީނަކީ އޮޅުވާލުމާއި މަކަރާ އަނިޔާވެރިކަން ކުރިއަށް ނެރެގެން ވެރިކަންކުރިވެރިއެއް. ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކުރުމަށް ބާތިލް ދަޢުވާތަކެއްކޮށް ޖަލަށް ލި. ތައްޚާނުބެ ވާހަކަ ކުރިޔަށް ގެންދަނީ ވަރަށް ފޯރީގައެވެ.

 ރައީސް ޔާމީންގެ ރިޔާސީ ވައުދެއް އެއީ މުސާރައިގެ ދެބައިކުޅަ އެއްބައި ނެގުން. އެހެންނަމަވެސް  ދައުރުގެ ވަކި ހިސާބަކުން ދަރިންތިބެން އެޕާރޓްމެންޓެއް ހިފަން ޖެހިގެން ފުލް މުސާރަ ނެންގެވި ކަމަށް ވިދާޅުވި. އެމަނިކުފާނު ކިހާ ބޮޑަށް ދަތިފުޅުވީމާތޯ  ދެބައިކުޅަ އެއްބައި ނަގަން ބުނި އެއްޗެއް ފުރިހަމައަށް ނަގާނީ. މިކަންމިހެން ކޮށްފަ. އިއްޔެރޭ ބޭއްވި ޖަލްސާގައި އެބުނަނީ ތިމަންނަ ވެރިކަމަށް އައިރުވެސް ތިމަންނާ އެކައުންޓްގައި އެއްމިލިޔަން ޑޮލަރު ހުންނާނޭ. މީގަ ކޮންމެވެސް ގޯހެއް އެބައުޅޭ. އެމަނިކުފާނު ކުރިން އެބުނީ ދޮގެއް. އެހެންނޫނީ މިހާރު އެމަނިކުފާނު އެހުންނެވީ ބުއްދި ގޯސްވެފަ. ތައްޚާނުބެއަށް ފޯންކޯލެއް އައުމާއެކު ތައްޚާނުބެ އިރުކޮޅަކުން ހިނގައްޖެއެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ