އެމްޑީޕީ ވެލިދޫ ހިންގާ ކޮމެޓީގެ ރައީސް އަކަށް އާތިފް، ނައިބު ރައީސް އަކަށް ހަސަން ފާއިޒު ހޮވައިފި

ނ. ވެލިދޫގެ އެމްޑީޕީގެ ގޮފިތަކުގެ މެދުގައި އުފައްދާފައި އޮންނަ ހިންގާ ކޮމެޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިހާބު ބާއްވާ އެމްޑީޕީ ވެލިދޫ ހިންގާ ކޮމެޓީގެ ރައީސް އަކަށް އާތިފް ހުސެއިން އަދި ނައިބު ރައީސް އަކަށް ހަސަން ފާއިޒު އިއްޔެ އިންތިހާބު ކޮށްފި އެވެ.

މެއްލަ ހަރުގޭގައި އިއްޔެ ކުރިޔަށް ގެންދިޔަ މި އިންތިހާބުގައި ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ އާތިފް ހުސެއިން އެކަނިކަމުން ވޯޓްލުން ކުރިޔަށް ގެންދިޔައީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ. އާތިފް ރައީސް ކަމުގައި ހުންނެވުމަށް ފެންނަ ކަމަށް 136 މެމްބަރަކު ވޯޓް ދީފައިވާއިރު ނުފެންނަ ކަމަށް ވޯޓް ދީފައި ވަނީ 07 މެމްބަރުންނެވެ. ނައިބު ރައީސް ކަމަށް ވެސް ކުރިމަތި ލައްވާފައި ވަނީ ހަސަން ފާއިޒު އެކަނި ކަމުން ފެންނަ ނުފެންނަ ވޯޓްގައި ހަސަން ފާއިޒު ނައިބު ރައީސް ކަމުގައި ހުންނަވަން 125 މެމްބަރުން ވޯޓް ދީފައިރު، ނުފެންނަ ކަމަށް 18 މެމްބަރަކު ވަނީ ވޯޓް ދީފަ އެވެ.

ހިންގާ ކޮމެޓީގެ ސެކެއްޓްރީ ކަމަށް އަބްދުﷲ ސިރާޖު ހުންނަވަން ފެންނަ ކަމަށް 128 މެމްބަރުން ވޯޓްދީފައިވެ އެވެ. ނުފެންނަ ކަމަށް ވޯޓް ދީފައި ވަނީ 15 މެމްބަރުންނެވެ. ހަޒާންދާރަކަށް ކުރިމަތި ލެއްވި މުހައްމަދު އަރީފަށް ފެންނަ ކަމަށް ވޯޓް ދީފައި ވަނީ 121 މެމްބަރުންނެވެ. ނުފެންނަ ކަމަށް 22 މެމްބަރަކު ވޯޓް ދީފައިވެ އެވެ. ރެޖިސްޓަރާ އަށް ކުރިމަތިލެއްވި މުހައްމަދު އާދިލް އަށް ފެންނަ ކަމަށް 124 ވޯޓް ލިބިވަޑައި ގެންނެވިއިރު ނުފެންނަ ކަމަށް 19 ވޯޓެއް ލިބިލައްވާފައިވެ އެވެ.

ހިންގާ ކޮމެޓީ އަށް ދެ ކޯޑިނޭޓަރެއް ނެގުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ތިން ބޭފުޅަކު މި މަގާމަށް ކުރިމަތި ލެއްވި އެވެ. މި މަގާމު އަށް އެންމެ ގިނަ ވޯޓް ލިބިވަޑައި ގެންނެވީ 105 ވޯޓް ލިބިވަޑައިގެންނެވި ހަސަން އަބްދުލް ލަތީފް އަށެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓާއެކު ދެވަނަ ކޯޑިނޭޓަރަކަށް ހޮވި ވަޑައިގެންނެވީ 82 ވޯޓް ލިބިވަޑައިގެންނެވި މުހައްމަދު ފާއިޒު އެވެ. މި މަގާމަށް ހޮވިވަޑައި ނުގެންނެވި ކެނޑިޑޭޓް މުހައްމަދު މުޖުތަބާ އަށް ލިބިވަޑައިގެންނެވީ 58 އަށް ވޯޓެވެ. މި ވޯޓްގައި ބާތިލް އެއް ވޯޓް ހިމެނެ އެވެ.

ވެލިދޫ އެމްޑީޕީގެ ހިންގާ ކޮމެޓީގެ މީޑިއާ ކޯޑިނޭޓަރަކަށް ދެ ބޭފުޅުން ނަގަން ޖެހޭއިރު ތިން ބޭފުޅަކު މި މަގާމަށް ވެސް ކުރިމަތި ލައްވާފައިވެ އެވެ. މި މަގާމަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގެން ހޮވިވަޑައި ގެންނެވީ 125 ވޯޓް ލިބިވަޑައިގެންނެވި އަޖުވަދު ހުސެއިން އެވެ. ދެވަނަ އަށް ހޮވިވަޑައި ގެންނެވީ 61 ވޯޓް ލިބިވަޑައިގެންނެވި އަލީ ސިމާހު އެވެ. މި މަގާމަށް ހޮވިވަޑައި ނުގެންނެވި އަހުމަދު ހާލިދު ލިބިވަޑައިގެންނެވީ 55 ވޯޓެވެ. އަދި މި ވޯޓްގައި ބާތިލް 03 ވޯޓް ހިމެނެ އެވެ.

އެމްޑީޕީ ވެލިދޫ ހިންގާ ކޮމެޓީގެ ވޯޓްގައި ބައިވެރިވެފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިގެންވާ 766 މެމްބަރުންގެ ތެރެއިން 143 މެމްބަރުންނެވެ. އެމްޑީޕީ ވެލިދޫ ހިންގާ ކޮމެޓީގެ ގަވާއިދު ބުނާ ގޮތުން އަލަށް އިންތިހާބުވި ހިންގާ ކޮމެޓީގެ ދައުރަކީ 05 އަހަރެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST