ލާމަރުކަޒުކޮށް ރާއްޖެ ހިންގުމަކީ ރާއްޖެއަށް އަބަދުވެސް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ގިނަބަޔަކު ބުނަމުންއަންނަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ ކުރިން 1980 ގެ ފަހުކޮޅުން ފެށިގެން ލާމަރުކަޒުކުރުމުގެ ވާހަކަތައް ތުންތުންމަތިން ދެއްކެވެމުންދެއެވެ. ލާމަރުކަޒީރާއްޖެ އެއްގެނައުމަށް އެމްޑީޕީ އުފެދުނު ދުވަހުން ފެށިގެންވެސް ބުނަމުންދިޔައެވެ. އެމްޑީޕީން ހިތްވަރާއެކު ކުރި މިންނަތް މަސައްކަތުން 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އައެވެ. އަދި ލާމަރުކަޒީ ޤާނޫނެއް އެކުލަވާލާ ލާމަރުކަޒީ ޤާނޫނަކުން ރާއްޖޭގެ ރައްތަށް ހިންގުމަށްޓަކައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ކައުންސިލްތަކެއް 2011 ވަނަ އަހަރު އެކުލަވާލިއެވެ. 

ލާމަރުކަޒީ ޤާނޫނު ފުރަތަމަ ފާސްކުރިއިރު އެމްޑީޕީއަކީ މަޖިލީހުގެ މައިނޯރިޓީ ޕާރޓީއެވެ. އޭރު މެޖޯރިޓީ ޕާޓީއަކީ ޑީއާރުޕީއެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކީ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. ސަރުކާރަށް ޖެއްސުންކުރުމަށް ކޮންމެ ރަށެއްގައި ފަސް ކައުންސިލަރުން ތިބޭގޮތަށް ޤާނޫނަށް ބަދަލުގެނެސް ފާސްކުރީ ސީދާ ޑީއާރުޕީން އިސްނަގައިގެންނެވެ. ލާމަރުޒް ކޮށް 2011 ވަނަ އަހަރު ހިންގަން ފެށިނަމަވެސް އެންމެ އެދެވޭ ތަރައްޤީއާއި ބަދަލުތައް ރައްޔިތުންނަށް ފުރަތަމަ ކައުންސިލް ތަކަކުން ނުފެނުނެވެ. ރާއްޖޭގައި އުފެދުނު ފުރަތަމަ ކައުންސިލްތައް ވޭތުކުރަންޖެހުނީވެސް ވަރަށް އެހެން ކަހަލަ ދުވަސްތަކެއްކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. ތިން އަހަރަށް އިންތިހާބުކުރި ކައުންސިލްގެ ދައުރު ނިމިގެން ދިޔައީ ރާއްޖޭގެ 3 ރައީސެއް ރައީސް ކަމުގައެވެ. 2011 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދެވެ. 2012 ވަނަ އަހަރު ރައީސް ޑރ. ވަހީދެވެ. 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. 

ރައީސް ޔާމީންގެ ވެރިކަން ފެނިގެންދިޔައީ ލާމަރުކަޒުކުރުމާއި ބީރައްޓެހި ގޮތަކަށެވެ. ގިނަ ބާރުތަކެއް މާލެއަށް ޖަމާކުރިއެވެ. ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސް އާބާދީ 3000 ށް ވުރެ މަދު ރަށްތަކުގެ ކައުންސިލަރުންގެ އަދަދު ތިން ކައުންސެލަރުންނަށް މަދުކުރިއެވެ. 

ކައުންސިލްތަށް ބިރުވެރިކަމާ ނާމާންކަމެއްގެ ތެރެއަށް ދިޔައެވެ. މިހުރިހާކަމެއްގެ ތެރޭން ރައީސް ޔާމީންގެ ވެރިކަން ނިމި ރަޢީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަން މިވަނީ ރާއްޖެއަށް މަރުޚަބާ ކިޔާފައެވެ. ރައީސް ސޯލިހު އެމަނިކުފާނުގެ ކެމްޕޭނުގައިވެސް ވަޢުދުވެ ވަޑައިގަންނަވަމުން ދިޔައީ ކަސްތޮޅު އެޅިފައިވާ ކައުންސިލްތައް މިނިވަންކުރާނެ ވާހަކައެވެ. ކައުންސިލްތަކަށް ޤާނޫނީ ބާރު ހޯދައިދޭނެ އުފާވެރި ޚަބަރު ތަކުގެ ވާހަކައެވެ. ކައުންސިލް ޤާނޫނަށް ގެންނަ އިސްލާހަކުން އަންހެނުންނަށް ކައުންސިލް ތަކުގެ 33 އިންސައްތައް ހޯދައިދޭނެ ވާހަކައެވެ. 

އާބާދީގައި ތިންހާސް ހަމަނުވާ ރަށެއްގައި 3 ކައުންސެލަރުން އިންތިހާބުކުރުމަކީ އެންމެ ރަނގަޅު އަދަދެކެވެ. ނަމަވެސް އަންހެނަކު ކައުންސިލަށް ނުނިކުމެއްޖެ ހިނދެއްގައި ދެންވާންވާނެ ގޮތެއް ސާފުކޮށް ލާމަރުކަޒީ ޤާނޫނުގައި އޮތުމަކީ އެހާމެ މުހިންމު އަދި ބޭނުންތެރި ކަމެކެވެ. ސަބަބީ މިހާލަތަކީ އަތުވެދާނެ ހާލަތަކަށްވުމެވެ. ލާމަރުކަޒީ ޤާނޫނު އިސްލާހުކުރާ މިދަނޑިވަޅުގައި މީ ވިސްނާލުން މުހިންމު ކަމެކެވެ. 

އަތޮޅު ކައުންސިލްތައް ކޮންމެ އިންތިހާބީ ދާއިރާއަކުން މީހަކު އިންތިހާބު ކޮށްގެން އެއިންތިޚާބުކުރެވޭ މެމްބަރުންގެ މެދުން ރައީސަކާ ނައިބްރައީސެއް އައްޔަނުކޮށްގެން ލާމަރުކަޒީ ކޮށް އަތޮޅުތައް ހިނގާފައި ނުވާކަން މީ ފެންނާން އޮތް ހަޤީޤަތެކެވެ. އަތޮޅު ކައުންސިލް މެމްބަރުންނަށް ވާންވީ އެއަތޮޅެއްގެ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނެވެ. ކޮންމެ އަހަރަކު އަތޮޅު ކައުންސިލް ޗެއަރ ކުރާނެ މީހަކު އިންތިހާބުކުރެވިދާނެއެވެ. ކޮންމެ މަހަކު އެއްފަހަރު އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނީއެވެ. އަދި އަތޮޅު ކައުންސިލް ދުވަހުން ދުވަހަށް ހިންގާނީ ސެކްރެޓަރީ ޖެނެރަލްއެވެ. މިއީ އަތޮޅު ކައުންސިލް އެކުލަވާލުމުގައި އަޅުގަނޑުގެ ހިޔާލެވެ. 

        ލާމަރުކަޒީ ޤާނޫނަށް ގެނެވޭ އިސްލާހުތަކާއެކު ކައުންސިލްތައް ބާރުވެރިވެ ރައްޔިތުންނަށް އުފާވެރިކަން ލިބުމަކީ ރައްޔިތުން ކުރަމުން އަންނަ އުންމީދެވެ.2020 ވަނަ އަހަރުން ކައުންސިލްތަކަށް ލިބޭނެ ބަޖެޓްވެސް ބޮޑެވެ. އަޅުގަނޑުގެ އުއްމީދަކީވެސް  2020 ވަނަ އަހަރު އެކުލަވާލެވޭ ކައުންސިލްތަކުން އުފާފާގަތި ދުވަސްތަކެއް ދިވެހި ޤައުމަށްލިބުމެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST