ނޫނު އަތޮޅު މެމްބަރުންގެ ހާޒިރީ ރަނގަޅު، ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ ވެލިދޫ ދާއިރާގެ މެމްބަރު!

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ނ. އަތޮޅު މެމްބަރުންގެ ހާޒިރީ އަށް ބަލާއިރު އެއްވެސް ޖަލްސާއެއް ވައްޓާ ނުލައްވާ ހަމައެކަނި ވަޑައިގެންނެވި މެމްބަރަކީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ކަމަށް މަޖިލިސް އިން އާންމުކުރި ހާޒިރީން ދައްކައިފި އެވެ.

މަޖިލިހުން އާންމު ކުރި 19 ވަނަ މަޖިލިހުގެ ފުރަތަމަ ދައުރުގެ ހާޒިރީގައިވާ ގޮތުން އެ ދައުރުގައި ބޭއްވި 47 ޖަލްސާ އަށް މުހައްމަދު އަބްދުﷲ ޝަފީގް ހާޒިރުވެ ވަޑައިގެންނެވި އެވެ. މަޖިލިހުގެ ހުރިހާ ޖަލްސާތަކަށް ހާޒިރުވެވަޑައިގެންފައި ވަނީ 35 މެންބަރެކެވެ.

ނ. އަތޮޅު މެމްބަރުންނަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ ޖަލްސާ އަށް ވަޑައިގެންނެވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ އެވެ. ޔޫނުސް ވަނީ އެންމެ ޖަލްސާ އެއްފިޔަވާ ހުރިހާ ޖަލްސާ އަކަށް ވަޑައިގަންނަވާފަ އެވެ.

މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން 2 ޖަލްސާ އަކަށް ވަޑައިނުގަންނަވަ އެވެ. އަދި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ތިން ޖަލްސާ އަކަށް ވަޑައިނުގަންނަވަ އެވެ. ނޫނު އަތޮޅު މެމްބަރުންގެ ހާޒީރީ ރަނގަޅުއިރު، ވަޑައިނުގަންނަވާ ދުވަސްތަކަކީ މުޅިން ވެސް ސަލާމް ބުނުއްވާފައިވާ ދުވަސްތަކެވެ.

މިދިޔަ ދައުރުގައި 47 ވަނަ ޖަލްސާ ބޭއްވުމަށް ފަހު، މަޖިލިހުގެ މެމްބަރުން އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ވަނީ ވަޑައިގެންފަ އެވެ. މިއީ އެއް ދައުރު ތެރޭގައި މިހާ ގިނަ ޖަލްސާ ބޭއްވި ފުރަތަމަ ފަހަރެވެ.

މަޖިލިސް 19ގެ ފުރަތަމަ ދައުރުގައި މަޖިލިހަށް 161 މައްސަލައެއް ހުށަހެޅި އިރު، އޭގެތެރެއިން 70.2 ޕަސެންޓު ނިމިފައިވެ އެވެ. އަދި މަޖިލިހުގެ ކޮމިޓީތަކުން 400 އަށް ވުރެ ގިނަ ބައްދަލުވުން ބޭއްވި އެވެ. އަދި ކޮމިޓީތަކަށް 500 އަށް ވުރެ ގިނަ ގަޑިއިރު ހޭދަކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ކޮމެންޓް

މި ލިޔުމަށް ކޮމެންޓްކުރަށްވާ

TEST